Roadha Mihaaru
ކަންނެލި ޖަގަހަތަކާ މެދު އިލްޔާސްގެ އުންމީދީ ވިސްނުން!

ކަންނެލި ޖަގަހަތަކާ މެދު އިލްޔާސްގެ އުންމީދީ ވިސްނުން!

24 ޖުލައި 2019

ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި "ކަންނެލި ޖަގަހަތައް" ގާއިމްކުރާ އިރު، މަސްވެރިންނަށް އެކިއެކި ހިދުމަތް ދެވޭނެ ގޮތަށް ޖަގަހަތައް ގާއިމުކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި "ކަންނެލި ޖަގަހަތައް" ގާއިމްކުރާ އިރު، މަސްވެރިންނަށް އެކިއެކި ހިދުމަތް ދެވޭނެ ގޮތަށް ޖަގަހަތައް ގާއިމުކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި ކަނޑުގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން އޯފްޝޯ ޕްލެޓެފޯމްތަކެއް ގާއިމުކޮށްދިނުމަށް ގޮވާލައި މަޖިލިހަށް ގަރާރު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.

އެ ގަރާރުގައި ބުނަނީ ރަށްރަށާ ދުރަށް ދުއްވައިގެން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި އޯފްޝޯ ޕްލެޓް ފޯމުތަކެއް ނޫނީ "ކަންނެލި ޖަގަހަތަކެއް" ގާއިމުކޮށްދިނުމަށެވެ. މިއީ އެމްޑީޕީން ތައްޔާރު ކުރި ރިޔާސީ މެނިފެސްޓޯގައި ވެސް ހިމެނޭ މުހިންމު ވައުދެކެވެ.

ގަރާރަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ އޯފްޝޯ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމަކީ މަސްވެރިކަމުގެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މަސް ކަނޑުތަކުގައި އޯފްޝޯ ޕްލެޓްފޯމްތަކެއް ހަދައިގެން މަސްވެރިންނަށް ހިދުމަތް ދެވޭނެ ގޮތްތަކެއް ނުހެދެންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އެފަދަ ތަންތަނަކީ ގައުމުގެ އިގްތިސާދު ބިނާ ކުރަން ވެސް މުހިންމު ތަންތަނެވެ.

އިލްޔާސް ވިދާޅުވީ ޕްލެޓްފޯމެއް ގާއިމުކުރާ އިރު، އެ ތަންތަނުން މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމާއި އޮޑި ދޯނިފަހަރަށް ބޭނުންވާ ތެޔޮ ލިބޭނެ ގޮތްތައް ހެދިދާނެ ކަމަށެވެ. އަދި މަސް ބާނައިގެން ޕްލެޓްފޯމްގައި މަޑުކޮށްލައި ސައި ބޯނެ ތަނަކާއި ކޮފީ ޝޮޕްތަކާއި ރެސްޓޯރަންޓު ފަދަ ތަންތަން ހަދާފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"ރޭގަނޑު އެތަނުގައި މަޑުކުރާ އިރު، އެކި ނިދަން ބޭނުންވާ ފެންވަރުގެ ކޮޓަރިތައް އެތަނުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއް ގޮތުގައި ދެކެން،" ކަންނެލި ޖަގަހަތަކުގައި މަސްވެރިންނަށް މުނިފޫހިފިލުވޭނެ ވަސީލަތްތައް ގާއިމުކުރަން ތާއީދު ކުރައްވާ އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ކުޑަ މަސް ދޯނިތަކުގައި މަހަށް ނުކުންނަ އިރު، އަނބިމީހާ އާއި ފިރިމީހާ އެކީގައި މަހަށްދާ ފަހަރު ވެސް އާދެ އެވެ. އެހެންވެ، ޕްލެޓްފޯމްތަކުގައި އާއިލާއާ އެކުގައި އުޅެވޭނެ ގޮތް ގާއިމުވެފައި އޮތުމަކީ ވެސް މުހިންމު ކަމެއް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ޕްލެޓްފޯމް ގާއިމު ކުރަންވާނީ ކަނޑު ގަދަވާ މޫސުމުގައި މަސް ދޯނިފަހަރު ޕްލެޓްފޯމަށް ކައިރި ކުރެވޭ ފަދަ ތަނަކަށް،" ހުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިލްޔާސް ވިދާޅުވި އެވެ.

ތެޔޮ އުފައްދާ ގައުމުތަކުން މިސާލު ނަންގަވައި އިލްޔާސް ވިދާޅުވީ އެތަންތަނުގައި ވެސް އޯފްޝޯ އޮއިލް ޕްލެޓްފޯމްތަކެއް ހަދާފައި ހުންނަ ކަމަށެވެ. އެ ތަންތަނަކީ ގައުމުގެ އިގްތިސާދު ބިނާ ކުރަން މުހިންމު ތަންތަން ކަމަށާއި އެތަނުން ތެޔޮ ނަގައި ތެޔޮ ހޯދައި އޮޕަރޭޓް ކުރަނީ މާކަނޑުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަސްވެރިކަމަކީ މުހިންމު ސިނާއަތެއް ކަމަށެވެ. މަސްވެރިކަމުގެ ގަރާރުތައް މަޖިލިހަށް ހުށަހަޅައިގެން އުޅެނީ އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން އެމްޑީޕީގެ ވިސްނުން ކުރިއަރުވައި ޕްރޮމޯޓް ކުރަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ގަރާރުގެ ބޭނުމަކީ މަސްވެރިކަމާ ބެހޭ ގާނޫނެއް އުފެދިގެން އަންނަ އިރު، އޭގެ ތެރެއަށް ލެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި މަޝްވަރާ ކުރުމެވެ.