Roadha Mihaaru
އެމްޑީޕީން ވެސް ހަމަ ކުރީގެ މާޒީއަށް!

އެމްޑީޕީން ވެސް ހަމަ ކުރީގެ މާޒީއަށް!

06 މެއި 2020

މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީގެ ކުރު މާޒީން ފެންނަ މަންޒަރަކީ އެކި ފަރާތްތަކަށް އަމާޒުކޮށްގެން އިސްލާހު ގެނައުމާއި ގާނޫނު އަސާސީގައި ވަކި ކަމެއް ކަނޑައަޅާފައި ވަނިކޮށް އެ ބައިތައް އިސްލާހު ނުކޮށް، އާންމު ގާނޫނަކުތަކުން ބަދަލު ގެނައުމެވެ. މިއީ އެއް ބައެއްގެ ނަޒަރުގައި ކުރު މަގެއް ބޭނުންކޮށްގެން، ގާނޫނު އަސާސީ އެފުށް މިފުށަށް ޖެހުމެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީގެ ކުރު މާޒީން ފެންނަ މަންޒަރަކީ އެކި ފަރާތްތަކަށް އަމާޒުކޮށްގެން އިސްލާހު ގެނައުމާއި ގާނޫނު އަސާސީގައި ވަކި ކަމެއް ކަނޑައަޅާފައި ވަނިކޮށް އެ ބައިތައް އިސްލާހު ނުކޮށް، އާންމު ގާނޫނަކުތަކުން ބަދަލު ގެނައުމެވެ. މިއީ އެއް ބައެއްގެ ނަޒަރުގައި ކުރު މަގެއް ބޭނުންކޮށްގެން، ގާނޫނު އަސާސީ އެފުށް މިފުށަށް ޖެހުމެވެ.

މި ފަހުން ހިނގާފައި ހުރި ކަންކަމަށް ބަލާލަމާ ހިނގާށެވެ: ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، ކުރީ ސަރުކާރުން ގެނައި އެންޓި ޑިފެކްޝަން ގާނޫނާއި ކުށް ސާބިތުވާ ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް ގެނައި އިސްލާހެވެ.

ކުރީ ރައްޔިތުންގެ މަޖިލީހުގައި އޭރު ސަރުކާރަށް އޮތް މެޖޯރިޓީ ބޭނުންކޮށްގެން އެ ގާނޫނުތައް ވުޖޫދަށް ގެނައީ ސިިޔާސީ ގޮތުން ކީއްވެގެންކަމާއި ކޮން ބަޔަކަށް އަމާޒުކޮށްގެންކަން އޮޅިފައެއް ނެތެވެ. އެކަމާ ދެކޮޮޅަށް އެންމެ ބޮޑަށް ވަކާލާތުކޮށް، އޭރު ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހެޅުއްވީ ވެސް މިހާރުގެ ސަރުކާރު ނިސްބަތްވާ ކޯލިޝަންގެ ބޭފުޅުންނެވެ. އޭގެ ފަހުން ވެރިކަން ބަދަލުވެ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން މިހާރު ވެސް ފެންނަނީ އެ މަންޒަރެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހޭ ކަމާއި އޭގެ ނަތީޖާއަކީ މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވެ، ގާނޫނީ ހުސްކަމެއް އައުމެވެ. އެކަމަށް ހައްލެއް ގެނެވެން އޮތީ، ގާނޫނުއަސާސީއަށް، މިހާރުގެ ހާލަތަށް ބަލައި، ކުޑަ ބަދަލެއް ގެނެސްގެންނެވެ.

އެކަމަކު އެކަން ނުކޮށް، ގާނޫނުއަސާސީގެ މާއްދާއެއްގެ ބާރު ކަނޑުވާލެވޭ ގޮތަށް، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށައަޅުއްވައިފަ އެވެ. އޭނާ ބިލް ހުށައެޅުއްވި އިރު އެމްޑީޕީ ނިސްބަތްވާ ސަރުކާރުން ވަނީ، ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ބިލެއް ވައްދައިފަ އެވެ. ގާނޫނުއަސާސީގައި ކައުންސިލްތަކުގެ ދައުރު ބަޔާންކޮށްފައި އޮއްވާ، ގާނޫނަކުން އެ ކަން ބަދަލުނުކުރެވޭނެކަން އެންމެންނަށް ވެސް އެނގެ އެވެ.

