Roadha Mihaaru
ކޮންމެ މީހަކަށް ނެގޭނެ ސިމްގެ އަދަދެއް ކަނޑައަޅަނީ

ކޮންމެ މީހަކަށް ނެގޭނެ ސިމްގެ އަދަދެއް ކަނޑައަޅަނީ

28 މާޗް 2023

ކޮންމެ މީހެއްގެ ނަމުގައި މޮބައިލް ސިމް ކާޑު ނެގޭ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮންމެ މީހެއްގެ ނަމުގައި މޮބައިލް ސިމް ކާޑު ނެގޭ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ބުނެފި އެވެ.

ސްކޭމްތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ، ޑިޖިޓަލް އައިޑީ ކާޑު ނިޒާމުގެ ތެރެއިން ކޮންމެ މީހަކަށް، ވެރިފައި ކޮށްފައިވާ ސިމް ދޫކުރެވޭނެެ އިންތިޒާމެއް ހަމަޖައްސައި، އުސޫލެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، އެކަކަށް ސިމް ނެގޭ އަދަދު ކަނޑައެޅުމުގެ ކަންކަން އަންނަ މޭ މަހު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިމް ނެގުމާ ގުޅިފައިވާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެވެމުން ދަނީ. މި ކުއާޓާ ތެރޭގައި މިހާރު އަޅުގަނޑުމެން ވަނީ އެ މަސައްކަތައް ފެށި އަގަނޑުމެންގެ ނިޒާމާއި ދެ ސާވިސް ޕްރޮވައިޑާއާ [ދިރާގާއި އުރީދުއާ] ގުޅާލެވިފައި. އަދި ޓެސްޓް ކުރަން މިހާރު ވަނީ ފެށިފައި،" އިލްޔާސް ވިދާޅުވި އެވެ.

"މިއީ ވަން ޓައިމް ޕާސްވޯޑް ނައްތާލުމަށް އަޅުގަނޑުމެން ކަނޑައެޅި އުސޫލުތަކެއް. ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމް ފުޅާވެގެން އީމެއިލް އާއި ދިއުމުން ބަރޯސާވުން ކުޑަވާނެ."

އެ ކަންކަން ފުރިހަމަ ވުމުން އިލްޔާސް ވިދާޅުވިގޮތުގައި، ސިމް ނެގުމުގެ ކުރިން އޭގެ ވެރިފަރާތް ކަށަވަރު ކުރުމަށް ތިން ގޮތެއް ބޭނުން ކުރާނެ އެވެ.

"އަޅުގަނޑުމެން މި ބޭނުންކުރަނީ ތްރީ ފެކްޓާ އޮތެންޓިކޭޝަން. އެގޮތުން އަޅުގަނޑުމެން ބަލާނެ ޔޫޒާ ނޭމް، ޕާސްވޯޑުގެ އިތުރުން އެއީ އެ މީހާތޯ ޔަގީން ކުރާނެ. ގާތްގަނޑަކަށް ތިން މަސް ދުވަސް ވަރު ނަގާނެ ވެރިފައި ކުރުމަށް."

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެެރެއިން.-- ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެެރެއިން.-- ފޮޓޯ: މަޖިލިސް

އެހާ ވަރަށް ސެކިއުރިޓީ ވަރުގަދަ ކުރާއިރު، މިހާރު ދޫކޮށްފައިވާ ސިމްތަކަށް ހަދާނީ ކިހިނެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ، އެކެއްގެ ނަމުގައި ގިނަ ސިމް ނަގާފައިވާ މީހުންނަށް އެ ސިމްތައް ކެންސަލް ކުރުމަށް މުއްދަތެއް ދޭނެ ކަމަށެވެ.

އެ މުއްދަތުތެ ތެރޭގައި ގޮތެއް ނުނިންމައިފި ނަމަ ހުރިހާ ސިމްތަކެއް ކެންސަލް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ އާއިލާތަކުން މި ހުންނަނީ އެކަކުގެ ނަމުގައި ސިމް ނަގާފައި. އެ ކަހަލަ ކަންކަމަށް ވެސް މުއްދަތެއް ދީފަައި، ހުރިހާ އެންމެންނަށް ވެސް އެ މީހަކަށް ނިސްބަތްވާ އައިޑެންޓިޓީ އަށް ސިމް ނަގަން ޖެހޭނީ،" އިލްޔާސް ވިދާޅުވި އެވެ.

"މޭ މަހު ތެރޭގައި އެންމެ ލަސްވެގެން ފެށޭނެ. އޭގެ ފަހުން ތިން މަސް ދުވަސްތެރޭ ކަނޑަންޖެހޭ ނަމްބަރުތައް ކަނޑައި ހަމައަކަށް އެޅުވުމުގެ ކަންކަން ކުރާނެ."

އިލްޔާސް ވިދާޅުވީ، ބިދޭސީއަކު ރާއްޖެ އަންނަ ހިސާބުން ޑިޖިޓަލް އައިޑީ ކާޑަކަށް ބަދަލުވާނެ ކަމަށާއި އެ ނިޒާމުގެ ތެރެއިން ހުރިހާ ވައްތަރެއްގެ ވިސާ ވެސް ހަމަޖެހޭނެ ކަމަށެވެ.

ސްކޭމްތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި އެސްއޯއީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ފުލުހުންނާއި އެމްއެމްއޭ އާއި ބީއެމްއެލުން ފާހަގަކުރި މައްސަލަތަކާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާ ކޮށްފަ އެވެ.

ފުލުހުން ކޮމިޓީ އަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް އެކެއްގެ ނަން މަތީ ގިނަ އަދަދެއްގެ ސިމް ބޭނުންކުރާ މައްސަލަ އެވެ.

އެ ރިޕޯޓުގައި ވަނީ އެކެއްގެ ނަން މަތީގައި 800 އަށް ވުރެ ގިނަ ސިމް ނަގާފައިވާ މައްސަލައަކާއި ދެ ބިދޭސީންގެ ނަން މަތީ 24،000 ސިމް ނެގި މައްސަލައަކާއި 12 ބިދޭސީއެއްގެ ނަންމަތީ ދިރާގުގެ 38،000 ސިމެއް ނެގި މައްސަލަ އެވެ.