Roadha Mihaaru
ގެއަށް ބަދަލުކުރި އިލްތިމާސް ވެސް ޔާމީން ގަބޫލުނުކުރޭ!

ޔާމީން ގެއަށް ބަދަލުކޮށްދޭން ރައީސް އިލްތިމާސް ކުރެއްވިކަން ޔާމީން މިހާރު ގަބޫލެއް ނުކުރެއްވި!

09 އޯގަސްޓް 2024

ކުރީގެ ސަރުކާރުގެ ދުވަސްވަރު ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައި ހުންނަވަނިކޮށް، ރިޔާސީ އިންތިހާބުގެ ކާމިޔާބީއާ އެކު ޔާމީން ގެއަށް ބަދަލު ކުރައްވަން އެކިފަހަރު މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވާފައިވީ ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ސަރުކާރުގެ ދުވަސްވަރު ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައި ހުންނަވަނިކޮށް، ރިޔާސީ އިންތިހާބުގެ ކާމިޔާބީއާ އެކު ޔާމީން ގެއަށް ބަދަލު ކުރައްވަން އެކިފަހަރު މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވާފައިވީ ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ޔާމީން އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، ފުރަތަމަ ފަހަރަށް މީޑިއާ އާއި އާންމުންނާ މުހާތަބު ކުރައްވައި އެ ރޭ ދެއްކެވި ވާހަކަފުޅުގައި އޭރުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުއިއްޒު އެންމެ ފުރަތަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލެއްވީ ޔާމީން ޖަލުން ގެއަށް ބަދަލު ކުރެއްވުމަށެވެ. ވާހަކަފުޅުގެ އެންމެ ކުރީކޮޅުގައި ޔާމީންގެ ވާހަކަ ގެންނެވި އެވެ.

"އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް،" މީރުމާ ހޯލްގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، ޔާމީން އިސްވެ ހުންނަވައިގެން ޕީއެންްއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީންގެ ދެއްކެވި ވާހަކަތަކުން އެނގުނީ ރައީސް މުއިއްޒުގެ އެ ގޮވާލެއްވުން ވެސް ގަބޫލުފުޅު ނުކުރައްވާ ކަމެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު މާފުށީ ޖަލުން މާލެ ގެނައުމަށްޓަކައި އޮކްޓޫބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު ލޯންޗަށް އެރުއްވިކަން ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެނގިވަޑައިގެންނެވިއިރު، އެ ބޭފުޅުން ތިއްބެވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަން ރައީސް އޮފީހުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި ކަމަށެވެ. އަބްދުއްރަހީމް އެހެން ވިދާޅުވީ ސީދާ އެމަނިކުފާނުގެ އަރިހުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު، އަޅުގަނޑާ ބައްދަލުކުރަން މި ތަނަށް އައިސްފައި [ޔާމީން ގެއަށް ބަދަލުކުރި ދުވަހު އެ މަނިކުފާނުގެ ގެކޮޅު ކައިރީގައި] އަޅުގަނޑާ ސަލާން ކުރަމުން ދިޔައިރު މައިކު އަތުލާފައި މީހަކު ލައްވައި ބުނުވި ރައީސް މުއިއްޒު ނުވަތަ ހޮވިވަަޑައިގެން ހުންނެވި ރައީސް މުއިއްޒު، އިބްރާހިމް މުހައްމަދު ސޯލިހު ކައިރީގައި ދަންނަވައިގެން، އިލްތިމާސް ކޮށްގެންނޭ ރައީސް ޔާމީން ގެއަށް ގެނެސްފައި އެ ހުރީ،" ޔާމީން ވިދާޅުވި އެވެ.

"ހަމަ އަޑުގަދަކުރާ އިން ގޮވަމުން ދިޔަ. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ ސަންޓޯ ލައްވާ މި ވާހަކަ [އެ ދުވަހު] ދެއްކީ. އެކަމަކު، ހަމަ އެ އަބްދުއްރަހީމް ބުނީ، ރައީސް ޔާމީން ލޯންޗަށް އަރުވައިގެން މިކޮޅަށް ގެންނަނިކޮށްނޭ ތިމަންނަމެންނަށް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުވީ."

ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމާ އެކު، ޖެހިގެން އައި ދުވަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމާ އެކު، ޖެހިގެން އައި ދުވަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ޔާމީން ވިދާޅުވީ އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ ކަންކަން އެނގިވަޑައިގެން ކަމަށާއި ޖަލުން ގެއަށް ބަދަލު ކޮށްދޭން ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ނުކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒަށް ރިޔާސީ އިންިހާބު ކާމިޔާބު ކުރެއްވުމާ އެކު، ޖެހިގެން އައި ދުވަހު މެންދުރުފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް އޮފީހުގައި ބައްދަލު ކުރެއްވި އެވެ. ރައީސް މުއިއްޒުގެ އަރިހުގައި އަބްދުއްރަހީމް ވެސް އެ ބައްދަލުވުމުގައި އިންނެވި އެވެ.

އެ ބައްދަލުވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ގައުމުގެ މަސްލަހަތަށްޓަކައި ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"ވަރަށް ބޮޑު އުފަލެއް މިއީ. މިއީ ގިނަ ރައްޔިތުން އަދި ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތް. އެ މަނިކުފާނަށް [ޔާމީނަށް] އިންސާފު ލިބިދިނުމަކީ މިއަދު އަޅުގަނޑު އެދޭ ގޮތް އަދި ރައްޔިތުން ވެސް އެދޭ ގޮތް،" އޭރު ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމުން އެ މަނިކުފާނު ގެއަށް ބަދަލުކޮށްދޭން އެދި ޕީޕީއެމްގެ ލީޑަޝިޕްގެ އެކި ބޭފުޅުން އޭރުގެ ސަރުކާރަށް އެކި ޕްލެޓްފޯމުތަކުގައި ގޮވާލާފައި ވެ އެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް މި ހަފުތާގައި ވިދާޅުވީ ޔާމީނަށް ރައީސް މުއިއްޒު ގޯސްވީ ރައީސް މުއިއްޒުގެ މައްޗަށް އެހެން މީހެއްގެ ބާރު ނުފޯރާނެ ކަމަށް ވިދާޅުވި ހިސާބުން ކަމަށެވެ.

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވައިގެން، ޔާމީން އެންމެ ފުރަތަމަ ނުރުހުނީ އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވަން ޖަލްސާއެއް ބާއްވަން ރައީސް މުއިއްޒު ބޭނުންފުޅުވުމުންނެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން ބޭނުންފުޅުވީ އެ ޖަލްސާ، އެމަނިކުފާނު ޖަލުން މިނިވަންވުމަށް ފަހު ބޭއްވުމަށެވެ. އެކަމަކު އެ ޖަލްސާ ބާއްވާނެ ކަން ރައީސް މުއިއްޒު އާންމުކޮށް އިއުލާނު ކުރައްވާފައި ވަނިކޮށް ޖަލްސާ ފަސް ނުކުރަން ދެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއީ އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި ޔާމީނަށް މުއިއްޒު ގޯސްވުމުގެ ފެށުމެވެ.

ނަމަވެސް ޔާމީން ވިދާޅުވެފައި ވަނީ ސަރުކާރުން އެ މަނިކުފާނު ދޫކޮށްލީ ހަދަމުންދާ ގޯސްތަކަށް ފާޑުވިދާޅުވާތީ ކަމަށެވެ.