Roadha Mihaaru
ފުޓުބޯޅަ އަށް ވުރެ ދިރިހުރުން މާ މުހިންމު: އަގުއޭރޯ

ފުޓުބޯޅަ އަށް ވުރެ ދިރިހުރުން މާ މުހިންމު: އަގުއޭރޯ

16 ޑިސެމްބަރ 2021

ބާސެލޯނާ (ޑިސެމްބަރު 16) - ހިތުގެ މައްސަލައެއް ކުރިމަތިވެ ފުޓްބޯޅަ ކުޅުން ހުއްޓާލަން، ނިންމި ނިންމުމާމެދު، ހިތްހަމަޖެހޭ ކަމަށް ބާސެލޯނާގެ ފޯވާޑް ސާޖިއޯ ކުން އަގުއޭރޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (ޑިސެމްބަރު 16) - ހިތުގެ މައްސަލައެއް ކުރިމަތިވެ ފުޓްބޯޅަ ކުޅުން ހުއްޓާލަން، ނިންމި ނިންމުމާމެދު، ހިތްހަމަޖެހޭ ކަމަށް ބާސެލޯނާގެ ފޯވާޑް ސާޖިއޯ ކުން އަގުއޭރޯ ބުނެފި އެވެ.

އުމުރުން 33 އަހަރުގައި އިއްޔެ ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އަގުއޭރޯ ބުނީ އެންމެ ފުރަތަމަ އިސް ވާނީ ސިއްހަތު ކަމަށެވެ.

އަގުއޭރޯ އަށް ސީރިއަސް ސިއްހީ މައްސަލައެއް ކުރިމަތިވީ އޮކްޓޯބަރު މަހު އެވެ. ޑިޕޯޓިވޯ އަލަވޭޒްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި މެއަށް ތަދުވެ ނޭވާލާން ދަތިވުމުން އަގުއޭރޯ ހޮސްޕިޓަށް ގެންދިޔަ އެވެ.

އަގުއޭރޯ ބުނި ގޮތުގައި އެ ދުވަހު އޭނާގެ ނަސީބު ރަނގަޅުވީ ޑޮކްޓަރުން އަވަހަށް އޭނާ އަށް ފަރުވާ ދޭން ފެށުމުންނެވެ.

އަގުއޭރޯ ބާސާގެ ޖޯޒީގައި. --ފޮޓޯ: ގެޓީ އިމޭޖަސް

އަގުއޭރޯ ބާސާގެ ޖޯޒީގައި. --ފޮޓޯ: ގެޓީ އިމޭޖަސް

"އެންމެ ފުރަތަމަ ކަމަކީ އަހަރެންގެ ސިއްހަތު،" އަގުއޭރޯ ބުންޏެވެ.

"އެ ދުވަހު އަހަރެންގެ ނަސީބު ރަނގަޅު. ޑޮކްޓަރުންގެ އެހީތެރިކަން އަހަންނަށް ވަރަށް އަވަހަށް ލިބިގެންދިޔަ. އަހަންނަށް ފަރުވާދިން ޑޮކްޓަރުން ބުނީ އަހަންނަށް އެންމެ ރަނގަޅު ވާނީ ކުޅުން ހުއްޓާލުން ކަމަށް."

އަގުއޭރޯ ބުނިގޮތުގައި ކުޅުން ހުއްޓާލަން އޭނާ ނިންމީ 10 ދުވަސް ކުރިންނެވެ. ފުޓުބޯޅަ އަލުން ކުޅުމާމެދު އުންމީދެއް އޮތްތޯ ބެލި ކަމަށާއި އެކަމަކު ފުޓްބޯޅަ އަށް ވުރެ އޭނާގެ ދިރިހުރުން މުހިންމު ކަމަށް ފެންނާތީ ކުޅުން ހުއްޓާލަން ނިންމީ ކަމަށް އަގުއޭރޯ ބުންޏެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ބޭއްވި ހަފުލާގައި، މެންޗެސްޓާ ސިޓީގައި އަގުއޭރޯ އަށް ކޯޗުކޮށްދިން ޕެޕް ގާޑިއޯލާ އާއި ބާސާގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް އަދި ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ބައިވެރިވި އެވެ.

އަގުއޭރޯ އެތުލެޓިކޯ އަށް ކުޅުނު އިރު: އޭނާ އެތުލެޓިކޯ އަށް ބަދަލުވީ އުމުރުން 18 އަހަރުގައި --- ފައިލް ފޮޓޯ: އޭއެފްޕީ

އަގުއޭރޯ އެތުލެޓިކޯ އަށް ކުޅުނު އިރު: އޭނާ އެތުލެޓިކޯ އަށް ބަދަލުވީ އުމުރުން 18 އަހަރުގައި --- ފައިލް ފޮޓޯ: އޭއެފްޕީ

ފެންކަޅިވެފައި ހުރެ އަގުއޭރޯ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަގުއޭރޯ ބާސެލޯނާ އަށް ސޮއިކުރީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ހިލޭ ޓްރާންސްފާގައި ބާސާ އަށް ބަދަލުވިއަސް އެ ކްލަބަށް އެހީވުމުގައި އަގުއޭރޯ އަށް މާބޮޑު ހިއްސާއެއް ނުވެވުނެވެ.

"ބާސާ އަށް ބަދަލުވާން ޖެހުނީމަ އަހަންނަށް ކުރެވުނީ ވަރަށް އެހެން ކަހަލަ އިހްސާސެއް. އެނގޭ އަހަންނަށް މި ބަދަލުވެވުނީ ދުނިޔޭގެ އެންމެ ކާމިޔާބު ކްލަބަށްކަން. އެކަމަކު އެންމެ ރަނގަޅަށް ނުދިޔަޔަސް އަހަރެން ގަބޫލު ކުރަނީ ކަންކަން ވާނީ ރަނގަޅު ސަބަބެއް އޮތުމުން ކަމަށް."

އަގުއޭރޯ (ވ) އާއި މެންޗެސްޓާ ސިޓީގެ ކޯޗް ގާޑިއޯލާ (ކ) --- ފައިލް ފޮޓޯ: އޭއެފްޕީ

އަގުއޭރޯ (ވ) އާއި މެންޗެސްޓާ ސިޓީގެ ކޯޗް ގާޑިއޯލާ (ކ) --- ފައިލް ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށް ފަހު އަގުއޭރޯ ސިޓީ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އެ ކްލަބަށް ކުޅުނު އެންމެ މޯޅު ފޯވާޑުގެ ގޮތުގައި މަޝްހޫރުކަން ހޯދީ އަގުއޭރޯ އެވެ. އެ ކްލަބާ އެކު ޕްރިމިއާ ލީގު ފަސް ފަހަރު ހޯދި އެވެ. ސިޓީއަށް 184 ލަނޑު ޖަހައިދީ އޭނާ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

އަގުއޭރޯ ވަނީ ފުޓުބޯޅައިގެ މުހިންމު ތިން ކުރިމަތިލުމެއްގައި ލަނޑު ޖަހައިފަ އެވެ. އެތުލެޓިކޯ މެޑްރިޑްގައި، މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑް ކޮޅަށް، މެންޗެސްޓާ ޑާބީ ގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް، އެލް ކްލެސިކޯގައި ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖެހި އެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް 41 ލަނޑު އޭނާ ޖަހައިދިނެވެ.