Roadha Mihaaru
ސައުދީން ރާއްޖެ އަށް އާ ސަފީރެއް

ސައުދީން ރާއްޖެ އަށް އާ ސަފީރެއް

21 ޑިސެމްބަރ 2020

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު މެތުރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު މެތުރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގައި ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެ ގުޅުން ވަރުގަދަ ކުރުމަށް ސަފީރުގެ ދައުރާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފު ޅުދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނިގޮތުގައި އެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާ ސަފީރު ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އިން ސައުދީން ރާއްޖެ އަށް ވަމުން އަންނަ އެހީތަކަށް ދެ ބޭފުޅުން ވެސް އަލިއަޅުއްވައިލެއްވި ކަމަށެވެ. ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރެއްވި ކަމަށް ވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ދެ ގައުމުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އަދި، ބައިނަލްއަގުވާމީ މަސްރަހުގައި ހާއްސަކޮށް އިސްލާމީ ދުނިޔެ އާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ފޯރަމްތަކުގައި ސައުދީން އަދާކުރާ އިސް ދައުރު ރައީސް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19އާ ގުޅިގެން ސައުދީން ބޭރުން މީހުން ގޮސް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުން ހުއްޓުވާފައި އޮތުމަށް ފަހު، އެކަން އަލުން ހުޅުވާލައިފައިވާތީ އެކަމަށް ވެސް ރައީސް މަރުހަބާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ބަދުރު އަލް ހައިލަލް އެވެ.