Roadha Mihaaru
ރަށްރަށް ފެނު އަޑީގައި! ސަބަބަކީ ކޮބާ؟

ރަށްރަށް ފެނު އަޑީގައި! ސަބަބަކީ ކޮބާ؟

19 ޖުލައި 2019

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއާ ހިލާފަށް މިހާރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެ އެވެ. ކޮންމެ އަހަރަކު ވެސް ބޯކޮށް ވާރޭވެހިގެންނާއި އުދަ އަރައިގެން މާލެ އާއި ބައެއް އެހެން ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަ އެވެ. އަދި އަހަރުން އަހަރަށް އެފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެފަދަ ހާދިސާތަކުގެ ސަބަބުން އާއްމުންގެ މުދަލަށާއި ގޯތިގެދޮރުގެ އިތުރުން ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއާ ހިލާފަށް މިހާރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެ އެވެ. ކޮންމެ އަހަރަކު ވެސް ބޯކޮށް ވާރޭވެހިގެންނާއި އުދަ އަރައިގެން މާލެ އާއި ބައެއް އެހެން ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަ އެވެ. އަދި އަހަރުން އަހަރަށް އެފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެފަދަ ހާދިސާތަކުގެ ސަބަބުން އާއްމުންގެ މުދަލަށާއި ގޯތިގެދޮރުގެ އިތުރުން ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ހިނގި ހާދިސާ ފާހަގަކޮށްލެވެ އެވެ. އެ ހާދިސާގައި 189 ގެއެއްގެ ހިފާގެންގުޅޭ ތަކެއްޗަށާއި ފަރުނީޗަރަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އެ ހާދިސާގައި ފެނުގެ އަސަރުކުރި ހުރިހާ ގެއަކަށް ލިބުނު ގެއްލުމުގެ އަގު 1.4 މިލިއަން ރުފިޔާއަށް އެރި އެވެ.

އަތޮޅު ތެރެއަށް ބަލާއިރު ކޮންމެ އަހަރަކު ވެސް ތަކުރާރުކޮށް ފެންބޮޑުވާ ރަށްތަކެއް ފާހަގަކުރެވެ އެވެ. ދިރިއުޅެން ދަތިވާ ވަރަށް އެތައް ގެއްލުމެއް ލިބެ އެވެ. މިދިޔަ މެއި މަހު ލ. މާމެންދޫގައި ފެންބޮޑުވެ 200 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވި އެވެ. އިންޖީނުގެއަށް ފެން ވަދެ މުޅި ރަށުން ގިނަ ވަގުތުތަކަކަށް ކަރަންޓް ކެނޑުނެވެ. އޭގެ އިތުރުން ވެސް އެތައް ރަށެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބުނެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައި: ވެރިރަށް ވެސް ބައެއް ފަހަރަށް ހީވަނީ ފެނު އަޑީގައި އޮންނަހެން -

އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައި: ވެރިރަށް ވެސް ބައެއް ފަހަރަށް ހީވަނީ ފެނު އަޑީގައި އޮންނަހެން -

ވޭތުވެދިޔަ އަހަރުތަކުގައި މާލެ އާއި ރަށްރަށުގައި ފެންބޮޑުވުމުގެ ކާރިސާތައް ހިނގައިގެން ސަރުކާރުން ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފަ އެވެ. އެކަމަކު އެއީ ދުރާލާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ކުޑަކުރެވޭނެ ހަރަދުތަކެކެވެ. ސަރުކާރުން ކުރާ ހަރަދު ކުޑަވުމުގެ އިތުރުން ކާރިސާތަކުގައި އާންމުން ތަހައްމަލު ކުރާ ގެއްލުންތައް ކުޑަ ވެސް ކުރެވޭނެ އެވެ.

މިހެން މިވަނީ ކީއްވެ؟

ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުކޮށް ހިނގައިގެން ގެއްލުންތައް އިތުރުވަނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަވާނޭ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ރާވާ ނުހިންގާތީ އެވެ.