ކަން އެހެން އޮތަސް ހަސަން ލަތީފުގެ ބިލުން މައްސަލަ މި އޮތީ ގޯސްވެފަ އެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން ބޭނުންވާ ވަރަށް ސަރުކާރަށް ވޯޓު ލިބެން އޮތަސް ސަރުކާރުން ހުށަހެޅި ބިލް ވީ ތަނެއް ވެސް މިހާރު ނޭނގެ އެވެ. އެ ބިލް ފާސްނުކުރަން ބަހަނާއެއްގެ ގޮތުން، އެމްޑީޕީގެ ބައެއް މެމްބަރުން ފުރަތަމަ ދެއްކެވީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ.

މަޖިލީހުގެ ޖަލްސާއެއް -- މިހާރު ފޮޓޯ/ހުސައިން ވަހީދު

މަޖިލީހުގެ ޖަލްސާއެއް -- މިހާރު ފޮޓޯ/ހުސައިން ވަހީދު

ގާނޫނު އަސާސީގެ 267 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުން މަނާވެގެން ވަނީ ގާނޫނު އަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެމަނިކުފާނު އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) އޮންނަ ހާލަތުގަ އެވެ. މިހާރު މި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މާއްދާގެ ދަށުން އިއުލާންކުރެއްވި ކުއްލި ހާލަތެއް ނޫނެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކުރައްވަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރެވެ.

މިއީ ވަރަށް ތަފާތު ދެ ހާލަތެކެވެ. އެކަމަކު ސަރުކާރުގެ މައި ޕާޓީގެ މެމްބަރުންގެ ތެރޭގައި، ސަރުކާރުގެ ހުށައެޅުމާ އެއްގޮތަށް ކަން ކުރައްވަން ބޭނުންނުވާ ބޭފުޅުން ތިއްބެވުމުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ކުއްލި ނުރައްކަލުގެ ހާލަތު މަސްހުނިކޮށް، ސަބަބުތައް ދައްކަވަ އެވެ.

ނަމުން އެއްގޮތް ކަމެއް ފެނުނަސް މިއީ މުޅިން ތަފާތު ނަތީޖާތަކެއް ނުކުންނަ ދެ ހާލަތެކެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތަސް، ގާނޫނުއަސާސީ އިސްލާހު ކުރަން އެއްވެސް ހުރަހެއް ނެތްކަން ޚިލާފެއް ނެތް މިންވަރަށް ސާފެވެ. އެޓާނީ ޖެނެރަލް އާއި މަޖިލިސްގެ ކައުންސެލް ޖެނެރަލް ވެސް ލަފާ ދެއްވާފައި ވަނީ އެގޮތަށެވެ.

ހަސަން ލަތީފުގެ ބިލަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވިދާޅުވާ ގޮތުން އެ ބިލުން ހައްލު ގެނެސްދެނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނެތް ހާލަތަކަށެވެ. އެހެންވެ އެއީ ގާނޫނަކުން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން ނޫން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ. އިސްލާހު ގެންނަން ޖެހެނީ އާދައިގެ ކުޑަ ކަމަކަށް ވާތީ ކޮންމެ ފަހަރަކު ގާނޫނުއަސާސީ ބަދަލުކުރުން ރަނގަޅު ނޫން ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ކައުންސިލް މެމްބަރުންގެ ދައުރު ހަމަވާއިރު އާ ކައުންސިލް މެމްބަރުން އިންތިޚާބު ނުކުރެވި އޮވެދާނެ ކަމަކަށް ގާނޫނު އަސާސީ ތަސައްވުރު ކޮށްފައެއް ނެތެވެ. އެއްވެސް ގާނޫނެއް އެކުލަވާލަނީ މުސްތަގްބަލްގައި ދިމާވާނެ ހުރިހާ ހާލަތެއް ދުރާލާ އެނގިިގެންނެއް ނޫނެވެ. ކޮރޯނާވައިރަސްގެ ހާލަތަކީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރިން ހިޔާލު ވެސް ކުރި ކަމެއް ނޫނެވެ.

