Roadha Mihaaru
ސަރުކާރުތަކަށް ސިޔާސީ މަންފާ، ރައްޔިތުންނަށް ވެލި!

ހިއްކާ ބިމުގެ ބޭނުން ނުކުރެވި، ސަރުކާރުތަކުން ހޯދަނީ ސިޔާސީ މަންފާ!

13 އޯގަސްޓް 2024

އައްޑޫގައި ނިންމައި މިދިޔަ އާދިއްތަ ދުވަހު އިފުތިތާހުކުރީ ރައްޔިތުންނާއި އެ ސިޓީގެ ތަރައްގީ އަށް އިންތިހާ އަށް މުހިންމު ބިޔަ މަޝްރޫއެކެވެ. ހިތަދޫގައި 90 ހެކްޓަރު ބިމާއި މަރަދު އާއި މަރަދޫފޭދޫގައި އިތުރު 76 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ހަންކެޑެ އަށް ހަތަރު ހެކްޓަރުގެ ބިމުގެ އިތުރުން ޓޫރިޒަމަށް ހާއްސަކޮށް އިތުރު ތިން ރަށެއް ހިއްކުމުން އައްޑު އަށް އެ އިތުރުވީ 190 ހެކްޓަރުގެ ބިމެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫގައި ނިންމައި މިދިޔަ އާދިއްތަ ދުވަހު އިފުތިތާހުކުރީ ރައްޔިތުންނާއި އެ ސިޓީގެ ތަރައްގީ އަށް އިންތިހާ އަށް މުހިންމު ބިޔަ މަޝްރޫއެކެވެ. ހިތަދޫގައި 90 ހެކްޓަރު ބިމާއި މަރަދު އާއި މަރަދޫފޭދޫގައި އިތުރު 76 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ހަންކެޑެ އަށް ހަތަރު ހެކްޓަރުގެ ބިމުގެ އިތުރުން ޓޫރިޒަމަށް ހާއްސަކޮށް އިތުރު ތިން ރަށެއް ހިއްކުމުން އައްޑު އަށް އެ އިތުރުވީ 190 ހެކްޓަރުގެ ބިމެވެ.

ބިން ހިއްކުމުގެ ބިޔަ މަޝްރޫއާ ގުޅިގެން ސިޔާސީ ޕޮއިންޓު ނަގާނީ ކޮން ސަރުކާރެއްތޯ ސޯޝަލް މީޑިއާގައި ބަހުސް ހިނގާއިރު އައްޑޫގައި އަލަށް ހިއްކި ސަރަހައްދުން ދެކުނަށް ބަލާއިރު މީގެ ނުވަ އަހަރު ކުރިން ފޭދޫގައި އެ ގޮތަށް ހިއްކާފައި އޮތް ބޮޑު ބިމެއް އޮތީ ފެންނާށެވެ. ދައުލަތުން 95 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިތުރު މާސިންގާ ބޮޑު ބިމެއް ހިއްކައި ނިންމާލިއިރު، ފޭދޫގައި ހިއްކި 50 ހެކްޓަރުގެ ބިން އަދިވެސް އެ އޮތީ ފަޅަށެވެ.

އެ މަޝްރޫއު ވެސް ވެގެން ދިޔައީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރަށް ޖަހާލަން ލިބުނު ސިޔާސީ ޕޮއިންޓަކަށެވެ. މި ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ރަށެއްގެ ބިން ހިއްކި ނަމަވެސް ރައްޔިތުންނާއި ސަރުކާރަށް އެއްވެސް މަންފާއެއް ނުލިބެވެ. ރައްޔިތުންނަށް ލިބެނީ ހަނަފަސް ބިންތަކަކާއި ވެލި ފުނިތަކެކެވެ.

ދެ ބިމެއް ނޫނީ އެހެން ހުރިހާ ތަނެއް "ފަޅަށް"

ރާއްޖޭގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން "މިހާރު" އިން ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު 2010 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސަރުކާރުން ވަނީ ބިން ހިއްކުމުގެ 35 މަޝްރޫއެއް ހިންގައިފަ އެވެ.

ދިއްގަރު

ދިއްގަރު

އޭގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ގުޅިފަޅާއި އައްޑު އާއި އޭގެ އިތުރުން މާފުއްޓާއި ތ. ގުރައިދޫ ފަދަ ބައެއް ކުދި ރަށްތަކުގައި ވެސް ބިން ހިއްކުމުގެ އެއް މަޝްރޫއު ނިމުމަށް ފަހު، ސަރުކާރުތަކުން އެހެން ސަރަހައްދުތައް ވެސް ހިއްކަން ފަށާފައިވެ އެވެ. އެކި ރަށްރަށުން 800 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ 2010 އިން ފެށިގެން ވަނީ ހިއްކައިފަ އެވެ.

