Roadha Mihaaru
އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެވަޑައިގެންފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެވަޑައިގެންފި

27 ޖުލައި 2024

ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ދައުލަތުން ހާއްސަ ކޮށްފައިވާ ގެކޮޅު މުރައިދޫގެ އަށް، މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެވަޑައިގެންފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ދައުލަތުން ހާއްސަ ކޮށްފައިވާ ގެކޮޅު މުރައިދޫގެ އަށް، މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާ އިން މިރޭ ބުނިގޮތުގައި މަޖިލީހުގެ ރައީސް މުރައިދޫގެ އަށް ބަދަލުވެވަޑައިގަތީ އިއްޔެގަ އެވެ. އިއްޔެއަކީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ވެސް މެ އެވެ.

މުރައިދޫގެއަށް އަބްދުއްރަހީމް މި ބަދަލުވެވަޑައިގަތުމަށް އެ އިމާރާތް މަރާމާތު ކުރުމަށް ފަހު އެވެ.

މިދިޔަ މެއި މަހު 20 ވަނަ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް، އަބްދުއްރަހީމް މީގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ އޭނާގެ އަމިއްލަ ގެކޮޅުގަ އެވެ.

އަބްދުއްރަހީމް ވަނީ މުރައިދޫގޭގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު ހުށަހެޅުއްވީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކޮށް، ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަކަށެވެ.

އެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިން މިދިޔަ ބުދަ ދުވަހު ވަނީ ދީފަ އެވެ.

މުރައިދޫ ގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެކޮޅެކެވެ.

ބޮމުގެ ހަމަލާއަށް ފަހު ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް ނަޝީދަށް ފަހު، މަޖިލީހުގެ ރައީސްގެ މަގާމު އެންމެ ފަހުން އަދާ ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރިނޫޅުއްވަ އެވެ.