Roadha Mihaaru

އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަމްޕް ފޯރުކޮށްދީފައިވޭ: އެންޑީއެމްއޭ

ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަމްޕް ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޖެނުއަރީ 2025

ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަމްޕް ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފަ އެވެ.

އެ އޮޕަރޭޝަންއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ފެންބޮޑުވުމުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ ރަށްރަށަށް ފެން ހިންދަން ބޭނުންވާ ވަސީލަތްތައް އެ އިދާރާއިން ފޯރުކޮށްދީފައިވާ ކަމަށެވެ.

"އެންޑީއެމްއޭ އިން މިހާރު ވެސް، އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަމްޕާއި އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދެވިފައި ވާނެ. މީގެ އިތުރުން ފިކްސްޑް ބޭސްޑް ފެން ހިންދާ ނިޒާމެއް ވެސް ރަށްރަށުގައި ގާއިމްކުރެވިފައި ހުންނާނެ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވާ ހާލަތްތަކުގައި އަބަދުވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށްޓަކައި އެ ރަށެއްގައި ކައުންސިލްގެ ބައިވެރިވުމާ އެކު އެކުލަވާލާފައި އޮންނަ ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމްތަކުން ކަމަށެވެ. އަދި އެ ޓީމްގެ ކެޕޭސިޓީއަށް ނުފެތޭ ވަރަށް ފެންބޮޑުވެއްޖެ ނަމަ، ފުލުހުންނާއި ސިފައިންނާއި ކުންފުނިތަކުން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ މި ކަހަލަ ކޮންމެ ކާރިސާއެއްގައި ވެސް، މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭ އިން ކުރިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި މަހު ކުރީކޮޅު ވެސް ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވި އެވެ. އެ ފަހަރު ވެސް ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ.