Roadha Mihaaru
މަޖިލިސް ރައީސް މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަނީ

މަޖިލިހުގެ ރައީސް އަބްދުއްރަހީމް މުރައިދޫގެ އަށް ބަދަލުވެވަޑައިގަންނަވަނީ

24 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް އަބްދުއްރަހީމް ވަނީ އެމަނިކުފާނު މުރައިދޫގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް ގެންނަން ސިޓީއަކުން ހުށަހަޅުއްވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފަށަންވާއިރަށް އެތަނުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަން މަޖިލީހުގެ ރައީސް ބޭނުންވޭ،" ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

އަބްދުއްރަހީމް ހުށަހެޅުއްވީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކޮށް، ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަށެވެ.

އެ ކޮމިޓީގައި އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއު ވިދާޅުވީ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅު މަރާމާތުކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިމާރާތްކުރާ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިމާރާތްކުރާ ރަސްމީ ގެކޮޅު ކަމަށްވާ މުރައިދޫގެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެންވެ، އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް ބަދަލުތައް ގެންނަން އޭނާ ކޮމިޓީއަށް ހުށަހެޅުއްވި އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 8 މެމްބަރުންގެ ތާއީދާއެކު އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

މުރައިދޫ ގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެއެކެވެ.

ބޮމުގެ ހަމަލާއަށް ފަހު ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް ނަޝީދަށް ފަހު މަޖިލީހުގެ ރައީސްގެ މަގާމު އެންމެ ފަހުން އަދާ ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރި ނޫޅުއްވަ އެވެ.

އޭގެފަހުން މިދިޔަ މެއި މަހު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް، އަބްދުއްރަހީމް ވެސް މިހާތަނަށް ދިރިއުޅުއްވަނީ އޭނާގެ އަމިއްލަ ގެކޮޅުގަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން މަޖިލީހުގެ އިދާރާއިން ކުރިން ބުނީ މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި މަޖިލިސް ރައީސް އެތަނަށް ބަދަލުވެވަޑައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެ މަސައްކަތް ނިންމައި މަޖިލީހާ ތަން ހަވާލުކުރުމުން ކަމަށް ބުންޏެވެ.