އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ ޚިލާފަށް ކަމާ މެދު އެއްވެސް ބަހުސެއް ހިނގުމެއް ނެތި ސުޕްރީމް ކޯޓުން އެ މައްސަލަ ހުކުމާ ހަމައަށް ހިނގައްޖެ އެވެ.
30 ސެޕްޓެމްބަރ 2021
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ ޚިލާފަށް ކަމާ މެދު އެއްވެސް ބަހުސެއް ހިނގުމެއް ނެތި ސުޕްރީމް ކޯޓުން އެ މައްސަލަ ހުކުމާ ހަމައަށް ހިނގައްޖެ އެވެ.
މައުލޫމާތު ހޯދައިި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓުގައިި އިސްތިއުނާފު ކުރެވިދާނެ އެވެ. އެކަމަކު އެމްޑަބްލިއުއެސްސީގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލައެއްގައި ހައި ކޯޓުން މި އަހަރު ނިންމީ ގާނޫނުގައި އެގޮތަށް އޮތަސް، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. އެ މައްސަލަ އެމްޑަބްލިއުއެސްސީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ފެށުމާ އެކު، އެޓާނީ ޖެނެރަލްގެ އޮފީހާއި އެމްޑަބްލިއުއެސްސީގެ އިތުރުން އިންފޮޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަކާލާތުކުރީ ހައި ކޯޓުގެ ހުކުމާ ދެކޮޅަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ހައި ކޯޓުން ގާނޫނު މާނަކުރީ ގާނޫނު މާނަ ކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ބެލުމުގެ އިހްތިސާސް ނެތް ކަމަށް ނިންމިޔަސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލޭނީ ހައި ކޯޓަށް ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށާއި އެހެންވެ، އެއީ ގާނޫނާ ޚިލާފަށް ހައި ކޯޓުން ނިންމި ނިންމުމެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ހައި ކޯޓަށް އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ގާނޫނު މާނަކުރަން ފެށުމުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށާއި އެކަމަކު ގާނޫނުގެ މަގްސަދަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ކޯޓުގައި ބެލުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ޚިލާފު ނިންމުމެއް ކަމަށާއި އެހެންވެ، ހައި ކޯޓަށް އެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދުނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވަކީލު މަރިޔަމް ޝުނާނާ ވެސް ވިދާޅުވީ، އެ އޮފީހުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނިކޮށް، ހައި ކޯޓުން އެގޮތަށް ނިންމީ ގާނޫނުގެ މަގްސަދަށް ބެލުމެއް ނެތި ކަމަށެވެ. އަދި ހައި ކޯޓުން އެގޮތަށް ނިންމީ ގާނޫނުގައި އޮތް އިބާރާތަކަށް އެކަނި ބަލައިގެން ކަމަށާއި އެއީ ގާނޫނު މާނަ ކުރުމުގެ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޝުނާނާ ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް އެދުނީ ހައި ކޯޓުން ނިންމުން ބާތިލްކޮށް، އެފަދަ މައްސަލަތައް އެ ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެމްޑަބްލިއުއެސްސީގެ ވަކީލް ޝަހުދީ އަންވަރު ވެސް ވިދާޅުވިގޮތުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުމަކީ ގާނޫނުގެ މަގްސަދެވެ. އަދި ދައުލަތާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ފާހަގަކުރި ކަންކަމަށް އޭނާ ވެސް ތާއީދު ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުން އިއުލާން ކުރެއްވީ އިތުުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
އެ މައްސަަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.
އައިކޮމްގެ ނިންމުން ނުބަލާ މައްސަލާގެ ޝަރީއަތް ފަށަނީ
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
އައިކޮމްގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ:މަހާޒު
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް
ސަރުކާރު ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ
އިބޫގެ ދަތުރުފުޅުގެ ރިސިޓް ހާމަކުރަން ނުޖެހޭނެ:ދައުލަތް
ރައީސްގެ ދަތުރު ހަރަދު ހާމަކުރާތީ ސުޕްރީމް ކޯޓަށް
އައިކޮމްގެ ނިންމުން ނުބަލަން ނިންމީ ގާނޫނާ ޚިލާފަށް
އައިކޮމްގެ ނިންމުމެއް ބަލަން ހައި ކޯޓަށް އަންގައިފި
އައިކޮމް ނިންމުންތައް ނުބަލަންކުރި ހުކުމް އިސްތިއުނާފަށް