Roadha Mihaaru
ފެނަކައާ ގުޅޭ އާދަޔާޚިލާފަށް ގިނަ މައްސަލަ އޭސީސީގައި!

ފެނަކައިގެ ކުރީގެ މެނޭޖްމަންޓަށް ތުހުމަތުވާ އާދަޔާޚިލާފަށް ގިނަ މައްސަލަތައް އޭސީސީގައި!

15 ޖުލައި 2024

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ގޮތުން އާދަޔާހިލާފަށް ގިނައިން މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ގޮތުން އާދަޔާހިލާފަށް ގިނައިން މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން އާދަޔާހިލާފަށް އެ ކޮމިޝަނަށް މައްސަލަތައް ހުށަހަޅާފައިވާތީ އެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި އެ ކުންފުނި ހިންގަވަން ތިއްބެވި ވެރިންނަށް ތުހުމަތުވާ ހަ މައްސަލައެއް ވެސް ވަނީ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި ފެނަކަ އަށް ފައިދާ ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކޮށްގެން ވަކި މަގްސަދެއް ހާސިލް ކުރުމަށް މަސައްކަތް ކޮށްފައިވާ މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަ މައްސަލައެކޭ ދެންނެވިޔަސް ހަގީގަތުގައި ވަރަށް ބޮޑެތި މައްސަލަތަކުގެ ވާހަކަ. އޭގެ ބާވަތުން އެއް ކޮށްލާފައި ހުންނަ މައްސަލަތައް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް ވިދާޅުވީ ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބައެއް މަޝްރޫއުތައް ކުންފުނިން އަމިއްލަ އަށް ހިންގުމަށް އިންހައުސްކޮށް ކުރިޔަށް ގެންދަން ނިންމުން ހިމެނޭ ކަމަށެވެ.

އިންހައުސްކޮށް މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ ބޭނުމަކީ ކޮންޓްރެކްޓް އުސޫލުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނެގުން ކަމަށާއި އެހެން ނަމަވެސް ވަކި އަދަދެއް ކަނޑަނާޅައި މުވައްޒަފުން ނެގުމުން ބޮޑު ހަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"15މިލިއަން ރުފިޔާ އަށް ހެދޭ އިންޖީނުގެ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އިންހައުސް މުވައްޒަފުން ނަގައިގެން ކުރީމަ 38 މިލިއަނަށް އެބަހުރި އަގު ބޮޑުވެފައި. އަގު ބޮޑުވާ ސަބަބަކީ މުވައްޒަފުންގެ މުސާރަ އަށް،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނަކަ އިން މުވައްޒަފުންނަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. އެ ފަރާތްތަކުގެ ކެއުމަށް ޑަބަލްކޮށް ފައިސާ ހަރަދު ކޮށްފައި ހުރި ކަމަށާއި ފައިސާ އަތަށް ދިނުމުގެ އިތުރުން ރަށުގެ ރެސްޓޯރަންޓުތަކަށް ވެސް ދެ ފަހަރަށް ފައިސާ ދައްކާފައިވާ މައްސަލަތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެންމެ މަޝްރޫއެއްގައި ދިމާވާ މައްސަލައެއް ނޫން ވަރަށް ގިނަ މަޝްރޫއުތަކުގައި މި މައްސަލަ ފާހަގަ ކުރެވިފައި އެބަހުރި،" ސަލާމް ވިދާޅުވި އެވެ.