Roadha Mihaaru
އުލްޔާގެ ހީޓުން ރާއްޖޭން  ނިންމާލީ އުންމީދާ އެކު

އުލްޔާގެ ހީޓުން ރާއްޖޭން އޮލިމްޕިކްސް ނިންމާލީ އުންމީދާ އެކު

04 އޯގަސްޓް 2024

އަންހެން ފެތުންތެރިޔާ އާއިޝަތު އުލްޔާ ޝާއިގް ވާދަކުރި 50 މީޓަރު ފްރީސްޓައިލް އިވެންޓާ އެކު ދިވެހިރާއްޖޭން މިއަހަރުގެ އޮލިމްޕިކްސް ނިންމާލައިފި އެވެ.

އަންހެން ފެތުންތެރިޔާ އާއިޝަތު އުލްޔާ ޝާއިގް ވާދަކުރި 50 މީޓަރު ފްރީސްޓައިލް އިވެންޓާ އެކު ދިވެހިރާއްޖޭން މިއަހަރުގެ އޮލިމްޕިކްސް ނިންމާލައިފި އެވެ.

އިއްޔެ އޮތް ފެތުމުގެ އިވެންޓްގެ ހަތަރުވަނަ ހީޓުގައި އުލްޔާ ފަތާފައި ވަނީ 29.39 ސިކުންތުންނެވެ.

އުލްޔާ އާއެކު އަށް ފެތުންތެރިން ވާދަކުރި ހީޓު ކާމިޔާބު ކުރީ 27.68 ސިކުންތުން ފެތި ގަބޮންގެ ނޮއެލީ އަނެއްޓޭ ލެކޮއާ އެވެ. ނަމަވެސް މިއީ ސެމީ ފައިނަލަށް ކޮލިފައިވާން ފުދޭ ޓައިމިންއަކަށް ނުވި އެވެ.

ސެމީ އަށް ހޮވުނު 16 ފެތުންތެރިންގެ އެވްރެޖް ޓައިމިން އަކީ ގާތްގަނޑަކަށް 24 ސިކުންތެވެ.

ސްވިމިންގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އުމުރުން 21 އަހަރުގެ އުލްޔާގެ މި ނަތީޖާއަކީ ގޯސް ނަތީޖާއެއް ނޫނެވެ. މި އަހަރުގެ ފެބްރުއަރީ 17 ގައި ގަތަރުގެ ދޯހާގައި އޮތް ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި 29.47 ސިކުންތުން ފަތައިގެން އުލްޔާ މުގުރާލީ 17 އަހަރު ވެފައިވާ ގައުމީ ރެކޯޑެކެވެ.

ޔުނިވަރސިލިޓީ ޕްލޭސަސްގެ ދަށުން އުލްޔާ އޮލިމްޕިކްސްގެ ޖާގަ ޔަގީން ކުރީ، އޭގެ 10 ދުވަސް ފަހުން ފިލިޕީންސްގައި ބޭއްވި އޭޝިއަން އޭޖް ގުރޫޕް މުބާރާތުގައި 50 މީޓަރު ފްރީސްޓައިލް ލޯންގްކޯސް އިވެންޓްގައި 29.29 ސިކުންތުން ފަތައިގެން ރެކޯޑް އާކޮށްގެންނެވެ.

އޮލިމްޕިކްސްގައި އެ ރެކޯޑް މުގުރާލަން އޭނާ ލަސްވީ މަދު ސިކުންތުކޮޅެކެވެ.

މިއީ ރާއްޖޭން އޮލިމްޕިކްސްގައި އެންމެ ގިނަ ކުޅިވަރުތަކުގައި ވާދަކުރި އަހަރެވެ. އެގޮތުން ހަތަރު ކުޅިވަރަކުން ފަސް އެތުލީޓުން ވާދަ ކުރި އެވެ. އެއީ ދެ ފިރިހެން އެތުލީޓުންނާއި ތިން އަހްނެން އެތުލީޓުން ނެވެ. ކޮންމެ އެތުލީޓެއް ފަރާތުން ވެސް ވަނީ އުންމީދީ ޕާފޯމަންސެއް ފެނިފަ އެވެ.

ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލްގައި ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން ވާދަކުރި އިރު، އޭނާ ވަނީ ހީޓުގެ ތިންވަނަ ހޯދައި، ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ.

ފިރިހެން ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމް ވަނީ 100 މީޓަރު ދުވުމުން އޭނާގެ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ.

އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އާމިނަތު ނަބާހާ އަބްދުރައްޒާގު ވެފައި ވަނީ އޮލިމްޕިކްސްގެ ދެ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރި ފުރަތަމަ އެތުލީޓަށެވެ. އޭނާ ވަނީ ޓޯކިއޯ އޮލިމްޕިކްސް 2020 ގައި ވެސް ވާދަ ކޮށްފަ އެވެ.

މިއަހަރުގެ މުބާރާތުގައި އޭނާ ފުރަތަމަ ވެސް ވާދަ ކުރަން ޖެހުނީ އެންމެ ފަހުގެ ދެ އޮލިމްޕިކްސްގައި ވެސް މެޑަލް ހޯދި އިންޑިއާގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އިންޑިއާގެ ޕީވީ ސިންދު އާއެވެ. ދެވަނަ މެޗުގައި އެސްޓޯނިއާގެ ކްރިސްޓީން ކޫބާއާ ދެކޮޅަށް ވެސް ރަނގަޅު ވާދައެއް ކުރި އެވެ.

ހަމަ އެއާ އެކު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ގޮތުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. ޓޭބަލް ޓެނިސް އިވެންޓް ފެށުމުގެ ގޮތުން އުމުރުން 16 އަހަރުގެ ދީމާ ވާދަ ކޮށްފައި ވަނީ ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާއާ އެވެ.