Roadha Mihaaru
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

22 އޯގަސްޓް 2019

މަސްވެރިކަމުގައި 10 އަހަރެއްހާ ދުވަހު އުޅެފައިވާ އަހުމަދު ރަފީގުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާނާ މަސްކޮޅު ކިރުވާނުލެވި އެތައް ދުވަހެއް ތިބެން ޖެހުމެވެ. ބާނާ މަހުން ހަމަ އަގު ނުލިބުމެވެ. މަސް ކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. މަސްވެރިންނަށް ހިމާޔަތް ލިބި، އެމީހުން ރިޓަޔަމެންޓް ޕެންޝަން ސްކީމެއްގައި ބައިވެރި ނުކުރުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އިންޝުއަރެންސް ނިޒާމެއް ނެތުމެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަސްވެރިކަމުގައި 10 އަހަރެއްހާ ދުވަހު އުޅެފައިވާ އަހުމަދު ރަފީގުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާނާ މަސްކޮޅު ކިރުވާނުލެވި އެތައް ދުވަހެއް ތިބެން ޖެހުމެވެ. ބާނާ މަހުން ހަމަ އަގު ނުލިބުމެވެ. މަސް ކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. މަސްވެރިންނަށް ހިމާޔަތް ލިބި، އެމީހުން ރިޓަޔަމެންޓް ޕެންޝަން ސްކީމެއްގައި ބައިވެރި ނުކުރުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އިންޝުއަރެންސް ނިޒާމެއް ނެތުމެވެ.

ސަރުކާރުން 80 މާއްދާގެ މައްޗަށް އެކުލެވޭ މަސްވެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވީ ރާއްޖޭގެ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތީގެ މާހައުލު ބެލެހެއްޓުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށެވެ. އެކުއަކަލްޗަގެ ސިޔާސަތު ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި ފުރިހަމަ ނިޒާމެއް އެކުލަވައިލުމަށެވެ. އެންމެ ފަހު ކަމަކަށް މަސްވެރިންގެ ޝަކުވާތަކަށް ތަސައްލީއެއް ގެނައުމުގެ ބޭނުމުގަ އެވެ.

އެކަމަކު ގިނަ މަސްވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އިއްތިފާގުވާ އެއް ކަމަކީ ބިލް މިހާރު އޮތް ގޮތުން މަސްވެރިންނަށް ކުރިއެރުމެއް ލިބެން ނެތެވެ. އޭގެ ބަދަލުގައި މަސްވެރިކަމުގެ ސިނާއަތް އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވެސް ބައެއް މީހުންނަށް އިހުސާސްކުރެވެ އެވެ. އެހެންކަމުން މަޖިލިހުގެ އިގްތިސާދީ ކޮމިޓީން ފުރިހަމަ ބަދަލުތަކެއް މަސްވެރިކަމުގެ ބިލަށް ގެންނަން ޖެހެ އެވެ.

ބޭރުގެ މަސް ބޯޓު ރާއްޖެ އަށް ވަނުން، ހަދާ ގޯހެއް؟

މަސްވެރިކަމުގެ ބިލްގެ 19 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ބޭރުގެ މަސް އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ވާނީ އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދަ، ދުރާލާ ހޯދުމަށް ފަހު ކަމަށެވެ. ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގަވައިދެއް ފިޝަރީޒް މިނިސްޓްރީން ހަދަން ޖެހެ އެވެ.

ބިލްގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަންނަ ބޭރުގެ މަސްވެރި އުޅަނދުތަކަށް އަމަލު ކުރަންވާނީ ކަނޑުގެ ވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެފަދަ އުޅަނދުތަކުން ތަންފީޒީ އިދާރާގެ އިރުޝާދުތަކަށް ބޯލަނބަން ލާޒިމްކުރެ އެވެ.

ބިލްގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މަސްވެރިކަން ކުރާ އުޅަނދުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށް މަސް ވިއްކަން ވާނީ މިނިސްޓްރީން ދޫކުރާ ހުއްދައެއް ލިބިގެން ކަމަށެވެ. މި ބިލްގައި މަސް ގަންނަން އަންނަ ބޭރުގެ އުޅަނދުތަކުން ވެސް ހުއްދައެއް ހޯދަން ޖެހެ އެވެ.

