Roadha Mihaaru

މާލޭގައި ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނާތަކުން ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ

މާލެއަށް ރޭ ކުރި ވިއްސާރާގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނާތަކުން ނަޖިސް ލީކުވުމުގެ މައްސަލަތައް ޖެހި، ދިރިއުޅުމަށް ދަތިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޖެނުއަރީ 2025

މާލެއަށް ރޭ ކުރި ވިއްސާރާގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނާތަކުން ނަޖިސް ލީކުވުމުގެ މައްސަލަތައް ޖެހި، ދިރިއުޅުމަށް ދަތިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ ރޭގެ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީއެއްގެ 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށެވެ.

"މި ފަރާތްތައް ބަދަލު ކުރެވުނީ މި ގެތަކުގެ ފާހާނާތަކުން ނަޖިސް ލީކުވުމާއި ކައްކާއި ކައިބޮއެ ހެދުމަށް ބުރޫއަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައި ވާތީ،" އެންޑީއެމްއޭ އިން ބުންޏެވެ.

މާލެއަށް ރެއިން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. އަދި މިއަދުގެ ހެނދުނު 10:00 އާ ހަމައަށް 18،000 އަށް ވުރެ ގިނަ ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގޭގެއަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވެސް ބުނެފައިވެ އެވެ.

މި މަހުގެ ތިންވަނަ ދުވަހު ވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި، އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑުވި ފަހަރެވެ.