އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަޔޮގްރަފީ ފޮތް ކަމަށްވާ "ގޮތުގައި" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރެދެއްވައިފި އެވެ.
30 ޖުލައި 2024
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަޔޮގްރަފީ ފޮތް ކަމަށްވާ "ގޮތުގައި" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރެދެއްވައިފި އެވެ.
ނޫސްވެރިޔާ، އަހުމަދު ސާއިލް އަލީ ލިޔުއްވި 190 ސަފުހާގެ މި ފޮތް، ރައީސް ނެރެދެއްވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ފޮތުގައި، ގައުމީ ހިދުމަތްތެރިޔާ ފުއާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފްސީލާ އެކު ހިމެނެ އެވެ. ރާއްޖެ އަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުއާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމިއްޔާގެ ސެކްރެޓްރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މި ފޮތުގައި ހިމެނެ އެވެ.
މީގެ އިތުރުން ދިވެހީންގެ އިހްތިރާމް ފުއާދު އެންމެ ބޮޑަށް ހޯއްދެއްވި، އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި އާދަޔާހިލާފު މަސައްކަތްތަކާއި، އެ ދުވަސްވަރު ކުރެވުނު ތަޖުރިބާތައް މި ފޮތުގައި ހިމެނެ އެވެ. ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފުވެ ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ބާއްވަން ގާނޫނު ލާޒިމްކުރުމުން، އެ މަސައްކަތް ފުރިހަމަކޮށް ގެންދެވުމުގައި ފުއާދު އަދާކުރެއްވި ދައުރު ވެސް މި ފޮތުގައި ހިމެނެ އެވެ.
ފުއާދުގެ ބަޔޯގްރަފީ ނެރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުއާ އެކު މުއިއްޒު (މ) އަދި ފޮތް ލިޔުއްވި ސާއިލް. --ފޮޓޯ: ރައީސް އޮފީސް
"ވެރިންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ފުއާދަކީ، ދިވެހީންނަށް ލިބުނު މުތެކެވެ. އެއީ ހިންގުމާއި، ރޭވުމާއި، ތަންފީޒުކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ ފަސްމީރުކުރި ރުކެކެވެ. މި ފޮތަކީ އޭނާގެ ހަޔާތުނާމާ އެވެ. އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމަޔަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް ހިމެނެ އެވެ. ހިތާމަތަކާއި، އުފާތަކެވެ. ތަޖުރިބާތަކާއި، ގޮންޖެހުންތަކެވެ. ކާމިޔާބާއި، ފިލާވަޅުތަކެވެ. ލޯތްބާއި، ބޭވަފާ ވެސް މެ އެވެ،" ފޮތުގެ ތައާރަފްއގައިވެ އެވެ.
މިއީ، ސާއިލުގެ ތިން ވަނަ ފޮތެވެ. އޭނާ މީގެ ކުރިން ލިޔުއްވީ ނަފްސާނީ ބަލީގައި ތަހައްމަލު ކުރެއްވި ތަޖުރިބާތަކާ ގުޅޭ ގޮތުން "އެ ދުވަސް ގެނެވޭނެ"، އަދި ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނާއިބް އޮނަރަބަލް ފައިސަލް ނަސީމްގެ ބަޔޯގްރަފީ "ފައިސަލް ނަސީމް" އެވެ.
ސަން އޮންލައިންގެ މެނޭޖިން އެޑިޓަރުކަމާއި، ނިއުސް ޑައިރެކްޓަރުކަން ކުރައްވާ ސާއިލް ވަނީ، ނޫސްވެރިކަމުގެ ދާއިރާގައި 12 އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާ އަށް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިޖުތިމާއީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑާއި، އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ލިބިފަ އެވެ. އޭނާ ވަނީ މީގެ ކުރިން "މިހާރު"، "ވަން އޮންލައިން"، "އަދަދު" ގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.
މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 200ރ. އަށެވެ. މި ފޮތް އުރީދޫގެ އީކޮމާސް ވެބްސައިޓް "މޫލީ" އިން ގަންނަން ލިބޭނެ އެވެ. އަދި 9185335 ނަމްބަރު ފޯނަށް ގުޅައި އޯޑަރުކުރުމުން މާލެ ސަރަހައްދުގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވާކޮށްދޭނެ ކަމަށް ފޮތް ޝާއިއުކުރި ފަރާތުން ބުންޏެވެ.
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް
ތަރައްގީ އަކީ ސިޔާސީ ކަމެއް ނޫން: ރައީސް
ދިއްދުއަަށް ދެން އަންނާނީ ރަށު އެއާޕޯޓަށް: ރައީސް
ރައީސް ދިއްދޫގައި، ސަފާގީ ނެށުމާއެކު ހޫނު މަރުހަބާއެއް