Roadha Mihaaru
ސިޓީން ވަނުމުން ވުލަހޮވިޗްގެ އަގު މަތިވެއްޖެ

ސިޓީން ޓްރާންސްފާއަށް ވަނުމުން ވުލަހޮވިޗުގެ އަގު މަތިވެއްޖެ

19 އޯގަސްޓް 2021

މެންޗެސްޓާ (އޮގަސްޓް 19) - ފިއޮރެންޓީނާގެ ފޯވަޑް ޑޫސަން ވުލަހޮވިޗްގެ ޓްރާންސްފާ ރޭހަށް މެންޗެސްޓާ ސިޓީން ވަނުމުން އޭނާގެ އަގު މަތިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (އޮގަސްޓް 19) - ފިއޮރެންޓީނާގެ ފޯވަޑް ޑޫސަން ވުލަހޮވިޗްގެ ޓްރާންސްފާ ރޭހަށް މެންޗެސްޓާ ސިޓީން ވަނުމުން އޭނާގެ އަގު މަތިވެއްޖެ އެވެ.

ވުލަހޮވިޗަށް ސިޓީގެ ފޯކަސް ބަދަލު ކުރީ، އެ ޓީމުން ޓާގެޓް ކުރި ހެރީ ކޭން ނުލިބިދާނެ ކަމަށް ބެލެވޭތީ އެވެ. ކޭން ވިއްކާލަން، ޓޮޓެންހަމް އޮތީ ތައްޔަރަކަށް ނޫނެވެ. މިދިޔަ 10 އަހަރު ސިޓީގެ ސެންޓްރަލް ސްޓައިކަރަކަށް ކުޅުނު، ސާޖިއޯ އަގުއޭރޯ ވަނީ އެ ޓީމު ދޫކޮށްލައިިފަ އެވެ. ރަނގަޅު ސެންޓަރަލް ސްޓައިކަރެއް ހޯދުމަކީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ އެންމެ ބޮޑު އެއް އަމާޒެވެ.

ސާބިއާ އަށް ނިސްބަތްވާ ވުލަހޮވިޗްގެ ޓްރާންސްފާ ރޭހުގައި މިހާތަނަށް އޮތީ، ސްޕެއިންގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ. އޭނާގެ ޓްރާންސްފާ އަށް އެތުލެޓިކޯ އިން މަސައްކަތް ފެށީ އެ ޓީމުން ޓާގެޓް ކުރި ލައުޓާރޯ މާޓިނޭޒް ވިއްކަން، އޭނާގެ ކްލަބު އިންޓަ މިލާން އިން ދެކޮޅު ހެދުމުންނެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް، އޭއެސް އިން ބުނެފައި ވަނީ ވުލަހޮވިޗްގެ ޓްރާންސްފާގައި ފާހަގަ ކުރެވޭ ހިސާބަކަށް އެތުލެޓިކޯ ވާސިލުވެފައި ވަނިކޮށް، ސިޓީ އެ ރޭހަށް ވަނުމުން އެތުލެޓިކޯ އަށް ޓްރާންސްފާ ކާމިޔާބު ވެދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ސިޓީން އޮތީ، އޭނާގެ ޓްރާންސްފާ އަށް 93 މިލިއަން ޑޮލަރު ފިއޮރެންޓީނާ އަށް ދޭން ތައްޔާރަށް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އެވަރުގެ އަގެއް ދޭން އެތުލެޓިކޯ އިން ތައްޔާރަށް އޮތްތޯ ސުވާލު އުފެދެ އެވެ. އެތުލެޓިކޯ އިން ފުރަތަމަ ހުށަހެޅީ 70 މިލިއަން ޑޮލަރެވެ. ނަމަވެސް އެ އަގާމެދު ފިއޮރެންޓީނާ ހިތްހަމައެއް ނުޖެ އެވެ.

ވުލަހޮވިޗް، 21، ވަނީ މިދޔަ ސީޒަންގައި ފިއޮރެންޓީނާ އަށް 40 މެޗު ކުޅެ 21 ލަނޑު ޖަހައިފަ އެވެ.