Roadha Mihaaru
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މީހުން ވަކިކުރާނަން: ރައީސް

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ މީހަކު ސަރުކާރުގައި ހުރިނަމަ ވަކިކުރާނަން: ރައީސް

11 އޯގަސްޓް 2024

ޝަރުއީ ނިޒާމަށް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ މީހަކު ސަރުކާރުގެ މަގާމެއްގައި ހުރެއްޖެ ނަމަ، މަގާމުން ވެސް ވަކި ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ނިޒާމަށް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ކަމެއް ކުރާ މީހަކު ސަރުކާރުގެ މަގާމެއްގައި ހުރެއްޖެ ނަމަ، މަގާމުން ވެސް ވަކި ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލާ ރައީސް މިއަދު ބައްދަލު ކުރެއްވުމަށްފަހު ނިކުމެވަޑައިގެން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް އޮފީހުގެ ތެރެއިން ނޫނީ ސަރުކާރުގެ ތެރެއިން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެ ކަމާއި އެކަން އަދިވެސް އޮތީ އެގޮތަކަށް ކަމަށެވެ.

"ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ. އެފަދަ ނުފޫޒެއް ފޯރުވާ މީހަކު މަގާމެއްގައި ހުރި ކަމަށްވާ ނަމަ މަގާމުން ވެސް ވަކިކުރާނަން. އަޅުގަނޑުގެ ކިބައިން އަދި އަޅުގަނޑު އައްޔަން ކޮށްފައި ހުރި މަގާމެއްގައި ހުރި މީހެއްގެ ކިބައިން ވެސް ޝަރުއީ ނިޒާމަށް ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޓޮލަރޭޓް ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ޝަރީއަތް ހައި ކޯޓުގައި ހިނގިއިރު ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެއްވި އެވެ. ޔާމީން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ވަނީ ޝަރީއަތް ލަސްކުރުމަށް މަސައްކަތްކޮށްފަ އެވެ.

އެ ބޭފުޅުންނަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ބޭފުޅުންގެ އޯޑިއޯތައް ވެސް ހާމަ ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ޔާމީން ވިދާޅެއް ނުވެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ކުރިމަތިނުލެއްވުނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ނުނިމި އޮތުމުންނެވެ. އެ ޝަރީއަތް ލަސްކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މަސައްކަތް ކުރައްވައި، އަދި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ފުރުވާލައި، އޭނާއަށް ރާއްޖެ ވަޑައިނުގެންނެވޭ ގޮތަށް ލަސްކުރުވި ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވާފައިވެ އެވެ.