މި ހުރިހާ މަޝްރޫއުތަކަށް ބިލިއަނަކާ ގާތް ކުރާ އަދަދަށް ހަރަދު ކުރެވިފައި ހުންނާނެ ކަމަށް އެ ދާއިރާގެ ބޭފުޅުން ލަފާކުރައްވާއިރު ރާއްޖޭގައި މިހާތަނަށް ބިން ހިއްކި ރަށްތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ތަރައްގީ ކޮށްފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ހއ. ދިއްދޫގައި އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވި އެވެ.

އެހެން ރަށްރަށުގައި ގޯތި ދިނުމާއި ބައެއް ކުދިކުދި މަސައްކަތްތަކެއް ހިންގިޔަސް ފެނާއި ނަރުދަމާ އާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ބޭނުންވެފައިވާ ބޯހިޔާވެހިކަމުގެ މަޝްރޫއެއް އެކަށީގެންވާ ގޮތެއްގައި ހިންގިފައެއް ނެތެވެ. އެތައް މިލިއަނެއް ހަރަދު ކުރިޔަސް ސަރުކާރަށް ރިޓާންއެއް ނުލިބެ އެވެ. ރަށުގެ މައްސަލަތަކަށް ވެސް ހައްލެއް އައިސްފައެއް ނުވެ އެވެ.

ސަރުކާރުން ހިއްކާ ބިންތައް ތަރައްގީއެއް ނުވެ އެވެ. އޮންނަނީ ހުސް ވެލިގަނޑެކެވެ. އެކަމަކު އަދިވެސް ސަރުކާރުގެ ވެރިން ނުވަތަ ސިޔާސީ ބަޔަކު ރަށަކަށް އެރުމުން ބައެއް ރަށްރަށުގައި އޮންނަ ޑިމާންޑަކީ އިތުރު ސަރަހައްދުތައް ހިއްކުމެވެ. އައްޑޫގައި ވެސް ހިއްކި ބިމުގެ މަސައްކަތް ނުނިމިގެން 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގައި މެންބަރުން އެތައް ޝަކުވާއެއް ކުރި ނަމަވެސް ހިއްކާފައި އޮތް ބިން ތަރައްގީ ނުކޮށް ނުވަ އަހަރުވީ މައްސަލައިގެ ވާހަކަ އެއްވެސް މެންބަރަކު ނުދައްކަވަ އެވެ.

ފޭދޫގައި ޔާމީން ސަރުކާރުން ހިއްކި ބިން

ފޭދޫގައި ޔާމީން ސަރުކާރުން ހިއްކި ބިން

ބޮޑު ސަރަހައްދެއް ހިއްކިތާ 14 އަހަރު ވެފައިވާ އެހެން ރަށެއްގެ ކުރީގެ ކައުންސިލަރަކު "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އެ މައްސަލަ އަށް އެންމެ ބޮޑު ހައްލެއް އަންނާނީ ސަރުކާރާއި ރައްޔިތުންގެ ވިސްނުން ވެސް ބަދަލުވެގެންނެވެ. ސިޔާސީ ގޮތުން މަންފާއެއް ހޯދަން މީހުން ބުނިހާ ކަމެއް ކުރުމުގެ ބަދަލުގައި ދިގު ރާސްތާގައި ދައުލަތަށް ވެސް އަދި ރައްޔިތުންނަށް ވެސް ފައިދާ ވާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރަން ޖެހެ އެވެ.

"މި ރަށުގެ ބިން ހިއްކަން މީހުން ނުކުމެ އާދޭސް ކުރީ ގޯތި ބޭނުން ވާތީ. އަހަރެމެންނަށް ލިބުނީ ސައިކަލު ބުރު ޖަހާނެ އިތުރު ޖާގަ ކޮޅެއް. އެއްވެސް ކަމެއް ނުވޭ. ފައިދާއެއް ނުވޭ. އެކަމަކު ހަމަ މިތިބީ ހިތްހަމަ ޖެހިގެން،" އޭނާ ވިދާޅުވި އެވެ.

އޭގެ އަނެއް މިސާލަކީ ހދ. ކުޅުދުއްފުއްޓެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި މީގެ 14 އަހަރު ކުރިން ސެޕްޓެމްބަރު 2010 ގަ އެވެ. ޖުމުލަ 28 ހެކްޓަރުގެ ބިން އެއްމަސް ތެރޭގައި ހިއްކައި ނިންމާލި އެވެ.

އެ އަށް ފަހު ރޯ ހައުސްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު، އެ ތަން ހުރީ ހުރި ގޮތަށެވެ. ޔާމީންގެ ވެރިކަމުގައި އެ ބިމުގައި އަތް ނުލައި އޮވެ ފަސް އަހަރު ނިމުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ތަންތަން މަރާމާތު ކުރުމަށް ފަހު މީހުންނާ ހަވާލު ކޮށްފަ އެވެ. މީހުން ދިރިއުޅެން ފެށުމުން ސަރުކާރުން ރޯ ހައުސް ހުރި ސަރަހައްދުގައި ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ވެސް ފޯރުކޮށްދިނެވެ.

އެކަމަކު، އެ ސަރަހައްދާއި ކުޅުދުއްފުށީގައި ދެން ހުހަށް އޮތް ބޮޑު ސަރަހައްދުގައި މަގު ހެދުމެއް ނުވަތަ އިތުރު އެއްވެސް މަޝްރޫއެއް ނުހިންގަ އެވެ. އެ ރަށުގައި ހަމައެކަނި އޮތް ފަޅު ހިއްކައިގެން ހިންގި މަޝްރޫއު އޮތީ ބޭކާރު ގޮތުގައި ދޫކޮށްލައިފަ އެވެ. އޭގެ އެއްވެސް ބޭނުމެއް މީހުންނަށް އަދި ސަރުކާރަށް ވެސް ނެތެވެ.

ކުޅުދުއްފުށި ރޯ ހައުސްތައް--

ކުޅުދުއްފުށި ރޯ ހައުސްތައް--

ވެރިރަށް މާލެ އިން ވެސް އެ މަންޒަރު ފެންނަން އެބައޮތެވެ. ޔާމީންގެ ވެރިކަމުގައި މާލެ އިން ހުޅަނގު ދެކުނު ފަރާތް ހިއްކައި އިންޑަސްޓްރިއަލް ވިލެޖު ހެދީ މާލޭގެ ހުރިހާ ގުދަންތަކާއި ވޯކްޝޮޕާއި ގަރާޖުތައް އެތަނަށް ބަދަލު ކުރުމަށެވެ. އޭރުން މާލެއިން ހުސްވާ އެތައް ސަތޭކަ ބިމެއްގައި ސަރުކާރުން ޕާކިން އާއި ޕާކުތައް ހަދައި މާލެ "ނޭވާ ލެވޭނެ" ތަނަކަށް ހެދުމަށެވެ.

ނަމަވެސް އެތައް މިލިއަނެއް ހަރަދުކޮށްގެން އެ ބިން ހިއްކުމަށް ފަހު ވެރިކަން ބަދަލުވުމާ އެކު، އިންޑަސްޓްރިއަލް ވިލެޖު ވެގެން ދިޔައީ ގޮނޑަކަށެވެ. މިހާރު އެތަން އޮންނަނީ ތިލަމާލެ ބްރިޖު އަޅާ ސައިޓާއި ވެމްކޯ އަށް ދޫކޮށްލައިފަ އެވެ.

"ފައިދާ ވާނީ ކިހިނެތްތޯ ރައްޔިތުން ވިސްނާލަން ޖެހޭ"

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައިގެ އިތުރު ތަފްސީލަށް ވަޑައިގަންނަވަމުން މިނިސްޓަރު މުއްތަލިބް "މިހާރު" އަށް ވިދާޅުވި ގޮތުގައި ދައުލަތުން ބޮޑު ހަރަދު ކޮށްފައި ހިންގާ ބިން ހިއްކުމުގެ ބައެއް މަޝްރޫއުތަކަށް 15 އަހަރުވާން ކައިރިވެފައިވީ ނަމަވެސް އެ ތަންތަން ތަރައްގީ ނުކުރެވޭތީ ދައުލަތަށާއި ރައްޔިތުންނަށް ވެސް އެކަށީގެންވާ މަންފާއެއް ނުލިބެ އެވެ.