ބައެއް މަސްވެރިންނާއި އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ މަސް ބޯޓުތަކުން ގަވައިދުތަކާ ހިލާފަށް ދާ ޖަހައިގެން މަސްކޮޅު "ކަހާލާނެ" ކަމުގެ ބިރެވެ. އެއީ ދިވެހި މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ. ދާ ޖަހައިގެން މަސް ބޭނުން ބިލްގައި މަނާކޮށްފައި އޮތަސް އެކަން ބެލެނޭ ނިޒާމެއް ނެތުމަކީ އެންމެ ބޮޑު މައްސަލަ އެވެ.

މީގެ 40 އަހަރެއްހާ ދުވަސް ކުރިން 1970ގެ އަހަރުތަކުގައި ދިވެހިން އަތުން މަސް ގަންނަމުން ދިޔައީ ބޭރުގެ "ހޯކޯމާރު" ނަމަކަށް ކިޔާ ބޯޓު ފަހަރެވެ. އޭރު ރާއްޖޭގައި ދިވެހިން ބާނާ މަސްކޮޅު ގަނެލެވޭނެ ފަދަ ފެންވަރު ދިވެހިންގެ ނެތުމުންނެވެ. ރާއްޖޭގައި މަސް ރައްކާކޮށް ބަންދުކުރާނެ ކާރުހާނާތަކެއް ވެސް ނުހުރެ އެވެ. އޭގެ ފަހުން 1978 ގައި ޅ. ފެލިވަރުގައި މަސް ކާރުހާނާއެއް އުފެދިގެން އައުމާ އެކު، މަސްވެރިކަމަށް ނުކުންނަން ފެށި ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހި ބާނާ މަސް ގަންނަމުން ގެންދިޔައީ ދިވެހިންނެވެ.

ދިވެހި މަސްވެރިން މަސައްކަތުގައި: ކުރިމަތިވާ މައްސަލަތައް ވެސް ގިނަ --- ފޮޓޯ: ދިވެހި މަސްވެރިން ޓުވިޓާ.

ދިވެހި މަސްވެރިން މަސައްކަތުގައި: ކުރިމަތިވާ މައްސަލަތައް ވެސް ގިނަ --- ފޮޓޯ: ދިވެހި މަސްވެރިން ޓުވިޓާ.

ރާއްޖެ އަށް އަހަރަކު ގާތްގަނޑަކަށް 150،000 މެޓްރިކް ޓަނުގެ މަސް ބާނަ އެވެ. އޭގެ ތެރެއިން 42،000 ޓަނު ކިރު ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށެވެ. ބާކީ އޮތް ބައި ކިރުވަނީ އެހެން ކުންފުނިތަކަށެވެ. ނަމަވެސް މި 150،000 މެޓްރިކް ޓަނުގެ މަސް ގަންނަން ބޭރުގެ ބޯޓުފަހަރަށް ފުރުސަތު ދީފި ނަމަ، ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި، ވާދަވެރިކަން އުފެދުމުގެ ބަދަލުގައި ދިވެހި ކުންފުނިތަކަށް ގެއްލުން ވެސް ވެދާނެ އެވެ.

މަސްވެރިކަމަށް ނުކުމެ އުޅޭތާ ދެ އަހަރު ވެފައިވާ އަހުމަދު ޝާފިއު ބުނީ ބޭރުގެ ބޯޓު ފަހަރުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހިންގެ އަތުން މަސް ގަނެވިދާނެ ކަމަށެވެ. އޭގެ ސަބަބުން މަސްވެރިން ބޭނުންވާ ހަމަ އަގު ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭނާ ދެކެ އެވެ. އެކަމަކު އޭގައި އޮތް ގޮންޖެހުމަކީ، ޝާފިއު ބުނި ގޮތުގައި، މިފްކޯ ފަދަ ދިވެހިންގެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭ ވަރަށް މަސް ފޯރުކޮށްނުދެވުމެވެ.

