Roadha Mihaaru
ޝީރީންގެ މަރުގެ ތަހުގީގަށް އިޒްރޭލުން ހުރަސް އަޅަނީ

ޝީރީންގެ މަރުގެ ތަހުގީގަށް އިޒްރޭލުން ހުރަސް އަޅަނީ

24 މެއި 2022

އަލް ޖަޒީރާގެ އަރަބި ޓީވީ ޗެނަލްގެ ނޫސްވެރިޔާ، ފަލަސްތީނުގެ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މެމްބަރުން ބަޑިޖަހައި، އޭނާ މަރައިލި މައްސަލައިގެ ހަގީގަތް ހޯދުމަށް، ވިލާތުގެ ޕާލެމެންޓުން ކުރަމުން އަންނަ މަސައްކަތަށް އިޒްރޭލު ސަރުކާރުން ހުރަސް އަޅަން ފަށައިފި އެވެ.

އަލް ޖަޒީރާގެ އަރަބި ޓީވީ ޗެނަލްގެ ނޫސްވެރިޔާ، ފަލަސްތީނުގެ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މެމްބަރުން ބަޑިޖަހައި، އޭނާ މަރައިލި މައްސަލައިގެ ހަގީގަތް ހޯދުމަށް، ވިލާތުގެ ޕާލެމެންޓުން ކުރަމުން އަންނަ މަސައްކަތަށް އިޒްރޭލު ސަރުކާރުން ހުރަސް އަޅަން ފަށައިފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މެމްބަރުން، ޝީރީންގެ ގަޔަށް ބަޑިޖަހައި މަރައިލީ، ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން ވަދެގަނެ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ޚަބަރުތައް ގެނެސްދިނުމަށް ހަރަކާތްތެރިވަމުން ދަނިކޮށެވެ. އާންމުންނާ ދުރުގައި ތިބި ނޫސްވެރިންތަކެއްގެ ތެރޭގައި ހުއްޓައި، ޝީރީންގެ ގަޔަށް އިޒްރޭލް ފުލުހުން ބަޑި ޖެހިއިރު، އޭނާ ހުރީ އެފަދަ ތަންތަނުގައި ނޫސްވެރިން އާންމުކޮށް ބޭނުންކުރާ، ވަޒަން ނާރާ، ނޫ ކުލައިގެ ޖެކެޓާއި ނޫ ކުލައިގެ ހެލްމެޓް ވެސް އަޅައިގެންނެވެ.

އަދި ޖެކެޓްގެ ކުރިމަތިންނާއި ފަހަތުގައި ވެސް، ބޮޑު އަކުރުން އިނގިރޭސި ބަހުން "ޕްރެސް" ޖަހާފައި ހުއްޓައި، އޭނާގެ ގަޔަށް ބަޑި ޖެހީ، އެއީ ނޫސްވެރިންކަން އިޒްރޭލު ފުލުހުންނަށް އެނގި ތިބެ ގަސްދުގައި ކަމަށް އަލްޖަޒީރާ އިން ބުންޏެވެ.

އެ ހާދިސާ ހިނގި ގޮތުގެ ހަގީގަތް ހޯދުމަށް ވިލާތުގެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް އިޒްރޭލާއި ފަލަސްތީނަށް ދާން ނިންމީ، ޝީރީން މަރައިލީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ނޫން ކަމަށް އިޒްރޭލް ސަރުކާރުން ބުނަން ފެށުމުންނެވެ. މި ވަފްދުގެ ވެރިއެއްގެ ގޮތުގައި ހުންނެވި، ވިލާތުގެ ގާނޫނު ހަދާ މަޖލީހުގެ މެމްބަރު، ސްޕެއިންގެ މާނޫ ޕިނޭޑާ ވިދާޅުވި ގޮތުގައި، އޭނާގެ ދަތުރުގައި ފަލަސްތީނަށް ދިއުމަށް ހަމަޖެހިފައި އޮތުމުން، އޭނާ އިޒްރޭލަށް ވަނުމަށް އިޒްރޭލު ސަރުކާރުން ވަނީ ހުއްދަ ނުދީފަ އެވެ.

