Roadha Mihaaru
ސްކޭމްތަކާ ގުޅިގެން 500 އެކައުންޓް ބްލޮކް ކޮށްފި

ސްކޭމްގެ މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފި

31 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާ ގުޅިގެން މި އަހަރު އެކަނި ވެސް 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްކޭމްގެ މައްސަލަތަކާ ގުޅިގެން މި އަހަރު އެކަނި ވެސް 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގައުމީ ބޭންކް ބީއެމްއެލްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް އަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށް ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ އިސްވެރިން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގައި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ މި އަހަރުގެ މިހާތަނަށް ސްކޭމްގެ އެކި މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން؛

- 782 ޑިވައިސް ނެޓްވޯކުން ބްލޮކް ކުރި.

- 297 ސިމްކާޑު ޓާމިނޭޓް ކުރި.

- 70 ވެބް ލިންކް ބްލޮކް ކުރި.

އެސްއޯއީ ކޮމިޓީގައި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްއޯއީ ކޮމިޓީގައި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މަރިޔަމް ވިދާޅުވީ ފުލުހަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގައި 156 މައްސަލައެއްގައި ދައުވާކުރަން މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންޓި-ސްކޭމް ސެންޓަރު ހެދީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެންނެވެ. އެ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ސިންގަޕޫރު އަދި ތައިލެންޑު ހިމެނެ އެވެ. އޭގެ ތެރެއިން ރާއްޖެއަށް މިހާރު އެޑަޕްޓުކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ކަމަށް ފެނުނީ ސިންގަޕޫރުގައި ބޭނުންކުރާ ސިސްޓަމް،" އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ ސްކޭމްތަކާ ގުޅިގެން މިދިޔަ އަހަރު 1،661 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ 20 މިލިއަން ރުފިޔާގެ ސްކޭމް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީން މި މަހުގެ މި މުއްދަތަށް 1،302 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި، ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކާ ވަނީ ބައްދަލުކޮށްފަ އެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް ބަދަލުތައް ގެނައުމަށާއި އެހެން ކަންކަމަށް ވެސް އިދާރާތަކުގެ އެއްބާރުލުން ފުލުހުންނަށް ލިބެ އެވެ.