Roadha Mihaaru
ސުޕީރިއާ ކޯޓު އިމާރާތުގެ މަސައްކަތް ފަށަނީ

ސުޕީރިއާ ކޯޓު އިމާރާތުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

27 ޖުލައި 2024

މާލޭގައި ހިންގާ ދަށު ކޯޓުތައް ނުވަތަ ސުޕީރިއާ ކޯޓުތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އަންނަ އަހަރު އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި ހިންގާ ދަށު ކޯޓުތައް ނުވަތަ ސުޕީރިއާ ކޯޓުތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އަންނަ އަހަރު އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަނާ ހުވަފެނަކަށް ވެފައި އޮތް އޮތުން ބަދަލުކޮށް، ސުޕީރިއާ ކޯޓުތަކުގެ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޖުޑިޝަރީގެ ބޭފުޅުން ބޭނުންވާ ފެންވަރަށް އެ ތަން އަޅައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަށް އޮތީ ވަރަށް އިހުމާލުވެފައި ކަމަށާއި ނަމަވެސް، މި ސަރުކާރުން އެ ދާއިރާއަށް ދޭން ޖެހޭ ސަމާލުކަން ދޭނެ ކަމަށެވެ.

ޝަރުއީ ކޯޓުތައް އިމާރާތް ކުރަން ހުޅުމާލެ އިން ހާއްސަކުރި ބިމުގައި ހަދާ ތަންތަނުގެ ކުރެހުން ނިމިފައިވީ ނަމަވެސް އެ މަޝްރޫއަށް މިހާތަނަށް ފައިސާ ހަމަނުޖެހިފައެއް ނުވެ އެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ދާއިމީ އިމާރާތެއް ނެތި، ޖާގައިގެ ދަތިކަން އިންތިހާ އަށް އޮތުމަކީ ބޮޑު މައްސަލައެކެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓު ވެސް ހިންގަމުން ދަނީ ވަގުތީ އިމާރާތްތަކުގަ އެވެ.

ޝަރުއީ ދާއިރާގެ ދާއިމީ އިމާރާތެއްގެ ގޮތުގައި މިހާރު ހުރީ ޖަސްޓިސް ބިލްޑިންގް އެކަންޏެވެ. ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އެއް ބައި ހިންގަނީ ވެސް ވަރަށް ބޮޑަށް ބާވެ، ޖާގަ ދަތިވެފައިވާ އިމާރާތެއްގަ އެވެ.

މިހާރު އެންމެ ބޮޑަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވަނީ ކްރިމިނަލް ކޯޓަށެވެ. ކުރީގެ އެސްޓީއޯ ބިލްޑިންގްގައި އެ ކޯޓު ހިންގަމުން ގެންދާއިރު އެ އިމާރާތް ބާވެ، ބޮޑު ބައެެއް ބޭނުން ނުކުރަން ވަނީ އަންގައިފަ އެވެ. އެ ކޯޓުން ޝަރީއަތްތައް މަދުކޮށް، ކުރިއަށް ގެންދާތާ ވެސް ވަނީ ދުވަސްތަކެއް ވެފަ އެވެ.

ކްރިމިނަލް ކޯޓަށް ވަގުތީ އިމާރާތެއްގެ ގޮތުން ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތް އަންނަނީ ތަރައްގީ ކުރަމުންނެވެ. އެޗްޑީސީ އިން އެ މަސައްކަތް ކުރަމުން ދާއިރު އެ ތަނަށް ކޯޓު ބަދަލު ކުރަން 33 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ނަމަވެސް، އެ އިމާރާތް ކްރިމިނަލް ކޯޓަށް ދޭން ނިންމާފައިވަނީ ފަސް އަހަރަށެވެ.