Roadha Mihaaru
މެންބަރުންގެ އަދަދު ހިފަހައްޓަންޖެހޭ:ޕީއެންސީ/އެމްޑީޕީ

މަޖިލިސް މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރަން ޕީއެންސީ/އެމްޑީޕީން ވެސް އެއްބަސް

28 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި މިއަދު ބުނެފި އެވެ.

މަޖިލީހުގައި މިހާރު 93 މެމްބަރުން ތިއްބަވާއިރު، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލާ އެކު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މެމްބަރުންގެ އަދަދު އިތުރުވެ އެވެ.

މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން ދެ ޕާޓީގެ ވިސްނުން ހާމަކުރީ އެ މައްސަލާގައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ ފަރާތުން ވާހަކަ ދައްކަވަމުން ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމަކީ މުހިންމު ބަދަލެއް ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު މިއަދު ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލިސް

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު މިއަދު ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލިސް

މިހާރު ކޮންމެ 5،000 މީހަކަށް މެންބަރަކު ހުންނަން ޖެހޭތީ އޭގެ ސަބަބުން ފައިދާތަކާއި ގެއްލުން ވެސް ހުރި ކަމަށް އަނަސް ވިދާޅުވި އެވެ. އެހެންވެ، މެމްބަރުންގެ އަދަދަށް ބަދަލު ގެންނައިރު، މިހާތަނަށް ކުރެވުނު ތަޖުރިބާގެ އަލީގައި، މެންބަރުންގެ އަދަދު މަދު ކުރުމުން ހުރި ފައިދާ އާއި ގެއްލުންތަކަކީ ކޮބައިތޯ ވެސް ބަލަން ޖެހޭ ކަމަށް އަނަސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ނިޔަތުގައި ދައުލަތުގެ އެއްބާރުގެ މެންބަރުންގެ އަދަދު މަދު ކުރާއިރު، ސިޔާސީ މަގާމްތަކަށް އެއްވެސް ކޮންޓްރޯލެއް ނެތި މީހުން އައްޔަން ކުރެވޭ ނަމަ، އޭގެ ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

"މާލީ ބުރަ އަށް ބަލައިގެން މިކަން ކުރާނަމަ އެހެން ބާރުތަކުގެ ހަރަދުތައް ވެސް ކުޑަ ކުރުމުގެ ވިސްނުން ވެސް ގެންގުޅެން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މިހާރު ބައެއް ގައުމުތަކުން އަމަލު ކުރާ ގޮތަކީ ވަކި އަދަދެއް ކަނޑައަޅައި ކެޕް ކުރުމެވެ.

އެމެރިކާގެ ކޮންގްރެސްގައި 435 މެމްބަރުން އަދި އިނގްިރޭސިވިލާތުގައި 650 މެންބަރުންނަށް ކެޕް ކޮށްފައިވާ ކަމަށާއި އަދި އިންޑިއާގައި ވަކި އަދަދެއް ނެތް ނަމަވެސް އެންމެ ގިނަވެގެން ތިބެވޭނީ 552 މެންބަރުން ކަމަށް އެ ގައުމުގެ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

ރާއްޖެއިން ވެސް އެގޮތަށް އަމަލު ކުރަން ބޭނުން ނަމަ ރައްޔިތުން ތަމްސީލު ކުރުން ނުގެއްލޭނެ ގޮތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ވަކި އަދަދެއް އަޅުގަނޑުމެން ކަނޑައެޅި ނަމަވެސް އެ އަދަދަށް މީހުން އިންތިހާބު ކުރާނީ ކިހިނެތްތޯ އެއީ ދިރާސާ ކޮށްގެން ބަލާލަން ޖެހޭ ވަރަށް މުހިންމު ކަމެއް." އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވި އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރެވެ.

އޭނާ ވިދާޅުވީ ދެ ޕާޓީ ދެމެދު އޮތް ސިޔާސީ ހިޔާލު ތަފާތުވުމަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން މި މަސައްކަތް ކުރަން އެ ޕާޓީން ބޭނުންވާ ކަމަށެވެ.

އެކަން ކުރާނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށާއި މި ނިޒާމަށް މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ އިތުބާރު އުފެދިގެން ދާނެ ގޮތަކަށް އެ ބަދަލު ގެންނަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވަނީ މިހާރު 5،000 މީހުންނަށް މަޖިލީހުގެ ދާއިރާތައް ބަހާއިރު ދިމާވާ ބައެއް މައްސަލަތައް ފާހަގަ ކުރައްވައިފަ އެވެ. ދަފްތަރުގެ މީހުން އެކި ފަހަރު އެކި ދާއިރާތަކަށް ވޯޓުލުމާއި އެކި އިންތިހާބުތަކުގައި އެކި މީހުން ވޯޓުލާން ޖެހޭ ދާއިރާތައް އަވަސް އަވަހަށް ބަދަލުވާ މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ.

ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޝްވަރާ ހޯދޭނެ މިންވަރަށް ބަލައިގެން 5،000 މީހުންނަށް މެމްބަރަކު ކަނޑައެޅި ނަމަވެސް މިހާރު ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ގޮތުން އެ އަދަދު 10،000 އަށް ނުވަތަ އެއަށް ވުރެ ގިނަ ވެސް ކުރެވިދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި ގަރާރުގެ މަސައްކަތް ކުރިޔަށް ދާއިރު، ޕީއެންސީ އަދި އެމްޑީޕީން ވެސް އެ ޕާޓީތަކުގެ އާންމު މެންބަރުންނާ މަޝްވަރާ ކުރުމަށް އެ ޕާޓީތަކުން އެދޭ ގޮތް ލިޔުމުން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އަހުމަދު ވިދާޅުވި އެވެ. އެ ގަރާރާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަޖިލީހުން މިހާރު އޮތީ ހުޅުވާލައިފަ އެވެ. ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.