"މިފްކޯ އިން މަސް ގަންނަނީ ދުނިޔޭގެ ބާޒާރުގައި މަސް ހުރި އަގަށް ވުރެ ބޮޑުކޮށް އެކަމަކު އެއަށް ވުރެ އަގު ކުޑަކޮށް މިފްކޯ އިން މަސް ބޭރުކުރަނީ. ސުވާލަކީ ބޭރުގެ ބޯޓުފަހަރު މިގޮތަށް އައިސް ވަދެ، އަގު ބޮޑުކޮށް މަސް ގަންނަން ފެއްޓީމަ، މިފްކޯގައި ހުންނާނެހޭ އެ ކެޕޭސިޓީ، މިސާލަކަށް 22ރ. އަށް ބޭރުގެ ބޯޓަކުން މަސް ގަންނަ ނަމަ، އެ އަގަށް މިފްކޯ އިން މަސް ގަންނަން؟ ނުގަނެވޭ ނަމަ، މިފްކޯއަކަށް ނުވިއްކާނެ. އެހާ ހިސާބުން ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދޭ،" ޝާފިއު ބުންޏެވެ.

އޭނާގެ ވާހަކަތަކަށް ބާރު ދެއްވައި ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ދުވާލެއްގެ މައްޗަށް ދިވެހި ދޯންޏަކުން އާންމުކޮށް ބާނަނީ 25 ޓަނާއި 50 ޓަނުގެ މަސް ކަމަށް ވީ އިރު، އެ މަސްތައް ގަނެގެން ބޭރުގެ މަސް ބޯޓުތައް ދާން ވެއްޖެ ނަމަ، ދިވެހި މަސް ކުންފުނިތަކަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރިޔާ އަށް މަތީ އަގެއް ލިބުނު ކަމަށް ވިޔަސް، އަމިއްލަ ގައުމުގެ މަސް ކުންފުނިތައް ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން މައްސަލައެއް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ބޭރުގެ ބޯޓުފަހަރުން މަސް ރައްކާކުރާ ފެންވަރު ބެލޭނެ ގޮތް ނެތުމާއި، މަހަށް ހަދާނެ ގޮތް ވެސް ނޭނގުމެވެ.

"މިސާލަކަށް ބޭރުގެ ބޯޓުތަކުން ގަންނަ މަސްތަކުގެ ތެރޭގައި ކުނިވެފައި ހުރި މަސްތަކެއް ޔޫރަޕްގެ ގައުމަކަށް ވިއްކާލައިފި ނަމަ، ކޮލިޓީ މައްސަލައެއް ނުކުމެގެން ދިވެހި މަހުގެ އަގު ވެއްޓޭ އިރު، ކާކުތޯ އެކަމާ ޒިންމާ ވާނީ؟ ދިވެހި މަހުގެ އަގު ދަށްވީމަ އެއީ މަސްވެރިންނަށް ލިބޭ ގެއްލުމެއް،" ދުނިޔޭގެ ބާޒާރުގައި ދިވެހި މަހުގެ ބްރޭންޑް މަޝްހޫރުވެފައި އޮތް ކަން ފާހަގަކުރައްވައި ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ހައްލަކީ ބޭރުގެ ބޯޓުތައް ގެނެސްގެން މަސް ގަތުމުގެ އޮޕަރޭޝަންތައް މަސްވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ދޫކޮށްލުމެވެ. އެކަމުގެ ސަބަބުން މަސް ކުންފުނި ކުރިއަރައިގެން ގޮސް މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރު ގައުމުތަކަށް މަސް ވިއްކުން، މިވަގުތަށް ނުވާނެ ކަމެއް!

މަސްވެރިކަމުގެ ބިލްގެ 25 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިވެހި މަސްވެރި އުޅަނދުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާނާ މަސް ސީދާ ބޭރު ގައުމުތަކަށް ވިއްކުމާ ގުޅޭ އިޖުރާއަތުތައް ބިލްގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރަން ވާނެ ކަމަށެވެ. ބޭރު ގައުމަކަށް މަސް ވިއްކޭނީ ރާއްޖެ އާއި އެ ގައުމަކާ ދެމެދު ކަމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެފަދަ އެއްބަސްވުންތަކުގައި ބައިވެރިވާ ގައުމުތަކަށް ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ. އެކަމަކު ދިވެހި މަސް ދޯންޏެއް އަވައްޓެރި ގައުމަކަށް ގޮސް މަސް ވިއްކާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ.

ކުރިން މިފްކޯގައި މަސައްކަތްކުރެއްވި ސައުދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100-150 މޭލު ބޭރެވެ. އެކަމަކު އެންމެ ކައިރީގައި އޮތް ސްރީ ލަންކާ އާއި އިންޑިއާއަށް ދެވޭނީ ވެސް 400-500 މޭލަށް ދުއްވައިގެން ކަމަށް ވާ އިރު މަހުގެ ތާޒާކަމާއި ކޮލިޓީ ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް 50 ޓަނުގެ މަސް އައިސްކޮށްގެން ގެންދާ ނަމަ، ހަފްތާއެއް ވާ އިރު، ހުންނާނީ ކޮލިޓީ ގެއްލިފައި. އެހެންވެ، އެއީ ހައްގުވާ މިންވަރެއް ނޫން،" ދިވެހި އުޅަނދުތައް ތެޔޮ އަންދައިގެން ބޭރު ގައުމުތަކަށް މަސް ވިއްކަން ނުދާނެ ސަބަބު ހާމަކުރައްވަމުން ސައުދު ވިދާޅުވި އެވެ.

އަނެއް މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ދިވެހި އުޅަނދުފަހަރު ބޭރު ގައުމުތަކަށް ގޮސް މަސް ވިއްކަން ފަށައިފި ނަމަ، ފިޝަރީޒް އިންޑަސްޓްރީގައި މަސައްކަތް ކުރާ މަސް ކުންފުނިތަކަށް އަންނާނެ ހީނަރުކަން ބޮޑުވުމެވެ. މިހާރު ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ އަދި މިލިއަނުން ހޭދަކުރަމުން އަންނަ ދިވެހި ކުންފުނިތައް ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

"އެ ކުންފުނިތަކުން ތިބެނީ ދުވާލަކަށް ކުންފުންޏަށް ލިބޭނެ ކަމަށް އަންދާޒާކޮށްގެން ތިބި މަސް ގަންނަން ތައްޔާރުވެ މުވައްޒަފުން ލައިގެން ފޮރައިޒަން ސިސްޓަމްތައް ހިންގައިގެން. އެހެން ތިއްބާ ބޭރު ގައުމަކަށް ގޮސް މަސްވެރިން މަސް ވިއްކާލަނީ. އެހާ ހިސާބުން ފެކްޓަރީތައް ބަންދު ކުރަން ޖެހޭނީ،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ މަސް ދޯނިފަހަރު ހަދާފައި ހުންނަ ގޮތުން ބޭރު ގައުމުތަކަށް ގޮސް މަސް ވިއްކުމަކީ އަދި ކުރެވިދާނެ ކަމެއް ވެސް ނޫނެވެ. އެކަމަކު، ޖަޕާން މަސް ބޯޓުފަހަރުގެ ސްޓައިލަށް މަސް ދޯނިތައް ތަރައްގީ ކުރެވިއްޖެ ނަމަ، އެކަން ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

ބިލްގައި ހުރި މައްސަލަތައް ހައްލުކުރަން ޖެހޭނެ

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލްގައި އިދިކޮޅު އަދި އެމްޑީޕީގެ މެމްބަރުން ކަންބޮޑުވާ އެހެން މައްސަލަތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މަސް ފެކްޓަރީތަކާއި އައިސް ޕްލާންޓްތައް ފަދަ ތަންތަން، ކޯޓު އަމުރަކާ ނުލައި، ބަލައި ފާސްކޮށް މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ބިލުން ލިބުން ހިމެނެ އެވެ. މަސްވެރިކަން ކުރާ ބޯޓުފަހަރަށް ކޯޓު އަމުރަކާ ނުލައި ސިފައިންނަށާއި ފުލުހުންނަށް ވެސް އެރޭނެ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސަލާމަތީ ބާރުތަކަށް އެކަން ފަހިކޮށްދީފައި އޮތީމަ އެވެ. އެކަމަކު މަސް ފެކްޓަރީތަކާއި އައިސް ޕްލާންޓުތައް ފަދަ ތަންތަނަށް ވަދެވެން ޖެހޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ގިނަ މެމްބަރުން ގަބޫލުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި "ކަންނެލި ޖަގަހަތައް" ގާއިމު ކުރާނެ ކަމަށް ބިލްގައި އޮތަސް، އެ ކަންނެލި ޖަގަހަތަކުން މަސްވެރިންނަށް ފައިދާއެއް ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މަސްވެރިންނަށް ހެޔޮ ކަމެއް ކޮށްދޭ ނަމަ، ބޮޑު ކަންނެލި ގަނެވޭނެ ދެ ފެކްޓަރީ ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލެޓްފޯމްތަކެއް އެޅިދާނެ ވަރަށް ބޮޑެތި ހަރަދުކޮށްގެން. އެ މަސް ވިއްކަން 100 މޭލު ބޭރަށް ދާނެ މީހަކު ނުހުންނާނެ. އެންވެރިކަން ދިރުވާނީ ކިހިނެއްތޯ 100 މޭލު ބޭރުގައި؟ މި ކިޔަނީ އޭގެ ފުންމިން ނޭނގޭ ސަރަހައްދު،" އޮފްޝޯ ޕްލެޓްފޯމް ހަދަން ދެކޮޅުހައްދަވައި ތޯރިގް ވިދާޅުވި އެވެ.

"މާލެ ސަރަހައްދުގައި މިހާރު ވެސް މަސް ފެކްޓަރީތައް އެ ހުރީ. މި ތިން ސަރަހައްދުގައި މަސްވެރިންނަށް މަސް ގަނެވޭނެ ގޮތަށް ތަރުތީބުކޮށްފިއްޔާ އެ ވާނީ ހެޔޮ ވެރިކަމެއް ކުރި ކަމަށް."

މަސް މާރުކޭޓުގައި ބަޔަކު މަސް ކަނޑަނީ: މަސްވެރިކަން ހިމާޔަތްކުރަން ޖެހޭ ---ފޮޓޯ: ނިޝާން އަލީ/މިހާރު

މަސް މާރުކޭޓުގައި ބަޔަކު މަސް ކަނޑަނީ: މަސްވެރިކަން ހިމާޔަތްކުރަން ޖެހޭ ---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަމަވެސް މަސްވެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ގޭދޮށު މަސް ފެކްޓަރީތައް ގާއިމްކުރުމާއި ބޭރު ބޯޓުފަހަރު އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދިނުމުގެ ސަބަބުން މަސްވެރިންނަށް ހަމަ އަގު ލިބޭނެ ފުރުސަތު ފަހިވާނެ މަށެވެ. އެކަމަކު މަސްވެރިކަމުގެ ބިލްގައި މިފަދަ ކަންކަން ވަކި ބާބެއްގެ ގޮތުގައި ތަފްސީލްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލްގައި މުހިންމު ކަންކަން މަދު ކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ މަސްވެރިންނަށް ޕެންޝަނެއް ދިނުމަކީ "ޖަޒީރާ މެނިފެސްޓޯގައި" އޮންނަ ކަމެއް ކަމަށެވެ. އެހެންވެ، މަސްވެރިންނަށް ޕެންޝަން ދިނުމުގެ ގޮތުން ކުރެވޭނެ އުސޫލުތައް ބިލްގައި ބަޔާން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި މިއީ އިތުރަށް ފުރިހަމަ ކުރެވޭނެ ބިލެކެވެ.

ސައުދު ވިދާޅުވީ ބިލުން އޮޑިވެރިޔާ އާއި މަސްވެރިޔާގެ ހައްގުތައް ހިމާޔަތް ކުރެވެން ޖެހޭނެ ކަމަށެވެ. މަސްވެރިން ބޭނުން ކުރާ އޮޑިފަހަރު ހުންނަން ޖެހޭނެ ފެންވަރު ފަދަ ކަންކަން ކަނޑައަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސްވެރިޔާ އަށް ބޭނުންވަނީ ވަޒީފާގެ ޔަގީން ކަން. މަސްވެރިޔާ ގެއިން ނުކުމެގެން އަންނަ އިރު، އެމީހާ އަށް ނޯންނާނެ ޔަގީންކަމެއް މި ދޯނިން މަހަށް ދެވިދާނެ ކަމަށް. ސިޔާސީ ފިކުރު ތަފާތުވެގެން މަސްވެރިޔާގެ ވަޒީފާ އެބަ ގެއްލޭ. އެހެންވީމަ ކޮބައިތޯ ރައްކާތެރިކަން،" ސައުދު ސުވާލުކުރެއްވި އެވެ.

ކޮމިޓީ މަރުހަލާގައި މި ބިލަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ގާނޫނުތައް ހަދަން ޖެހޭނީ އޭގެ ސަބަބުން ދިވެހިންނަށާއި ދިވެހި ކުންފުނިތަކަށް ގެއްލުންނުވާނެ ގޮތަށެވެ.