ފަލަސްތީނުގެ ޒާތީ ވެރިކަން ހިންގަމުން އަންނަ ހުޅަނގު އައްސޭރިއަށާއި ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ގާޒާ އަށް، ވިލާތުގެ ބަރުލަމާނީ ވަފްދު ވަނުން އިޒްރޭލުން މަނާކުރުމާ ގުޅިގެން، ވިލާތުގެ އިއްތިހާދުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އިޒްރޭލުގެ އެ ނިންމުން ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުގެ އެ ނިންމުމާ ގުޅިގެން ވިލާތުގެ ބަރުލަމާނީ ވަފްދުން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އެ އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި، އިންޓަނެޓްގެ ޒަރީއާ އިން ފަލަސްތީނުގެ އިސް ވެރިންނާ އެކުގައި މަޝްވަރާތައް ބާއްވާނެ ކަމަށެވެ. އޭގެ އިތުރުން ފަލަސްތީނުގެ މަދަނީ ޖަމާއަތްތަކާ އެކުގައި ވެސް، އިންޓަނެޓްގެ ޒަރީއާ އިން މަޝްވަރާތައް ބާއްވައި، ޝީރީންގެ މަރާ ބެހޭ ގޮތުން މައުލޫމާތު އެއްކުރާނެ ކަމަށް އެ ވަފްދުން ބުންޏެވެ.

މި ވަގުތު އިޒްރޭލުގައި ހުންނެވި، ވިލާތުގެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮބާޓާ މެޓްސޯލާ ވިދާޅުވީ، ފަލަސްތީނުގެ ގުޅުންތަކާ ބެހޭ، ވިލާތުގެ އިއްތިހާދުގެ ބަރުލަމާނީ ވަފްދު އިޒްރޭލަށް އެތެރެވުން މަނާކުރީތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އިޒްރޭލުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެ މައްސަލަ ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ޚާރިޖިއްޔާ އިން އިއްޔެ ބުނި ގޮތުގައި ޝީރީންގެ މަރުގެ މައްސަލައާ ބެހޭ ގޮތުން ތައްޔާރުކުރި ރިޕޯޓް މިހާރު ވާނީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފަ އެވެ. އެހެންކަމުން، ޝީރީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޯޓަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭނުންކޮށް، ވީއެންމެ އަވަހަކަށް އެ ކަމުގެ ތަހުގީގު ފެށުމަށް، ފަލަސްތީނުގެ ޚާރިޖިއްޔާ އިން ގޮވާލާފައިވެ އެވެ.

ޝީރީންގެ މަރުގެ އިތުރުން، އިޒްރޭލު ސިފައިން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އަނިޔާވެރި އަމަލުތައް ވެސް ތަހުގީގު ކޮށްދިނުމަށް، ފަލަސްތީނުގެ ޚާރިޖިއްޔާ އިން ގޮވާލާފައިވެ އެވެ.

އަނެއްކޮޅުން އިޒްރޭލުގެ އަސްކަރީ ޕްރޮސެކިއުޓާ ޖެނެރަލް ޔަފްއާތު ތޫމަރް ޔުރޫޝާލްމީ ވިދާޅުވި ގޮތުގައި ޝީރީންގެ މަރުގެ އެންމެ ފުނާ ހަމައަށް ތަހުގީގު ކުރުމަށް އިޒްރޭލުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް، ޝީރީންގެ ހަށިގަނޑުގެ ތެރެއިން ފެނުނު ވަޒަނުގެ އެތިކޮޅު ފަލަސްތީނުން އިޒްރޭލަށް ނުދީ ހިފަހައްޓާތީ، ޝީރީންގެ ގަޔަށް އެރީ އިޒްރޭލު ސިފައިން ޖެހި ބަޑީގެ ވަޒަނެއްކަމާ މެދު ޝައްކު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝީރީންގެ ގަޔަށް އެރި ވަޒަނަކީ އިޒްރޭލު ސިފައިން ޖެހި ބަޑީގެ ވަޒަނެއްކަން ސާބިތުވެއްޖެ ނަމަ، އެކަމުގައި ޖިނާއީ އެއްވެސް ތުހުމަތެއް ނުކުރެވޭނެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ޝީރީންގެ ގަޔަށް ވަޒަން އެރީ، އިޒްރޭލު ސިފައިން ހަނގުރާމައިގެ ހަރަކާތްތަކެއް ހިންގަމުން ދިޔަ ސަރަހައްދެއްގައި އޭނާ އުޅެނިކޮށް ކަމަށް ވާތީ އެވެ.