ބިން ހިއްކަން އެކަނި އެތައް މިލިއަނެއް ހަރަދުކުރާ އިރު އޭގެ ތެރެއަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ލައިފި ނަމަ އެ މަޝްރޫއަށް ދައުލަތަށް ހަރަދު ކުރެވޭ ވަރަށް ވުރެ މާ އަގު ބޮޑުވާ ކަމަށާއި އެހެންވެ ގިނަ ފަހަރަށް އެކަން ނުވެ ހުންނަނީ އެހެންވެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

ބިންތައް ގިނަ ފަހަރަށް ހިއްކަނީ ލޭންޑް ޔޫޒް ޕްލޭނެއް ހެދިގެން ނޫން ކަމަށާއި އައްޑޫ މަޝްރޫއުގައި ވެސް ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ ކަންކަން ކުރަން ފަށާފައި ވަނީ އަދި ކިރިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ބިން މި ބޭނުން ކުރެވެނީ ވެސް ދައުލަތަށް އޭގެ މަންފާއެއް ލިބޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މާފުށީގައި ބިން ހިއްކީ. ކައުންސިލުން އެތަން ގޯތި ދޭން ދޫކުރީ. ރަށުގައި އެކަން ކުރާ ބޭފުޅުންގެ ވިސްނުން ހުރީ ހަމަ ގެސްޓް ހައުސް އަޅަން. ސަރުކާރުން ފެނާއި ނަރުދަމާ އާއި ބްރިޖު ވެސް އަޅައިގެން ބޮޑު ހަރަދެއް ކުރަން ޖެހޭ އިރު ދައުލަތަށް ސީދާ ގޮތެއްގައި މަންފާތަކެއް ނުވެ އެބަދޭ،" މުއްތަލިބް ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހަމަ އެގޮތަށް ކ. އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި ވެސް ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ރައްޔިތުންގެ ބޯހިޔާވެހިކަމަށް މާ ބޮޑު ފައިދާތަކެއް ކުރުމުގެ ބަދަލުގައި އެތަންތަން އެއްކޮށް އެހެން ވިޔަފާރިތަކަށް ބޭނުން ކުރާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މީގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރަށް ވެސް ރައްޔިތުންނަށް ވެސް އެންމެ މަންފާވާނެ ގޮތެއް ކުރިން ޕްލޭން ކޮށްގެން ކުރިޔަށް ގެންދިއުން،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކޮންމެ ރަށަކަށް ލިމިޓެޑް ބަޖެޓެއް ޕީއެސްއައިޕީގެ ތެރެއިން ފޯރުކޮށްދީގެން މަޝްރޫއުތައް ހިންގާއިރު، އެ ރަށަކަށް އެންމެ ފައިދާ ވާނީ ކިހިނެއްތޯ ރައްޔިތުން ވެސް ވިސްނަން ޖެހެ އެވެ. ހިއްކާފައި އޮތް ބިމެއް ތަރައްގީ ނުކޮށް އޮއްވައި އިތުރު ބިންތަކެއް ހިއްކުމުގެ ބަދަލުގައި ފްލެޓު އެޅުން ނުވަތަ ރައްޔިތުންނަށް ދިމާވެފައިވާ އެހެނިހެން ދަތިތައް ހައްލު ކުރަން ދައުލަތުގެ ފައިސާ ބޭނުން ކުރުން ރަނގަޅު ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހިއްކާފައި އޮތް ބިންތަކުން ދޫކުރާ ގޯތިތަކުގައި ދިރިއުޅެވޭ ވަރުވާން އަދި އެތައް އަހަރެއް ނަގާފާނެ. އެކަމަކު އެ ފައިސާ އިން ފްލެޓު އަޅައިގެން ވިޔަސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވިދާނެތޯ ވިސްނަން ޖެހޭ. އެންމެ އަވަހަށް މަންފާ ލިބޭ ގޮތަކަށް އޭގެ ބޭނުން ހިފަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރަށު ތަރައްގީ އަށް އިސްކަން ދޭ ނަމަ މިހެން ނުވީސް

