Roadha Mihaaru
ރެކޯޑް ޓްރާންސްފާ އަގާ އެކު މާޔޫސް ކޮށްލި: ކައިސެޑޯ

ރެކޯޑް ޓްރާންސްފާ އަގާ އެކު މާޔޫސް ކޮށްލި: ކައިސެޑޯ

07 އޯގަސްޓް 2024

ޝާލޮޓް، އެމެރިކާ (އޮގަސްޓް 6) - އިނގިރޭސި ވިލާތުގެ ރެކޯޑް ޓްރާންސްފާ އަގާ އެކު ކުރިމަތިވި ޕްރެޝަރާ ގުޅިގެން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވެސް ގެއްލުނު ކަމަށް ޗެލްސީގެ މިޑްފީލްޑަރު މޮއީސެސް ކައިސެޑޯ ހާމަ ކޮށްފި އެވެ.

ޝާލޮޓް، އެމެރިކާ (އޮގަސްޓް 6) - އިނގިރޭސި ވިލާތުގެ ރެކޯޑް ޓްރާންސްފާ އަގާ އެކު ކުރިމަތިވި ޕްރެޝަރާ ގުޅިގެން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވެސް ގެއްލުނު ކަމަށް ޗެލްސީގެ މިޑްފީލްޑަރު މޮއީސެސް ކައިސެޑޯ ހާމަ ކޮށްފި އެވެ.

އެކުއެޑޯ އަށް އުފަން 22 އަހަރުގެ މިޑްފީލްޑަރު ކައިސެޑޯ، މިދިޔަ އަހަރުގެ އޮގަސްޓް މަހު ބްރައިޓަން ދޫކޮށް ޗެލްސީއަށް ބަދަލުވީ 100 މިލިއަން ޕައުންޑަށެވެ. އަދި ބޯނަސްތަކާ އެކު މި އަގު 115 މިލިއަން ޕައުންޑަށް މައްޗަށް ޖެހިލާނެ އެވެ.

ޗެލްސީއާ އެކު ފުރަތަމަ ސީޒަންގައި އޭނާ ވަނީ 48 މެޗު ކުޅެދީއެއް ގޯލު ޖަހައި، ހަތަރު ގޯލު އެސިސްޓް ކޮށްދީފަ އެވެ. ޗެލްސީއަށް ބަދަލުވާން ކައިސެޑޯ ނިންމުމުގެ ކުރިން ލިވަޕޫލުން ވަނީ ބްރައިޓަން އާއެކު 111 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސް ވެސް ވެފަ އެވެ.

"ފެށުން އަހަރެންނަށް އުނދަގޫވި، އެއީ ބޮޑު އަގެއްގައި ބޮޑު ކުލަބަކަށް ކުޅޭއިރު، ކޮންމެ މެޗެއް ކާމިޔާބު ކުރުން އެބަ މަޖުބޫރުވޭ. ބްރައިޓަންގައި އެހާ ޕްރެޝަރެއް ނުވޭ. އެކަމު ޗެލްސީގައި ތަފާތު،" އެމެރިކާގައި ކުރިއަށްދާ ޗެލްސީގެ ޕްރީ ސީޒަން ޓުއާގައި ހުރެ، ކައިސެޑޯ ބުންޏެވެ.

"ނަމަވެސް އެންމެ ފަހުން މި ހޭދަވި ހަތަރު ފަސް މަހު ކޮންމެވެސް ވަރަކަށް ހޭނިއްޖެ ކަމުގެ އިހުސާސް ކުރެވޭ."

ކައިސެޑޯ ބުނީ، އޭނާގެ ކިބައިގައި ކުޅުމުގެ ކޮލިޓީ ހުރި ނަމަވެސް، އޭނާގެ ނަފްސަށް ކުރާ އިތުބާރު ކުޑަވުމުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިވަށިވި ކަމަށެވެ. އަދި އެކަމުން އަރައިގަންނަން ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި އޭނާގެ ސްޓާފުންގެ ފަރާތުން ލިބުނު އެހީތެރިކަން ކައިސެޑޯ ފާހަގަކުރި އެވެ.

އަންނަ ސީޒަނަށް ޗެލްސީން ވަނީ ލެސްޓާ ސިޓީގެ ކޯޗުކަމުގައި ހުރި އެންޒޯ މަރެސްކާ ގެނެސްފަ އެވެ. ކައިސެޑޯ ވަނީ މަރެސްކާ، ޓީމު ބައްޓަން ކުރަމުން ގެންދާ ގޮތާ މެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

"އޭނާ [މަރެސްކާ] ކުޅުވަނީ އަހަރެން ބްރައިޓަންގައި ކުޅުނު ސިސްޓަމަށް. އޭނާ ވެސް ބޭނުންވޭ އަހަރެންގެ ހުރި ކޮލިޓީ ނެރެން، ޕާސަނާލިޓީ ވެސް އިތުރަށް ރަނގަޅުކުރަން،" ކައިސެޑޯ ބުންޏެވެ.