Roadha Mihaaru
އިންތިހާބުތައް މަދުނުކޮށް އީ-ވޯޓިންއަށް ދާން ގޮވާލައިފި

ހަރަދު ކުޑަކުރަން ބައި އިލެކްޝަންތައް މަދުނުކޮށް، އީ-ވޯޓިން އަށް ދާން ގޮވާލައިފި

31 ޖުލައި 2024

ހަރަދު ކުޑަކުރުމުގެ ނަމުގައި ބައި އިލެކްޝަންތައް މަދުނުކޮށް އީ-ވޯޓިން އަށް ދާން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މިއަދު ގޮވާލައްވައިފި އެވެ.

ހަރަދު ކުޑަކުރުމުގެ ނަމުގައި ބައި އިލެކްޝަންތައް މަދުނުކޮށް އީ-ވޯޓިން އަށް ދާން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މިއަދު ގޮވާލައްވައިފި އެވެ.

އަބަދު އިންތިހާބުތައް ބާއްވަން ޖެހޭތީ އެކަމަށް ހައްލެއްގެ ގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

އެ އިސްލާހަށް މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ހަރަދު ކުޑަކުރަން ކަމަށް ބުނެ އެންމެ ފުރަތަމަ ކަމަކަށް އިންތިހާބުތައް މަދުކޮށް، ޑިމޮކްރެޓިކް ނިޒާމު ނައްތާލަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއަދުގެ ޒުވާނުން، ހާއްސަކޮށް ޖެންޒީސް، އެއްގޮތަކަށް ވެސް ޝައުގުވެރިކަމެއް ނުހުރެޔޭ ވޯޓުލާން ނުކުންނާކަށެއް. އެހެންވީމާ މި ޑިމޮކްރެޓިކް ޕްރޮސެސް އަޅުގަނޑުމެން ޕްރެކްޓިސް ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އިހުތިޔާރުކުރާ މަގަކީ އިންތިހާބުތައް ނުބޭއްވުން ކައުމުގައިވާ ނަމަ، އެއީ އަޅުގަނޑުމެންނަށް ޑިމޮކްރަސީގަ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުން ފާސްކުރަމުން އަންނަ ގާނޫނުތަކުގައި ވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަމުގެ އެކި މާއްދާތައް ހިމަނަމުން އަންނަ ކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ ހަރަދު ބޮޑުވެގެން އިންތިހާބުތައް ނުބޭއްވުމަކީ 21ވަނަ ގަރުނުގައި ބަލައިގަންނަ ކަމެއް ނޫނެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުގައި ތިބި މީހުންގެ ނާގާބިލުކަމަކީ، ޑިމޮކްރެޓިކް ޕްރޮސެސްއަށް އަމަލުކުރަން އޮތް ހުރަހަކަށް ވެގެން ނުވާނެ އެވެ.

"ބައި-އިލެކްޝަންތަކަކީ ކުދި ކުދި އިންތިހާބުތަކެއް. އެހެންވީމާ ބައި-އިލެކްޝަންތަކުގައި އަޅުގަނޑުމެން އީ-ވޯޓިން މެދުވެރިކޮށްގެން ޕްރެކްޓިސް ކުރަން ނުވަތަ ފައްޓަން ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އިންތިހާބުތައް ނުބޭއްވުމާއި ކައުންސިލަރުންގެ އަދަދު މަދުކުރަނީ، އެމްޑީޕީން ފުރިހަމަ ކުރި ލާމަރުކަޒީ ނިޒާމު ސަރުކާރުން އެކީގައި ފުނޑާލުމުގެ ބޭނުމުގަ އެވެ.

ގާނޫނަށް ހުށަޙަޅާފައިވާ އިސްލާހުގައި ބުނަނީ ކީކޭ؟

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ އެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ބައި އިލެކްޝަންތައް ދެން ބާއްވަން ޖެހޭނީ އަހަރަކު ދެ ފަހަރު އެވެ.

އެ އިސްލާހުގައި ވަނީ އެގޮތަށް ބާއްވާ ބައި އިލެކްޝަނެއްގެ ދެމެދު 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށެވެ.

އަހަރަކު ދެ ފަހަރު އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް ސަރުކާރުން ވަނީ ބައެއް ހާލަތްތަކުގައި ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭ ގޮތަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅައިފަ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމް ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

މެމްބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

ކޮންމެ އަހަރަކު އެތައް ބައިވަރު ބައި އިލެކްޝަންތައް ބާއްވަން ޖެހޭ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފަ އެވެ.

އޭރު ސަރުކާރުގެ ފަރާތުން ހުށަހެޅީ ކޮންމެ އަހަރަކު އެއްފަހަރު ބައި އިލެކްޝަންތައް ބޭއްވުމަށެވެ. ނަމަވެސް އެ މަސައްކަތް މަޖިލީހުގައި އޭރަކު ކުރިއަކަށް ނުގެންދެ އެވެ.