"ހާއްސަކޮށް މަގު ހެދުން، ބަނދަރު ހެދުން އަދި އެއާޕޯޓު ހެދުން ފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާފައި ހުރި ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުކޮށް ހިނގާކަން ވަނީ ފާހަގަކުރެވިފައި،" ހިސާން ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު މާލޭގައި ފެންބޮޑުވި ހާދިސާއަށް ބެލި ނަމަވެސް އެކަން ސާފެވެ. އެންޑީއެމްއޭގެ އެސެސްމަންޓުން އެނގޭ ގޮތުގައި އެ ހާދިސާގައި މާލޭގައި ފެންބޮޑުވީ ރިންގް ރޯޑް ހަދާފައި އޮތް ގޮތުންނެވެ. އެ މަގު ހެދީ އެ މަގާ ގުޅޭ ކުދި މަގުތަކާއި ގޯޅިތަކަށް ވުރެ އުސްކޮށެވެ. އޭގެ ސަބަބުން ރިންގް ރޯޑަށް އެޅޭ ހުރިހާ ފެނެއް ޖަމާވަނީ މި މަގާ ގުޅޭ ކުދި މަގުތަކަށާއި ގޯޅިތަކަށެވެ. އަދި އެ މަގުތަކުގައި ބޮޑުވާ ފެންގަނޑު މާލޭގެ އެތެރޭގެ މަގުތަކަށް ޖަމާވެ، އެތަންތަނުގައި ވެސް ފެންބޮޑުވި ކަމަށް އެސެސްމަންޓްގައި ބުނެފައިވެ އެވެ.

ރިންގް ރޯޑަށް އެޅޭ ފެން ހިންދަން އެކަށޭނަ ޑްރެއިނޭޖްތަކެއް ގާއިމުކޮށްފައި ނުވާކަން ވެސް އެސެސްމަންޓްގައި ފާހަގަކޮށްފައިވެ އެވެ. މާލޭގެ އެތެރޭގެ މަގުތަކުގައި ގާއިމުކޮށްފައި ހުރި ޑްރެއިނޭޖްތަކަށް ރިންގް ރޯޑަށް ޖަމާވާ ފެން ހިންދޭ ވަރުގެ ގާބިލުކަން ލިބިފައިނުވާކަން ވެސް އެސެސްމަންޓުގައި ބުނެ އެވެ.

މާލޭގައި ފެން ބޮޑުވެފައިވާ މަގަކުން ވެހިކަލްތަކެއް ދަނީ: ފެން ބޮޑުވުމުގެ މައްސަލައަށް ގެނެވިދާނެ ހައްލުތައް އެބަ ހުރި

މާލޭގައި ފެން ބޮޑުވެފައިވާ މަގަކުން ވެހިކަލްތަކެއް ދަނީ: ފެން ބޮޑުވުމުގެ މައްސަލައަށް ގެނެވިދާނެ ހައްލުތައް އެބަ ހުރި

ރަށްރަށުގެ ހާލަތު ވެސް ހުރީ އެގޮތަށެވެ. އެމްޑީއެމްއޭގެ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ގއ. ވިލިނގިލި ފަދަ ރަށްތަކުގައި ތާރު އަޅައިގެން މަގުހަދާ ނިމުނު ފަހުން ފެން ބޮޑުވުމުގެ ހާދިސާތައް ހިނގުން އިތުރެވެ. އަދި ލިންކް ރޯޑުން ގުޅުވާލާފައިވާ އައްޑޫ ސިޓީގައި ވެސް ތަކުރާރުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތަކެއް މި ފަހުން ލިބުނެވެ.

އެސެސްމަންޓްތަކުން އެނގޭ ގޮތުގައި ފަހުން އެއާޕޯޓް އަޅާފައިވާ ރަށްތައް ކަމަށްވާ ދ. ކުޑަހުވަދު އާއި ތ. ތިމަރަފުށި ފަދަ ރަށްތަކުގައި މި ފަހުން ފެންބޮޑުވުން އިތުރެވެ. ތިމަރަފުށީގައި އެއާޕޯޓު ހެދި ފަހުން ފެން ބޮޑުމުގެ ބޮޑު ދެ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން މެއި 2016 ގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 70 ގެއަކަށް ފެން ވަނެވެ. ލިބުނު ގެއްލުންތަކަށް 931,032ރ ވަނީ ހަރަދުކޮށްފަ އެވެ. އަދި ކުރިން އެއްގޮތަކަށް ވެސް ފެންބޮޑުވުމުގެ ހާދިސާއެއް ހިނގާފައިނުވާ ދ. ކުޑަހުވަދޫގައި އެއާޕޯޓު ހެދި ފަހުން ގޭގެއަށް ފެން ވަންނަ ވަރަށް ފެންބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭގެ އެސެސްމަންޓުން ދައްކަ އެވެ.

