Roadha Mihaaru
ލާމަރުކަޒީ ނިޒާމު ބަދަލުކުރާނީ ޒިންމާދާރުކޮށް:މިނިސްޓަރު

ލާމަރުކަޒީ ނިޒާމު ބަދަލުކުރީ ޖަޒުބާތުގައި، ދެން ކުރާނީ ޒިންމާދާރުކޮށް: މިނިސްޓަރު

19 އޯގަސްޓް 2024

ކުރީގެ ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައީ "ޖަޒުބާތުގައި ޖެހިގެން" ކަމަށާއި ނަމަވެސް މި ސަރުކާރުން ދެން ގެންނަ ބަދަލުތައް ގެންނާނީ ޒިންމާދާރުކޮށް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައީ "ޖަޒުބާތުގައި ޖެހިގެން" ކަމަށާއި ނަމަވެސް މި ސަރުކާރުން ދެން ގެންނަ ބަދަލުތައް ގެންނާނީ ޒިންމާދާރުކޮށް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައި އިރު، "ޖަޒުބާތުގައި ޖެހިގެން" ވެސް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެކަމަކު، މި ސަރުކާރުގައި މި ފަހަރު ބަދަލު ގެންނާނީ ޕާޓީ ނިޒާމު އެކަހެރިކޮށް، މުޅި ނިޒާމާ ދޭތެރޭ ވިސްނައި ޒިންމާދާރުކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ނިޒާމަށް ގެނެވޭ ބަދަލުތަކުގައި، އެމްޑީޕީން އަންނަ ފަހަރު ވަކި އަދަދެއް. ޕީޕީއެމުން އަންނައިރު ވަކި އަދަދެއް [ގެންނަނީ]. މި އަދަދު ބަދަލުކޮށްގެން ދެ ވަނަ ފަހަރަކަށް އެމްޑީޕީއަކަށް ވެސް ވެރިކަމަކަށް ނާދެވުނު. ޕީޕީއެމުން ވެސް ނަމްބަރާ ކުޅެލުމަކުން ވެރިކަމަކަށް ނާދެވުނު،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައިވާ ދިރާސާ ކުރުމުގެ މަސައްކަތް ނިމުމުންނެވެ. ގާނޫނަށް ބަދަލު ގެންނާނީ އެ ދިރާސާގައި ހުރި ކަންކަމާއި ކައުންސިލްތަކަށް މިހާރު ދިމާވާ ގޮންޖެހުންތަކާއި ކައުންސިލްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބެލުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި މަޖިލިސް ކޮމެޓީއެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މީގެ ކުރިން ބޭއްވި މަޖިލިސް ކޮމެޓީއެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި މުޅި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަން ވަނީ މަގުޗާޓެއް ތައްޔާރުކޮށް ނިމިފަ އެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭ އަޅުގަނޑުމެން މި ބަލަނީ ވީހާ ގިނަ އަތޮޅުތަކަށް އަދި ހުރިހާ ސިޓީއަކަށް ޒިޔާރަތްކޮށް މިކަމުގައި ކައުންސިލްތަކާއި ރަށްރަށުގެ ޑަބްލިއުޑީސީ އާއި ރަށްރަށުގެ ސިވިލް ސާވިސް މުވައްޒަފުންނާއި ރަށްރަށުގެ ޕަބްލިކް ހޮޅުއަށި ތަކުގައި ވެސް މި ކަންކަމާ ދޭތެރޭ ހިޔާލު ހުރި ގޮތް ދެނެގަނެ ބަދަލުތައް ގެނައުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި ކައުންސިލްގެ ބޭފުޅަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނީ މިދިޔަ ޖުލައި މަހު އެވެ. ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ކައުންސިލްތައް "ސައިޒު" ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.