Roadha Mihaaru
ފަލަސްތީނުގެ ބިމުން އިޒްރޭލު ފައިބަން ގޮވާލައިފި

ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފައިބަން ރާއްޖެ އިން އދ. ގައި ގޮވާލައިފި

27 ފެބުރުއަރީ 2017

އިޒްރޭލުން ނުހައްގުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިޒްރޭލުން ނުހައްގުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ހައި ލެވެލް ސެގްމެންޓްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެގޮތަށް ގޮވައިލެއްވީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމެވެ.

އެ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން މިނިސްޓަރު އާސިމް ވިދާޅުވީ އެއް ބަޔަކު އަނެއް ބައެއްގެ ހައްގުތަކަށް އިހްތިރާމް ކުރުމުގެ ސަގާފަތް ކުރިއަށް ވުރެ ބޮޑަށް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި އެއް ބަޔަކު އަނެއް ބައެއްގެ ހައްގަށް އިހްތިރާމް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ޚިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ޖެހޭ ކަމަށާއި އެކަމަށް ބާރު އެޅުމުގެ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސް ކުރަން ގޮވާލައްވާ ކަމަށެވެ.

އަދި ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ހާލުގައި ޖެހިފައިވާ މީހުންގެ ހައްގުތަކަށް ވިސްނަންޖެހޭ ކަމަށް އާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ އާއި ހަމަނުޖެހުންތަކުގެ ސަބަބުން ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަމުންދާ ރެފިއުޖީންނާ މެދު ހަމްދަރުދީވެ، އެ މީހުންނަށް ގައުމުތަކުން އެހީތެރިކަން ދިނުމަށް ވެސް ގޮވާލައްވާ ކަމަށެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ ތަގްރީރުގައި އާސިމް ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށް ވުމަކީ އިންސާނީ ހައްގުތަކުގެ އުސޫލުތަކަށް އިހްތިރާމް ކުރުމުން ރާއްޖެ އިސްތިސްނާ ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންވެ، އިންސާނީ ހައްގުތައް ފޯރުކޮށް ދިނުމުގައި ރާއްޖެއިން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އާސިމް ވިދާޅުވި އެވެ.

އެގޮތުން ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ އާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދެމުންދާ އިނާޔަތްތަކާއި ޖިންސީ ހަމަހަމަކަން ގެނައުމުގެ ގާނޫނާއި އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހޯދައި ދީފައިވާ ކަން އާސިމް ފާހަގަ ކުރެއްވި އެވެ.

"ތަރައްގީގެ ތެރެއިން އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތް ކުރުމަކީ ރައީސް އަބްދުﷲ ޔާމީން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއް،" ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި އާސިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަން ވަރަށް ބޮޑު އެހީއެއް ވަމުން އަންނަ ޖަމާއަތެކެވެ. އަދި އިންސާނީ ހައްގުތަކުގެ އެކްޝަން ޕްލޭނެއް މިދިޔަ އަހަރު ރާއްޖޭގައި އެކުލަވައިލުމަކީ ވެސް އޭގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕްލޭން ތަންފީޒު ކުރުމުގައި އދ. އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އާސިމް ވިދާޅުވި އެވެ.

އަންނަ އަހަރު ހޮވާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވަނީ ކުރިމަތިލައިފަ އެވެ. އޭގެ ކުރިން 2011 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ވެސް ރާއްޖެއިން ވަނީ އެ ކައުންސިލްގެ މެމްބަރުކަން ކޮށްފަ އެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ އދ. ގެ ސަލާމަތީ މަޖިލިސް ފިޔަވައި ގައުމުތަކުގެ މެދުގައި އެންމެ ވާދަވެރިކަން ބޮޑު ކައުންސިލެވެ.