Roadha Mihaaru

ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން މައްސަލަ މަޖިލީހަށް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބިިންވެރިޔާ ލިސްޓްގެ ބޭރުން ގޯތިދިން މައްސަލަ މަޖިލީހަށް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

18 ޑިސެމްބަރ 2024

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިވަގުތު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް އަވަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ބިންވެރިޔާ ސްކީމްގެ އުސޫލުން ބޭރުން އެޗްޑީސީން ގޯތި ދީފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި މިކަން ސަރުކާރުގެ ސަމާލުކަމަށް އައިތާ ފަސް މަސް ވީއިރު ވެސް، އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާ ކަމަށް އެ ސިޓީގައިވެ އެވެ.

މިއީ ސީރިއަސްކޮށް މަޖިލީހުން ބަލަން ޖެހޭ މައްސަލައެއް ކަން ފާހަގަ ކުރައްވައި، މިކަން ހިނގި ގޮތް ބެލުމަށާއި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޖިލިސް ތެރެއިން އެޅުމަށް މި މައްސަލަ ވީ އެންމެ އަވަހަށް ބަލައިދިނުމަށް އެ ސިޓީގައި ކުޑޫ އެދިވަޑައިގެންފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ބަޔަކަށް ގޯތިތަކެއް ވިއްކި ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުންގެ ޓީމެއް މިއަދު ވަނީ އެޗްޑީސީ އަށް ވަދެ ފާސްކުރަން ފަށައިފަ އެވެ.

އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.

އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އޭނާއަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.