Roadha Mihaaru
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!

ސީދާ ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު، އާސަންދައިގެ ބޮޑު ހޭދައެއް ވެސް ދުންފަތުގެ ފަރުވާއަށް!

31 މެއި 2024

ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ރާއްޖޭގައި ކޮންމެ އަހަރަކު 150 މީހުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާކުރާ ކަމަށް، އެޗްޕީއޭއިން ބުނެފި އެވެ

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ރާއްޖޭގައި ކޮންމެ އަހަރަކު 150 މީހުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާކުރާ ކަމަށް، އެޗްޕީއޭއިން ބުނެފި އެވެ

ދުނިޔޭގައި މިއަދު ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް ނުވަތަ 1.8 ބިލިއަން ރުފިޔާގެ ސިނގިރޭޓް އެތެރެކުރާ ކަމަށެވެ.

އެއާއެކު، ޝީޝާގައި ބޭނުންކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެކުރަން އެތައް ލައްކަ ރުފިޔާއެއް ހޭދަކުރާއިރު، ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރަން ވެސް އާސަންދައިން ބޮޑު ހޭދައެއް ކުރާ ކަމަށް ބުންޏެވެ. އެޗްޕީއޭއިން ބުނިގޮތުގައި، އެ ބަލިތައް ތަހައްމަލުކުރާ ޒުވާން އާބާދީ ބޮޑުވުމުން ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީ އަދި އިގުތިސޯދަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

"ރާއްޖޭގައި އެވްރެޖުކޮށް ކޮންމެ އަހަރަކު 150 މީހުން [ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު] ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރެ އެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި އަދި ދިގު މުއްދަތުގެ ބަލިތަކެވެ. އެހެންކަމުން ބަލި މީހާ އާއި އާއިލާތަކުން އެތައް ހިތްދަތިކަމަކާއި ވޭންތަކެއް ތަހައްމަލުކުރަންޖެހޭ." އެޗްޕީއޭއިން ބުންޏެވެ.

ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ޝިއާރަށް މި ފަހަރު ހަމަޖައްސާފައިވަނީ "ކުޑަކުދިން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކޮށް ދަފަރާ ކުރުން." އެވެ.

އެ ބަޔާނުގައި ބުނީ ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް އުފެއްދުންތަކާއި އިޝްތިހާރުތައް ބޭނުންކޮށް، ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓުފޯމުތަކުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓިކް ޕައުޗް ފަދަ އުފެއްދުންތައް ޒުވާނުންގެ މެދުގައި މަގުބޫލްވެފައިވާ ކަމަށެވެ. މީގެ ދެ އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ހަވާލައިދީ، އެޗްޕީއޭއިން ބުނީ 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިން ކޮންމެ ވެސް ވައްތަރެއްގެ ދުންފަތެއް ބޭނުންކުރާ ކަމަށެވެ.

ރާއްޖޭގައި ވެސް ދުންފަތުގެ އިސްތިއުމާލުން ކުދިން ސަލާމަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން އެޗްޕީއޭއިން ފާހަގަކުރި އެވެ.

"ރާއްޖޭގައި ފުރާވަރު ކުދިންނާ ޒުވާނުންގެ މެދުގައި މިފަދަ ބާވަތްތައް ބޭނުންކުރުން އާއްމުވެ ދުންފަތުގެ އިސްތއުމާލުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ."

"...ރާއްޖޭގެ އާބާދީއަށް ބަލާއިރު ދިގުމުއްދަތަށް ބަލި ތަހައްމަލުކުރަންޖެހޭ ދަރުވާކުރުމުގައި ބޮޑެތި ހޭދަކުރަންޖެހޭ އަދި ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ދަނީ އިތުރުވަމުންނެވެ. ޒުވާނުންނާ މެދު އުމުރުގެ މީހުންގެ ތެރޭގައި މިފަދަ ހާމަލްތައް ދިމާވެ، ވަޒީފާ އަދާނުކުރެވޭ ފަދަ ހާލަތްތަކުގައިވާ މީހުން ގިނަވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ." ބަޔާނުގައި ބުންޏެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާ ދުންފަތުގެ ވިހަ މާއްދާއަށް ހުށަހެޅޭ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ދުންފަތާއި ދުންފަތުގެ ދުމަށް ހުށަހެޅުމުގެ ސަބަބުން ތަފާތު ގެއްލުން ލިބެ އެވެ. އެކަމުން އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރަސްއެޅޭ ކަމަށް ބުންޏެވެ. ފުއްޕާމޭ ކެންސަރު ޖެހުމުގެ 90 ޕަސެންޓް ރިސްކަކީ ސީދާ ދުންފަތުގެ ދުމަށް ވާއިރު، ކެންސަރުގެ އިތުރުން ގައިންގަޔަށް ނާރާ އެހެން ބަލިތަކުގެ ރިސްކަކަށް ވެސް ދުންފަތް ހިމެނެ އެވެ.

ސްޓްރޯކް، ހިތުގެ ބަލި، ފުއްޕާމެ އަދި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރު ބަލީގެ ރިސްކަކަށް ވެސް ދުންފަތް ވެ އެވެ. އޭގެ އިތުރުން؛

- ޓީބީ ޖެހުމަށް މަގުފަހިކޮށްދީ ދަރިން ނުލިބުމުގެ މައްސަލަތަކަށް ހޯދާ ފަރުވާގެ ފައިދާ އެންމެ ރަނގަޅަށް ލިބުމަށް ހުރަސްއެޅުން

- ބައިގެން ދިއުމާއި އުފަންވާއިރު އައިބު ހުރުން އަދި އުފަންވުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުމާއި ތުއްތު ދަރިފުޅަށް ނޭވާ ހިއްލުން ފަދަ ކަންތައްތައް މެދުވެރިވުން

ދުންފަތުން ސަލާމަތްކުރަން ކުރެވިދާނެ ކަންކަން

- އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ގަވައިދަށް އަމަލުކުރުން ހަރުދަނާކޮށް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ގާނޫނީ ހައްގު ކަށަވަރުކުރުން

- ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް މާކެޓުކުރުން ހުއްޓުވަން ފިޔަވަޅު އެޅުން

- ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އިތުރުކޮށް، އެ ޓެކްސް ފައިސާގެ ބައެއް ދުންފަތް ކޮންޓްރޯލްކުރުމާއި ހެލްތު ޕްރޮމޯޝަނަށް ހޭދަކުރުން