Roadha Mihaaru
ސިޓީން 95 މިލިއަން ޔޫރޯއަށް އަލްވަރޭޒް ވިއްކާލަނީ

ސިޓީން 95 މިލިއަން ޔޫރޯއަށް އަލްވަރޭޒް އެތުލެޓިކޯއަށް ވިއްކާލަނީ

07 އޯގަސްޓް 2024

މެންޗެސްޓާ (އޮގަސްޓް 7) - އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، 24، ބޮޑު އަގެއްގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ވިއްކާލަން އެއްބަސްވެއްޖެ އެވެ.

މެންޗެސްޓާ (އޮގަސްޓް 7) - އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، 24، ބޮޑު އަގެއްގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ވިއްކާލަން އެއްބަސްވެއްޖެ އެވެ.

އާޖެންޓީނާގެ ރިވަ ޕްލޭޓް އިން 2022 ވަނަ އަހަރު 17 މިލިއަން ޔޫރޯ އަށް (14.1 މިލިއަން ޕައުންޑަށް) ސިޓީން ގަތް އަލްވަރޭޒް، އެތުލެޓިކޯ އަށް ބަދަލުވަނީ ވަނީ 95 މިލިއަން ޔޫރޯ (81.5 މިލިއަން ޕައުންޑް) ގެ ޑީލެއްގަ އެވެ. އެއީ 75 މިލިއަން ޔޫރޯ (64.4 މިލިއަން ޕައުންޑް) ގެ ފީއަކާ އެކު ބޯނަސްގެ ގޮތުގައި 20 މިލިއަން ޔޫރޯ (17.1 މިލިއަން ޕައުންޑް) ހުށަހަޅައިގެންނެވެ.

ސިޓީއާ އެކު އެއްބަސްވުމަކަށް އާދެވުމުން، އެތުލެޓިކޯ އިން ވަނީ އިއްޔެ އަލްވަރޭޒް އާއެކު ވެސް އެއްބަސްވުމަކަށް އައިސްފަ އެވެ. އޭނާ އެތުލެޓިކޯ އަށް ބަދަލުވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މިއާ އެކު އަލްވަރޭޒް ވާނީ ސިޓީން އެންމެ އަގު ބޮޑުކޮށް ވިއްކާލި ކުޅުންތެރިޔާއަށެވެ. މިހާތަނަށް ސިޓީން އެންމެ އަގުބޮޑުކޮށް ވިއްކީ ރަހީމް ސްޓާލިން އެވެ. މީގެ ދެ އަހަރު ކުރިން ސިޓީން އޭނާ ޗެލްސީއަށް ވިއްކީ 50 މިލިއަން ޕައުންޑަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަލްވަރޭޒް އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. އަލްވަރޭޒް ވަނީ ސިޓީއަށް 103 މެޗު ކުޅެދީ، 36 ގޯލު ޖަހައިދީފަ އެވެ.

މިދިޔަ މަހު ސިޓީން ވަނީ 30.8 މިލިއަން ޕައުންޑަށް، ފްރާންސްގެ ޓްރޯޔެސް އިން ބްރެޒިލްގެ ވިންގާ ސަވީނިއޯ، 20 ގަނެފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ ލޯނު އުސޫލުން ސްޕެއިނިޝް ލީގުގެ ތިން ވަނަ ހޯދި ޖިރޯނާއަށް މޮޅު ކުޅުމެއް ކުޅެދީފަ އެވެ.

އެތުލެޓިކޯ އިން ވަނީ ސްޕެއިންގެ ކެޕްޓަން އަލްވަރޯ މޮރާޓާ 13 މިލިއަން ޔޫރޯ އަށް އިޓަލީގެ އޭސީ މިލާނަށް ވިއްކާލައިފަ އެވެ. އަދު ވިޔަރެއާލަށް ކުޅެމުން އައި ނޯވޭގެ ފޯވާޑް އެލެކްޒެންޑަ ސޯލޮތު 32 މިލިއަން ޔޫރޯ އަށް ވަނީ ގެނެސްފަ އެވެ. އަދި އޭގެ ކުރިން އެތުލެޓިކޯ އިން ވަނީ 34.5 މިލިއަން ޔޫރޯ އަށް ރެއާލް ސޮސިއޭޑާޑްގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑްގެ ސޮއި ހޯދައިފަ އެވެ.