ގާނޫނު އަސާސީގައި ނެތް ކުއްލި ހާލަތެއް ދިމާވުމުން ގާނޫނު އަސާސީ ބަދަލުނުކޮށް، ގާނޫނަކުން ހައްލެއް ނުހޯދޭނެ އެވެ.

ކުރިން މައްސަލަ ބޮޑުވެގެން ދިޔަ އެންޓި ޑިފެކްޝަންގެ ގާނޫނުގައި މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހިމެނިއިރު، ގާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި ޕާޓީ ބަދަލު ކުރުން ނުވަތަ ޕާޓީން ވަކިވުން ހިމަނާފައެއް ނެތެވެ. އެހެންވެ އެންޓި ޑިފެކްޝަން ގާނޫނުން ހައްލު ގެނެސްދިނީ ގާނޫނު އަސާސީގައި ނެތް ހާލަތަކަށް ކަމަށް ބުނެ، އެ ގާނޫނު ސައްހަ ކަމަށް ބަލަންވީ ހެއްޔެވެ؟. އެހެން ކަމަށްވާ ނަމަ، އެ ގާނޫނު ގޯސް ކަމަށް ދެކިގެން ފަހުން މަޖިލިސް މެމްބަރުން އަމިއްލައަށް އެ ގާނޫނު އުވާލި ސަބަބެއް އޮންނަން ޖެހޭނެ އެވެ.

އަނެއް ބައި މެމްބަރުން ދެކޭ ގޮތުގައި ހަސަން ލަތީފު ހުށައެޅުއްވި ޚާއްސަ ބިލް އޮތް ގޮތުން ކައުންސިލް މެމްބަރުންގެ ދައުރު އިތުރު ކުރަނީއެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވީ ކަމަށް ނިންމުމަށް ފަހު، ހުސްކަމެއް އަޔަނުދޭން ކައުންސިލް މެމްބަރުންގެ ޒިންމާ އަދާކުރާ ބައެއްގެ ގޮތުގައި އެ ކައުންސިލަރުން ހަމަޖައްސަނީ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށް ދައްކަވާ ދެވަނަ ސަބަބަކީ އެ އެވެ.

އެކަމަކު ބިލްގެ ނަމާއި އިބާރާތްތައް ކޮންމެ ގޮތަކަށް އޮތަސް، އޭގެ ނަތީޖާއަކީ މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދިގުކުރުމެވެ. ގާނޫނު އަސާސީ އޮތް ގޮތުން ކައުންސިލަރުންގެ ދައުރު ޖޫން މަހަށް ހަމަވާނެ އެވެ. އެކަމަކު މަގާމުގެ ޒިންމާ އަދާކުރުމުގެ ފުރިހަމަ ބާރާއި އިިހްތިޔާރު އެ މީހުންނަށް ލިބޭ ނަމަ އާޚިރު ނަތީޖާއަކީ ދައުރު ދެމިގެން ދިއުމެވެ. އެ މަގާމަށް ކޮންމެ ނަމެއް ކިޔަސް، ގާނޫނު އަސާސީގެ ދަށުން ކައުންސިލް މެމްބަރުން އިންތިޚާބުކުރި މުއްދަތަށް ވުރެ ދިގު މުއްދަތެއް އެ ލިބެނީ އެވެ.

ރާއްޖެއަކީ އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އޮންނަ ފަދައިން މަޖިލީހުން ބޭނުންވާ ކޮންމެ ގޮތަކަށް ގާނޫނު ހެދުމުގެ ބާރު ލިބޭ ޕާލިމެންޓްރީ ސުޕްރިމެސީ އޮތް ގައުމެއް ނޫނެވެ. އެ ނިޒާމުގައި ގާނޫނު ހެދުމުގައި މަޖިލީހުން ވަކި އިމެއްގެ ތެރޭގައި ތިބޭކަށް ލާޒިމެއް ނުވެ އެވެ.