އެސެސްމަންޓުގައި ބުނެފައިވާ ގޮތުގައި ބިން ހިއްކާފައިވާ ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އިތުރެވެ. އެގޮތުން ދ. މީދޫގެ ބިން ހިއްކި ފަހުން އެ ރަށުގައި ފެންބޮޑުވާކަމަށް ބުނެފައި އެވެ. ށ. ކޮމަންޑޫގައި ބިން ހިއްކައި ރިވެޓްމަންޓް ޖަހާ ނިންމާފައިވާ ސަރަހައްދަށް ބޮޑު ދިޔައިގައި ރާޅު އަރާކަން ވެސް ވަނީ އެސެސްމަންޓްގައި ފާހަގަކޮށްފަ އެވެ.

މަޝްރޫއުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ

ހިސާން ވިދާޅުވީ ފެންބޮޑުވާ މައްސަލަ ހައްލުކުރެވެން އޮތީ މަޝްރޫތައް ހިންގާއިރު ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅިގެން ކަމަށެވެ. އަދި މިހާރު ނިންމާފައިވާ ބައެއް މަޝްރޫތަކަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގު ހެދުން، ބަނދަރު ހެދުން، އަދި ބިންހިއްކުން ފަދަ މަޝްރޫތައް ހިންގާ އިރު ފެން ހިންދުމުގެ ނިޒާމް ހިމަނައިގެން މަޝްރޫ ކުރިއަށް ގެންދާން ޖެހޭ،" ހިސާން ވިދާޅުވި އެވެ.

އެގޮތުން މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ރިންގް ރޯޑާއި ރިންގް ރޯޑާ ގުޅޭ މަގުތަކުގެ ޑްރައިނޭޖް ގާއިމުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގެ މަގުތައް އަލުން ތަރައްގީކުރާ އިރު ފެން ހިންދޭނެ ޒަމާނީ ނިޒާމެއް ހިމެނުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

ރަށްރަށުގައި ހިންގާ މަޝްރޫތަކުގެ ތެރޭގައި ވެސް ފެން ހިންދާނެ ނިޒާމްތަކެއް ހިމަނަން ޖެހެ އެވެ. ހިސާން ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭނީ ގުދުރަތީ ގޮތުން ފެން ހިންދޭ ގޮތަށް ހުރި ކުޅި ފަދަ ވަސީލަތްތައް ހިމާޔަތްކޮށް އެ ވަސީލަތްތައް ހަލާކުނުވާނެ ގޮތަށެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ހިންގާއިރު ރަށުގެ ލެވެލްއަށް ވުރެ އުސްކޮށް ހެދުން ހުއްޓާލަން ޖެހެ އެވެ. އަދި ބިން ހިއްކާއިރު ރަށުގެ ފަސްގަނޑަށް ވުރެ އުސްވާ ސަރަހައްދުގައި ފެން ހިންދޭނެ ގޮތްތަކެއް ގާއިމްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ކާނުތަކެއް ލާފައި ހުރުން. އޭރުން ރަށަށް އެ ފެންގަނޑު ދިއުމުގެ ކުރިން ހިކޭނެތާ،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

ފެންބޮޑުވުމަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެކަން މިހާރު މިވަނީ އާންމު ކަމަކަށް ވެފަ އެވެ. އޭގެ އެއް ސަބަބަކީ ތަރައްގީގެ މަޝްރޫތައް ހިންގާއިރު ރަށުގެ މުޅި ވެއްޓަށް ނުބެލުމެވެ. އެހެންކަމުން ހައްލަކީ ވެސް މަޝްރޫއުތަކާ އެކު، ރަށުގެ ހިމާޔަތުގައި ވެސް ކަމެއް ކުރުމެވެ.