Roadha Mihaaru
ސެޓްލްމެންޓުން އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން

ސެޓްލްމެންޓް އެގްރީމެންޓުގެ ތެރެއިން އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަންގެ މަޝްރޫއުއެއް!

31 ޖުލައި 2024

ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ދިނުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ފެންމަތިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ދިނުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ފެންމަތިކޮށްފި އެވެ.

"މިހާރު" އަށް ލިބިފައިވާ ޑޮކިއުމެންޓުން އެނގޭ ގޮތުން، ޑިސެމްބަރު 29، 2016 ވަނަ އަހަރު ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ވަނީ އާސަންދައިގެ ހަ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް ހަވާލުކޮށްފަ އެވެ. އެއީ 61 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު ވަނީ އަންދާޒާކޮށްފަ އެވެ.

ފަނަރަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވާ ޖޫން، 2017 ގައި އާސަންދަ އިން ވަނީ ކުރިމަތިވި ބަޖެޓް މައްސަލަތަކަކާ ހުރެގެން އެ ޕްރޮޖެކްޓް މަޑުޖައްސާލަން ވަނީ އަންގާފަ އެވެ.

އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ފަހުން އާސަންދައިން އެންގުމުން، ނޯތު ކޯސްޓަށް ބޮޑު ގެއްލުމަކާ ކުރިމަތިވި ކަމަށް ސެޓްލްމަންޓް އެގްރިމެންޓްގައިވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޕްރޮޖެކްޓަށް ވަގުތު ހުސްކުރަން ކުންފުނީގެ ބައެއް ވަސީލަތްތައް ބޭނުން ކުރުމުގެ ސަބަބުން މާލީގޮތުން ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހާއި އާސަންދަ ކުންފުންޏާއި އިކޮނޮމިކް ކައުންސިލްގައި ވެސް މަޝްވަރާ ކޮށްފައިވެ އެވެ. އަދި ސެޓްލްމަންޓް އެގްރިމެންޓްގެ ދަށުން އެ ޕްރޮޖެކްޓްގެ ބަދަލުގައި އެހެން ޕްރޮޖެކްޓެއް ހަވާލުކުރަން ނިންމައި، އެޗްޑީސީން އިން ހުޅުމާލޭގައި ހަދާ 10 ބުރީގެ އިމާރާތެއް އަޅަން ހަވާލުކުރި އެވެ.. އެއާ އެކު ކޮންސެޕްޓް އެކުލަވައިލާ ޕްރޮޖެކްޓް ކަނޑައެޅުމުގެ މަސައްކަތް އެޗްޑީސީއާ އެކު ފެށި އެވެ.

ފަހުން ހަވާލުކުރި ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން 44 މިލިއަން ރުފިޔާ ދޫކުރި އެވެ.

އިއްޔެގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އާސަންދަ ކުންފުނީގެ ޕްރޮޖެކްޓް ހުއްޓާލުމުން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ގެއްލުންވާނެ ކަމަށް ބެލެވުނީ 18 މިލިއަން ރުފިޔާ ނަމަވެސް، އެއާ ނުބައްދަލު ބޮޑު ޕްރޮޖެކްޓެއް ހަވާލުކޮށް 44 މިލިއަން ރުފިޔާ ދިނުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އެހާ ބޮޑު އަދަދެއް އެކުންފުންޏަށް ދޫކުރި އިރު ފަހުން ހަވާލުކުރި ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތް މިހާތަނަށް ނުކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިކަމާ ބެހޭ އެއްވެސް ކަމެއް ކޮށްފައެއް ނެތް. އެހެންވީމަ މިވަނީ 44 މިލިއަން ރުފިޔާ ގެއްލިފައި. މިކަމާ ބެހޭ ސައްހަ މައުލޫމާތު ވެސް އަޅުގަނޑުމެން ބޭނުން ހޯދަން. އިކޮނޮމިކް ކައުންސިލުން ކުރި ކަމެއް ވިޔަސް 44 މިލިއަން ރުފިޔާ ދައުލަތައް ގެއްލުވައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ލަފާކުރި ފައިދާއަށް ވުރެ ދެ ގުނަ ބޮޑު ޕްރޮޖެކްޓެއް

މިކަމާ ގުޅޭ ސެޓްލްމެންޓް އެގްރީމެންޓްގައި އެ ކުންފުނިން ސޮއިކުރީ ޖެނުއަރީ 23، 2023 ގަ އެވެ. އަދި ޕްރޮޖެކްޓްގެ ހަވާލުކުރީ މެއި 7، 2023 ގަ އެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމަ އެޑްވާންސްޕޭމެންޓްގެ ގޮތުގައި 22 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ އޭޕްރީލް 30، 2023 ގަ އެވެ.

ފުރަތަމަ ޕޭމެންޓަށް ފަހު 10 ބުރީގެ އޮފީސް އިމާރާތް އެޅުމަށްޓަކައި އިމާރާތުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އަދި އެޕްރޮޖެކްޓްގެ ފައިނަލް ކުރެހުން އެޗްޑީސީއިން އެފްރޫވް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން 15 ގަ އެވެ. އަދި އިމާރާތް އެޅުމަށްޓަކައި ޖުލައި 25 ގައި ބިން ނުރަސްމީކޮށް ހަވާލުކުރި އެވެ. އެއަށް ފަހު އެ މަހުގެ 30 ގައި ދެވަނަ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 22 މިލިއަން ރުފިޔާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ދީފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތްއިރު، އަލީ ހަމީދު ވެސް ޕީއެންސީއަށް ސޮއި ކުރެއްވި އެވެ.