Roadha Mihaaru
އައިކޮމްގެ ނިންމުން ނުބަލާ މައްސަލާގެ ޝަރީއަތް ފަށަނީ

އައިކޮމްގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް ނިންމި މައްސަލަ ސުުޕްރީމް ކޯޓުގައި ފަށަނީ

24 ސެޕްޓެމްބަރ 2021

އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމެވުންތަކުގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަންނަ ހަފުތާގައި ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމެވުންތަކުގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަންނަ ހަފުތާގައި ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން މައުލޫމާތެއް ދިނުމަށް ނުވަތަ ނުދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތަކުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ އެވެ. އެކަމަކު އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އެމްޑަބްލިއުއެސްސީން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި އަހަރުގެ އޭޕްރީލް މަހު ނިންމީ އެފަދަ މައްސަލަތައް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އެހެންވެ، އެޓާނީ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފަށަން ސުޕްރީމް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން އެމްޑަބްލިއުއެސްސީން ވެސް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފުކުރީ އެކަމުގައި އާންމު މަސްލަހަތު ހިމެނޭ ކަމަށް ބުނެ އެވެ.

ހައި ކޯޓުން ނިންމުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި އޮތީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ވާހަކަ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއެއް ނޫން ކަމަށާއި އެހެންވެ، ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.