އެއާ ޚިލާފަށް ރާއްޖޭގައި އޮތީ ދުސްތޫރީ ސިޔާދަތު (ސުޕްރިމެސީ އޮފް ކޮންސްޓިޓިއުޝަން) އެވެ. މާނައަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނު އަސާސީއަށް ވުރެ މަތީގައި ނުތިބެވޭނެ ކަމެވެ. މަޖިލީހަކީ ވެސް ގާނޫނު އަސާސީގެ ދަށުން އުފެދިފައި އޮންނަ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށް ވާތީ މަޖިލީހުން ހަދާ ކޮންމެ ގާނޫނެއް ވެސް ގާނޫނު އަސާސީއާ ޚިލާފް ވެގެން ނުވާނެ އެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދަން ބައެއް މެމްބަރުންގެ ހިޔާލު އެބަ ހުއްޓެވެ. އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން ވެސް ބޭނުންވަނީ އެ ބިލް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ވައްދާށެވެ. އެކަމަކު ބިލެއް ފާސްކޮށް، ގާނޫނަކަށް ނުވަނީސް، ސުޕްރީމް ކޯޓުން އެފަދަ މައްސަލައެއް މިހާތަނަށް ބަލާފައެއް ނެތެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ތިން އަހަރަށް އިންތިޚާބުކުރާ ކައުންސިލް މެމްބަރުންނަށް އެ މީހުންގެ ދައުރު ހަމަވުމަށް ފަހު ގާނޫނު އަސާސީ އިސްލާހު ނުކޮށް، އެ މަގާމުގެ ޒިންމާ އަދާކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކޮށްގެން އެ މީހުންގެ ދައުރު އިތުރު ނުކުރަނީސް، ގާނޫނަކުން އެ މީހުން އެ މަގާމުތަކުގައި ބޭތިއްބުމަކީ ވެސް ގާނޫނު އަސާސީއާ ޚިލާފަށް، މެންޑޭޓެއް ނެތް ބަޔަކާ ޒިންމާ ހަވާލުކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މި ބިިލްގައި އެބަ ބުނޭ ދައުރު ހަމަވިޔަސް، ކައުންސިލް މެމްބަރުންނަށް ލިބިދޭ ބާރުތަކާއި ޒިންމާތައް އެ މީހުންނަށް އޮންނާނެއޭ. އެހެންވީމަ ދައުރު ހަމަވުމަށް ފަހު ވެސް އެ މީހުން އެ ތިބެނީ ހަމަ ކައުންސިލް މެމްބަރުންގެ ގޮތުގައި. އެހެންވީމަ ކޮންމެ ނަމެއް ކިޔަސް، މަގާމުގެ ދައުރު އިތުރު ކުރުން އެއީ،" ތަޖުރިބާކާރު ގާނޫނީ ވަކީލަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

އެކަމަކު އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނީ އެ ބިލް މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރެއްވުމުންްނެވެ.

ގާނޫނު އަސާސީއާ ހިލާފުވެގެންނުވާނެ އެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުން، އަދި ކުރިން ގާނޫނުތަކުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލި ކަންކަމާ ދެކޮޅަށް އަޑުއުފުލި އެމްޑީޕީން އެފަދަ ކަމަކަށް ފައި ނެގުމަކީ ވެސް މައްސަލައެކެވެ. ނުގުޅޭ ސަބަބުތައް ދައްކައިގެން ގާނޫނު އަސާސީއާ ކުޅުމަކީ ކުރީގެ މާޒީ އަނެއްކާވެސް ތަކުރާރުކުރުމެވެ. އާދައިގެ ގާނޫނުތަކުން ގާނޫނު އަސާސީގައިވާ ކަންކަން ބަދަލުކުރެވޭ ނަމަ، ގާނޫނު އަސާސީގެ ބޭނުމެއް ނެތެވެ. މިއީ އަނެއްކާވެސް ހުޅުވޭ ނުބައި ދޮރެކެވެ.