Roadha Mihaaru
ސަރުކާރު ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ

ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އާރްޓީއައި ގާނޫނު ހިންގޭނެ: ސުޕްރީމް ކޯޓް

28 ޖުލައި 2024

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތް މާއްދާ ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތް މާއްދާ ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަކަށް ސާފުކޮށް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެ ކަމަށް ބުނެފައި އޮވެ އެވެ. އެހެންވެ، އެމްޓީސީސީން ދައުވާކުރީ ގަވާއިދުގެ އެ މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ބުނެ، އެ މާއްދާ ބާތިލް ކުރުމަށެވެ.

އެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ގަވާއިދުގެ އެ ބައި ގާނޫނާ ހިލާފު ނޫން ކަމަށެވެ.

އެ މައްސަލަ އެމްޓީސީސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުން އެހީ ލިބިގެންވާ ފަރާތްތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ، އެކަން އިތުރަށް ތަފުސީލުކޮށް ދިނުމަށް ގަވާއިދުގައި އެފަދަ މާއްދާއެއް ހިމެނުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް އޮންނާނެ ކަމަށެވެ. އެހެންވެ، ގަވާއިދުގައި އެގޮތަށް ހިމެނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައި ވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެގޮތަށް ނިންމި ނަމަވެސް ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެތޯ ބެލުމުގައި ސަރުކާރުގެ ކޮންޓްރޯލް އެ ކުންފުންޏެއްގެ މައްޗަށް އޮންނަ މިންވަރެއްގެ މައްޗަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ފާހަގަކުރީ ސަރުކާރުގެ އެކި ކުންފުނިތަކުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ މިންވަރު ތަފާތު ވާތީ އެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.