މި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި ފޭދޫގެ ބިން ބޭނުން ނުކުރެވި އޮތީ އެކަށީގެންވާ ވަރަށް ޕްލޭން ނުކޮށް އޮތުމުންނެވެ. ބިމެއް ހިއްކައި އެތަން ތަރައްގީ ކުރުމުގައި ކައުންސިލްތަކުގެ ދައުރު ވެސް ވަރަށް މުހިންމު ކަމަށާއި ލޭންޑް ޔޫޒް ޕްލޭންތައް ހަދައި އެތަނުން ރައްޔިތުންނަށް މަންފާ ކުރާނެ ކަންކަން ނުފަށައި ސަރުކާރަށް ޕްރެޝަރު ވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ، ޖުލައި 25، 2016- އެއާޕޯޓުގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޑްރެޖަރުން ވެލި ފޮނުވަނީ. މި މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މާލެ، ޖުލައި 25، 2016- އެއާޕޯޓުގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޑްރެޖަރުން ވެލި ފޮނުވަނީ. މި މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ލަސް ނުކޮށް އަވަހަށް ގޯތި ދިނުމާއި އެހެނިހެން ކަންކަން ކުރީމަ ދެއްތޯ އެ ޑިމާންޑު އަންނާނީ. ސަރުކާރަށް ޕްރެޝާ ކުރެވޭނީ ކުރާނެ ކަމެއް އޮވެގެން. ގޯތި ދޫކޮށްފައި އޮތިއްޔާ އެބަ ޕްރެޝާ ކުރެވޭ ފެނާއި ނަރުދަމާ ވެސް ލާން. މަސައްކަތް ފެށޭނީ ކަންކަން ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، އެއްވެސް ބޭނުން ނުކޮށް ފޭދޫ ބިން މިވަގުތު ފެންނަން އޮތަސް އޭނާ ހަވާލުވުމަށް ފަހު ވަނީ ސްކޫލެއްގެ މަސައްކަތާއި ފްލެތުތަކެއް އެޅުމުގެ މަސައްކަތް ފަށައި ގޯތިތަކެއް ވެސް ދޫކޮށްފަ އެވެ. ނަމަވެސް އެ ތަނުގައި އަދި މަގެއް ނެތެވެ. ފެނާއި ނަރުދަމާ އާއި ކަރަންޓު ވެސް ގޭގެ އަށް ގުޅޭނެ ގޮތެއް ނެތެވެ.

ނިޒާރު ގަބޫލު ކުރައްވާ ގޮތުގައި ދައުލަތުން ރަށެއްގެ ބިން ހިއްކަން ބޭރުން ފަންޑު ހޯދިޔަސް ނުވަތަ ދައުލަތުގެ އަމިއްލަ ބަޖެޓުން އެކަން ކުރިޔަސް އެ މަޝްރޫއެއް ފަށަން ޖެހޭނީ ބިން ހިއްކުމާ އެއްކޮށް އަސާސީ އެހެނިހެން ހިދުމަތްތަކަށް ވެސް ފައިސާ ހިމަނައިގެންނެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު-- ފޮޓޯ: އައްޑު ސިޓީ ކައުންސިލް

އައްޑޫ މޭޔަރު އަލީ ނިޒާރު-- ފޮޓޯ: އައްޑު ސިޓީ ކައުންސިލް

"ބިންތައް ހިއްކާފައި ބިންތައް ދޫކޮށްލެވުނީމާ އޭގެ ބޭނުން ނުހިފަހަންޏާ މިއީ ބޮޑު ލޮސް އެއް. އެހެން އެކަން ނުކޮށް ބިމާ ގުޅުން ހުރި ބޭސިކް ކަންކަމަށް ކުޑަމިނުން ފަންޑު ހިމަނަން ޖެހޭ. އެހެން ނޫނިއްޔާ ދެކޮޅު ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ވަރަށް ބޮޑަށް އެއްފަސް ކުރުމުގެ ސިޔާސަތާ ވެސް ގުޅެ އެވެ. ރާއްޖެ ލާމަރުކަޒީ ނިޒާމުން ތަރައްގީ ކުރި ނަމަވެސް ދައުލަތުގެ ބަޖެޓުގެ ބޮޑު ޕަސެންޓެއް އަބަދުވެސް މިދަނީ އެންމެ ގިނަ މީހުން ދިރިއުޅޭ މާލެ ސަރަހައްދަށެވެ. އަދި އިތުރަށް ބިން ހިއްކުމާއި ހިއްކާފައި ހުރި ސަރަހައްދުތައް ތަރައްގީ ކުރުމުގައި ވެސް އިސްކަން މިހާތަނަށް ދީފައި ވަނީ މާލެ ސަރަހައްދަށެވެ.

އެހެންވެ، ރަށުގެ ވެއްޓަށް ބޮޑެތި ގެއްލުންތައް ދީގެން ވެލި އަޅައި ހިއްކުމަށް ފަހު، މި އޮންނަނީ ފަޅަށް ދޫކޮށްލައިފަ އެވެ. ކިތަންމެ ބައިވަރު އަދި ބޮޑެތި މަޝްރޫއުތައް އަވަސް ދުވެލީގައި ހިންގިޔަސް ރައްޔިތުންނަށް ފަހު ވަގުތު އެއްވެސް ފައިދާއެއް ނުކުރެ އެވެ.