Roadha Mihaaru
ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް ފުލުހުން ފަށައިފި

ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް ކުންފުނިތަކާ އެކު ފުލުހުން ފަށައިފި

27 ފެބުރުއަރީ 2017

ރާއްޖެ އިން ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާ އެކު ފުލުހުން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާ އެކު ފުލުހުން މިއަދު ފަށައިފި އެވެ.

"މަށެއް ނުކުރާނަން ކުށެއް"ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިން ފެށުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުން ސޮއިކުރީ އެލައިޑް އިންޝުއަރެންސާއި ދިރާގާއި ބީއެމްއެލް އާއި އެސްޓީއޯ އާއި މެޕްސް ކޮލެޖު އަދި ޓާނިން ސްޓޯންސްއާ އެކުގަ އެވެ.

މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އެވެ. ކުންފުނިތަކުން ސޮއިކުރެއްވީ އެ ތަންތަނުގެ އިސްވެރިންނެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު، ވާހަކަ ދައްކަވަމުން ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓް (ޕީއޭޑީ)ގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ނަދީމް ވިދާޅުވީ، ކުށް މަދުކުރަން ފުލުހުން ހިންގާ އެކި ހަރަކާތްތަކަށް ފަންނީ އަދި މާލީ ގޮތުން އެ ކުންފުނިތަކުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށް މަދުކުރުމަށް މިިދިޔަ އަހަރު ވެސް ގިނަ ހަރަކާތްތަކެއް ހިންގި އެވެ. ފުލުހުންނާ އެކު މިއަދު ސޮއިކުރި ކުންފުނިތަކުގެ އެހީތެރިކަން ވެސް އެ ހަރަކާތްތަކަށް ލިބުނު ކަމަށް ނަދީމް ވިދާޅުވި އެވެ. އެކަމަކު އެއްބަސްވުމެއްގައި ސޮއިކުރުމުން އެ ހަރަކާތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުން ވެސް ގިނަ ކަންތައްތަކެއް ހާސިލްކުރަން އަމާޒު ހިފާފައިވާކަން ނަދީމް ފާހަގަކުރެއްވި އެވެ.

ނަދީމް ވިދާޅުވީ ބޮޑު ކެމްޕެއިންގެ ހަރަކާތެއްގެ ދަށުން ހުޅުމާލޭގައި އަންނަ މަހު ބޮޑު ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމާއި ތަފާތު އެކި ތަމްރީންތައް ވެސް މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.