Roadha Mihaaru
ވިއްސާރާގައި ވި ގެއްލުމަށް 1.4 މިލިއަނުގެ އެހީ

ވިއްސާރާގައި 4.6 މިލިއަން ރުފިޔާގެ ގެއްލުން؛ ސަރުކާރުން 1.4 މިލިއަން ދޭނެ

23 ޖޫން 2021

މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި 4.6 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި މި ގެއްލުމާ ގުޅިގެން އެހީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ދޭން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި 4.6 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި މި ގެއްލުމާ ގުޅިގެން އެހީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ދޭން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފި އެވެ.

އެ އޮތޯރިޓީން މިއަދު ބުނީ ވިއްސާރައިގައި އެކި ވަރުގެ ގެއްލުން ލިބިގެން 21 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ގޭގެއަށް ގެއްލުން ލިބިގެން އަދި ދަނޑުބިންތަކާއި އާއްމު ހިދުމަތްދޭ ތަންތަނާއި އޮޑިހަރުގެ ތަކަށް ގެއްލުން ލިބިގެން 13 ރަށަކުންނެވެ.

އެ ރަށްތަކުން 562 ގެއެއްގެ އެސެސްމަންޓު ހެދުމަށްފަހު 384 ގެއަކަށް މާލީ އެހީދޭން ނިންމާފައިވެ އެވެ.

ރަށު ފެންވަރުގައި އަށް ރަށެއްގެ ގޭބިސީތަކަށް ގެއްލުން ލިބުނެވެ. އޭގެ ތެރެއިން އެންމެ ބޮޑެތި ގެއްލުން ލިބިފައިވަނީ އައްޑޫ އާއި ފުވައްމުލަކަށެވެ. އޭގެ އިތުރުން ހއ. އުލިގަމު، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ނެއްލައިދޫ، ނ. މަގޫދޫ އަދި ރ. ދުވާފަރަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި އެ އަށް ރަށުން، ހިފައި ގެންގުޅޭ ތަކެއްޗަށް 3.9 މިލިއަން ރުފިޔާ އަދި ގޭގެ އިމާރާތަށް 642،849ރ. ގެ ގެއްލުމާ އެކު މުޅި ޖުމްލަ ހަ މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ. ނަމަވެސް ހިފައިގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ސަރުކާރުން ދޭނީ ގެއްލުމުގެ 20 ޕަސެންޓެވެ. އެއީ 794،015ރ. އެވެ.

އިމާރާތަށް ލިބޭ ގެއްލުން 150،000ރ. އަށްވުރެ ކުޑަނަމަ އެ ގެއްލުމަށް ސަރުކާރުން އެއްކޮށް އެހީދޭނެ އެވެ. އެ ގޮތަށް އަމަލުކުރަނީ އެ އޮތޯރިޓީން ހަމަޖައްސާފައިވާ އުސޫލެއްގެ ދަށުންނެވެ.

އެހެންވެ، މި ވިއްސާރައިގައި އިމާރާތަށް ގެއްލުން ލިބިގެން އެއް ފަރާތަކަށް މާލީ އެހީގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭނީ 150،000ރ. އެވެ. އެކަމަށް ޖުމްލަ 642،849ރ. ކަނޑައަޅާފައި ވެ އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންވެއްޖެ އެވެ.