Roadha Mihaaru
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި

ވައިގެ މަގުން އެތެރެކުރި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިގެންފި

29 ޖުލައި 2024

ވައިގެ މަގުން އެއްފަހަރާ ރާއްޖެ އެތެރެކުރަން އުޅުނު 15 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވައިގެ މަގުން އެއްފަހަރާ ރާއްޖެ އެތެރެކުރަން އުޅުނު 15 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިއީ، ރާއްޖެއަށް ވައިގެ މަގުން އެއްފަހަރާ ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް އެންމެ ބޮޑު އަދަދުގެ ޑްރަގެވެ. މީގެ ކުރިން އެއްފަހަރާ ބޮޑެތި އަދަދުތަކުން ޑްރަގް އެތެރެކުރަނީ ކަނޑުމަގުންނެވެ.

އެ އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް މުހައްމަދު މަސީހު ވިދާޅުވީ، އެ މަސްތުވާތަކެތި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އީކޭގެ ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއްގެ ދަބަހުން ކަމަށެވެ.

ކަސްޓަމްސް އިންޓެލިޖެންސްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް މުހައްމަދު އަފްޒަލް ވިދާޅުވީ، އެ ފިރިހެން މީހާގެ ލަގެޖް ފާސްކުރިއިރު، ގާނޫނާ ހިލާފު ތަކެތި ފެނުމުން އިތުރަށް ފާސް ކުރިއިރު، ޕެކެޓަކަށް އަޅާފައި ހުރި ކެނެބިސް ފެނިފައިވާ ކަމަށެވެ.

ޕޮލިހާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ އިދާރާގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕޮލިހާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ އިދާރާގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަފްޒަލް ވިދާޅުވިގޮތުގައި، އެ ދަބަހުން ފެނުނު 15.38 ކިލޯގެ މަސްތުވާތަކެތީގެ އަގު 12.4 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބެލިއިރު، ދަތުރުކުރާ ރޫޓް އޮޅުވާލަން އެ މީހާ މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އޭނާގެ އަތުން ފޭކް ޓިކެޓެއް ފެނުނު ކަމަށާއި އެ މީހާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ފުރައިގެން ދުބާއީ މަގުން ކަމަށް އަފްޒަލް ވިދާޅުވި އެވެ. އެ މީހާ ރާވާފައި އޮތީ އަފްޒަލް ވިދާޅުވި ގޮތުގައި އަނބުރާ މެލޭޝިއާ އަށް ދާށެވެ.

ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް އޮޕަރޭޝަންގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވީ އެ ޑްރަގް ގެނައި އުމުރުން 44 އަހަރު މީހާ އާއި އޭނާއާ ގުޅުން ހުރި މެލޭޝިއާގެ 41 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޕޮލިހާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ކަސްޓަމްސް، މުހައްމަދު މަސީހު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕޮލިހާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ކަސްޓަމްސް، މުހައްމަދު މަސީހު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މައްސަލައިގައި ހަތަރު ގައުމެއްގެ މީހުން ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ވަހީދު ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލާގައި މިހާތަނަށް ދިވެއްސެއްގެ ބައިވެރިވުން އޮތް ކަމަށް އަދި ތުހުމަތެއް ނުކުރެވެ އެވެ.

ވަހީދު ވިދާޅުވީ ޑްރަގްސް ޓްރެފިކިންގެ 31 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދައުވާކޮށްފައިވާ ނުވަ މައްސަލައިގެ ތެރެއިން އަށް މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ކަސްޓަމްސް އިން 64 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ 106 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

އޭނާ ވަނީ ދިވެހިން އާންމުކޮށް ގޮސް އުޅޭ މެލޭޝިއާ އަދި ތައިލެންޑު ފަދަ ގައުމުތަކުގައި އުޅޭއިރު، މީހުން ދޭ ގޮތް ނޭނގޭ ތަކެއްޗަށް ހަވާލު ނުވާން އިލްތިމާސް ކޮށްފަ އެވެ. އަދި މީހުން ދޭ ތަކެއްޗާ ހަވާލުވާއިރު ސަމާލުކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.