Roadha Mihaaru
ޔޫކޭ ހަމަނުޖެހުންތަކާ ހެދި ދިވެހިން ސަމާލުވާން އެދިއްޖެ

އިނގިރޭސި ވިލާތުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ

03 އޯގަސްޓް 2024

އިނގިރޭސި ވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމަށް ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިނގިރޭސި ވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމަށް ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސި ވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ކުޑަކުދިންނަށް ނެށުމާއި ޔޯގާ ދަސްކޮށްދޭ ކްލާހަކަށް ވަދެ ތިން ކުއްޖަކަށް ވަޅިން ދިން ހަމަލާގައި މަރުވުމުން، އެ ގައުމުގައި މުސްލިމުންނާ ދެކޮޅަށް ހިނގާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް ހައި ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

ވަޅިން ދިން ހަމަލާގައި މަރުވެފައި ވަނީ އުމުރުން ހަ އަހަރާއި ހަތް އަހަރު އަދި ނުވަ އަހަރުގެ ކުއްޖެކެވެ.

އެ ހާލަތާ ގުޅިގެން، އިނގިރޭސިވި ލާތުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން އަދި ވަކިން ހާއްސަކޮށް ސައުތުޕޯޓް އަދި އެ ތަނުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އިތުރު ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރި އެވެ.

"މި މިނިސްޓްރީގެ އެދުމަކީ އެންމެހާ ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާ އެކު އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމެވެ،" ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ވަނީ އަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ ހުރިހާ އިރުޝާދަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކޮށްފަ އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ކޮންސިއުލާ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ނަމްބަރު. ފޯން: (44)02072242135 ނުވަތަ [email protected] އަށް އީމެއިލްކުރަން ވަނީ އެދިފަ އެވެ.