Roadha Mihaaru
ލޭނު މަސްވެރިކަން ތައާރަފްކޮށް، ތަމްރީނު ދެނީ

ލޭނު މަސްވެރިކަން ތައާރަފްކޮށް، މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ތަމްރީނު ދެނީ

20 ފެބުރުއަރީ 2017

ލޭނު މަސްވެރިކަން ތައާރަފްކޮށް، މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ލޭނު މަސްވެރިކަން ތައާރަފްކޮށް، މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ލޭނު މަސްވެރިކަން ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 100 މޭލާއި 200 މޭލާ ދޭތެރޭގަ އެވެ. ރާއްޖޭގެ މަސްވެރިންނަށް ލޭނު މަސްވެރިކަން 2012 ވަނަ އަހަރު ތައާރަފްކުރި ނަމަވެސް އެކަމުގައި ހަރަކާތްތެރިވަނީ ވަރަށް މަދު ފަރާތެއް ކަމަށްވެ އެވެ. ރާއްޖޭގައި އާއްމުކޮށް ކުރަމުން އަންނަނީ 100 މޭލު އެތެރޭގައި ދޮށީގެ މަސްވެރިކަމެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، ރަނގަޅު ނަފާއެއް ހޯދައިދިނުމަށް ރާއްޖެއަށް ލޭނު މަސްވެރިކަން ތައާރަފްކޮށް، ދިވެހި މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކެއް މިއަހަރު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ތިއަރީ ސެޝަންތަކަކާއި އަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލައިގެން ކަމަށެވެ. އަދި އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ ފިޝަރީޒް މިނިސްޓްރީން ލޭނު އެޅުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމާއި ލޭނު އެޅުމަށް ބޭނުން ކުރާ އާލަތްތަކަށް އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުން،" ފިޝަރީޒުން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ މީހުން އަންނަ އޭޕްރިލް މަހުގެ 20ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.