ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތައް މޮނިޓާކޮށް، އަވަސް ހައްލެއް ހޯދައިދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓާސްކް ފޯހެއް މިރޭ އުފައްދަވައިފި އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތައް މޮނިޓާކޮށް، އަވަސް ހައްލެއް ހޯދައިދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓާސްކް ފޯހެއް މިރޭ އުފައްދަވައިފި އެވެ.
ރައީސް ޗެއާ ކުރައްވައި ޓާސްކް ފޯހުގެ ފުރަތަމަ ބައްދަލުވުން މިރޭ ވަނީ ބާއްވައިފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ޓާސްކް ފޯސްއެއް… pic.twitter.com/mfuKpgTrqz
— Heena Waleed (@MvSpokesperson) August 13, 2024
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ވިދާޅުވި ގޮތުގައި އެ ޓާސްކް ފޯސް އުފެއްދެވީ، ވިއްސާރައިގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫއަރާފައިވާތީ، ވިއްސާރައާ ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
ޓާސްކް ފޯސް އެކުލަވާލެއްވީ ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ނުވަ ބޭފުޅުންނާ އެކުގަ އެވެ.
- ޑިފެންސް މިނިސްޓަރު، މުހައްމަދު ޣައްސާން މައުމޫން
- ހޯމް މިނިސްޓަރު، އަލީ އިހްސާން
- އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު
- ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ޚަލީލް
- އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
- ސިޓީސް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- ޗީފް އޮފް ސްޓާފް، އަބްދުﷲ ފަޔާޒް
- ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ
- ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝުޖާއު
މާލެ އާއި ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މާލޭގައި 180 އަށް ވުރެން ގިނަ ގޭގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ އިރު ދިރިނޫޅެވޭވަރަށް ފެން ބޮޑުވި ގެތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރަށްރަށުގައި ވެސް ގެއްލުން ލިބުނު ގެތަކަށް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން އަންނަނީ އެހީވަމުންނެވެ.
ވިއްސާރައިގައި ފެންބޮޑުވެ ސްކޫލްތަކާއި އޮފީސްތަކަށް ދިއުމަށް ދަތިވެ ކުރިމަތިވެފައިވާ އުނދަގޫތަކާ ހެދި މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވައި ނެރުނު ބަޔާނުގައި، މި ވިއްސާރައިގައި ގޯތިގެދޮރަށާ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދާނެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މިހާރު މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއޭ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ގަދަ ވިއްސާރަޔާ ހެދި މިއަދު ސަރުކާރު ބަންދު
ރައީސްގެ ހަމްދަރުދީގެ މެސެޖެއް މޯދީ އަށް
ގެއްލުން ލިބުނު ގޭގޭގެ ހާލަތު ރައީސް ބައްލަވާލައްވައިފި
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގެ ބައެއް ސަރަހައްދުތައް ފެނު އަޑީގައި
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި