Roadha Mihaaru
10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ރާއްޖެ އައި އެމެރިކާ މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

18 މެއި 2022

ރާއްޖެ އަށް ބްރެޒިލް އިން އައި އެމެރިކާގެ މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އަށް ބްރެޒިލް އިން އައި އެމެރިކާގެ މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވައިގެ މަގުން އައި އެ މީހާގެ އަތުން މަސްތުވާތަކެތި އަތުލައިގަތީ މި މަހު 11 ގައި ކަމަށެވެ. އެ މަސްތުވާތަކެތި ފެނުނީ، އޭނާ އަށް ޝައްކުކުރެވިގެން، ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ބުންޏެވެ.

އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، ކޮކެއިން އަށް ޕޮޒިޓީވްވި ކަމަށް އެ އިދާރާ އިން ބުންޏެވެ.

އެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.1 ކިލޯ ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީގެ އަގު 10 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ މައްސަލައިގައި ޝާމިލުވާ މީހާ އާއި އޭނާގެ އަތުން އަތުލައިގެން ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފަހަކަށް އައިސް ބްރެޒިލުން ރާއްޖެ އަށް ވައިގެ މަގުން އެތެރެވާން އުޅުނު ގިނަ ބައެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. މިދިޔަ އަހަރު ވެސް 18 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް ބްރެޒިލްގެ މީހަކު ހައްޔަރުކުރި އެވެ. އޭނާގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ. އަދި 4.2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބްރެޒިލްގެ މީހެއް ވެސް ހައްޔަރުކުރި އެވެ.