Roadha Mihaaru
ސައުދީ ފަންޑުން އިތުރު އެހީ ހޯދަން މަޝްވަރާކޮށްފި

އިތުރު މަޝްރޫއުތަކަށް ސައުދީ ފަންޑުގެ އެހީ ހޯދަން މަޝްވަރާކޮށްފި

22 އޯގަސްޓް 2024

ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހުރި މަޝްރޫއުތަކަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްޑީއެފް)ގެ އެހީ ހޯދަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު އާ މަޝްވަރާ ކުރައްވައިފި އެވެ.

ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހުރި މަޝްރޫއުތަކަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްޑީއެފް)ގެ އެހީ ހޯދަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު އާ މަޝްވަރާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޒަމީރު މި ވަގުތު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ސައުދީ ފަންޑުގެ ސީއީއޯ އާ ބައްދަލުކުރައްވައި، އެ ފަންޑުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.

އަދި އެ ފަންޑުގެ އެހީތެރިކަން އިތުރު ދާއިރާތަކަށް ފުޅާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ އުމްރާނީ ތަރައްގީ އާއި ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭއިރު، މިހާތަނަށް ރާއްޖޭގެ 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި، ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ.

މީގެއިތުރުން، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ވަނީ ލޯނު އެހީދީފަ އެވެ. އެ މަޝްރޫއު އަވަސްކުރަން ވެސް މި ސަރުކާރުން އައި ފަހުން ވަނީ، މިދިޔަ މެއި މަހު އިތުރު 100 މިލިއަން ޑޮލަރު ހަމަޖައްސައިދީފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެއި މަހު މަރުޝަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށް މާދަމާގެ ނިޔަލަށް ޒަމީރު ކުރައްވާ ދަތުރުގައި، ސައުދީ ސަރުކާރުގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ދަތުރުގައި ރައީސް މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް ޒަމީރު ވަނީ އަރުވާފަ އެވެ.