Roadha Mihaaru
ލޭނު އެޅުމުން ގެއްލުންވާނެ: ނަޝީދު

ލޭނު އަޅަން ހުއްދަ ދިނުމުން މަސްވެރިކަމާއި ޓޫރިޒަމަށް ގެއްލުންވާނެ: ނަޝީދު

16 އޯގަސްޓް 2024

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ މާޗް މަހު އެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނުގެ މަސްވެރިކަމުގެ ތެރޭގައި މަޑި އާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި ދޮށީގެ މަސްވެރިކަމުން އުފައްދާފައިވާ ޓޫނާ ބްރޭންޑަށް ގެއްލުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގެ ޑްރާފްޓެއް އެކުލަވާލުމަށްފަހު އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ލޭނުގެ މަސްވެރިކަމުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާނީ ފާއިތުވި ތަނުގައި ލިބިފައި ހުރި ތަޖުރިބާއަށް ބަލައި އެ މަސްވެރިކަމަކީ ދިވެހިންނަށް ފައިދާ ހުރި އަދި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކުރެވޭ ކަމެއްކަން ކަށަވަރު ކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް ހިމަނައިގެން ކަމަށެވެ.

ލޭނު މަސްވެރިކަން ކުރަން ލައިސަންސް ދޫކޮށްފައިވާ ބޯޓްތަކުގެ ލައިސަންސް އާކޮށްދިނުން ހުއްޓާލީ ކުރީގެ ސަރުކާރުންނެވެ. އޭރު ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި އެކަން ކުރަން ޖެހުނީ ގަވައިދާ ހިލާފު އަމަލުތައް ގިނަވެ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިންޒާރު ދިނުމުން ކަމަށް ބުނެ އެވެ.