Roadha Mihaaru
ތުނބުޅި ނެތުމުން 280 މީހަކު ވަޒީފާއިން ވަކިކުރި

އަފްޣާނިސްތާނުގެ ސަލާމަތީ ހިދުމަތުގެ 280 މީހަކު ތުނބުޅި ނެތުމުން ވަޒީފާއިން ވަކިކުރި

22 އޯގަސްޓް 2024

އަފްޣާނިސްތާނުގެ ސަލާމަތީ ހިދުމަތުގައި ވަޒީފާ އަދާކުރާ 280 މީހަކު ތުނބުޅި ނެތުމުން، މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި މިފަދަ އެހެން ކަންކަމުގައި 13،000 މީހަކު ހައްޔަރުކުރަން ޖެހުނު ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ހިދުމަތުގައި ވަޒީފާ އަދާކުރާ 280 މީހަކު ތުނބުޅި ނެތުމުން، މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި މިފަދަ އެހެން ކަންކަމުގައި 13،000 މީހަކު ހައްޔަރުކުރަން ޖެހުނު ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

އަފްޣާނިސްތާނުގެ އާންމުން ދީނީ ކަންކަން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައި އޮންނަ މިނިސްޓްރީން މިދިޔަ އަހަރުގެ ހިންގި އޮޕަރޭޝަންތަކާ ބެހޭ ގޮތުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން 24 ގަޑިއިރު ތެރޭ ދޫކޮށްލި ކަމަށެވެ. މި ދިން ތަފްސީލްގައި، ބަންދުކުރަން ޖެހުނު މީހުންނަށް ކުރި ތުހުމަތާއި ޖިންސު ވަކިން އެނގޭނެ ގޮތަށް މައުލޫމާތެއް ނުދެ އެވެ.

މިނިސްޓްރީގެ ޕްލޭނިން އެންޑް ލެޖިސްލޭޝަން ޑިރެކްޓަރު މުހިބުﷲ މުޚްލިސް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއުޒިކް ކުޅުމަށް ބޭނުންކުރާ 21،328 އާލާތެއް މިދިޔަ އެއް އަހަރު ތެރޭ އަތުލައިގަނެ ނައްތާލާފައިވާ ކަމަށެވެ. އަދި ބޭއަދަބީ ކަންކަން ހިމެނޭ އެތައް ހާސް ފިލްމެއްގެ ވިޔަފާރި ވެސް ހުއްޓުވާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތާލިބާން ސަރުކާރުން ގަބޫލުކުރާ ދީނީ މިންގަނޑަށް ތުނބުޅި ނެތުމުން ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް 281 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މި މަސައްކަތްކުރާ މިނިސްޓްރީ މިހާރު ހިންގަނީ ތާލިބާނުން 2021 ވަނަ އަހަރު އަލުން ވެރިކަން ހޯދުމަށް ފަހު އުވާލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މިނިސްޓްރީގަ އެވެ. އެއީ ތާލިބާނުން ވެރިކަމަށް އައުމާ އެކު އެންމެ ފުރަތަމަ އުވާލި އެއް މިނިސްޓްރީ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އާންމުންގެ ތެރޭގައި ހެދުން އެޅުމުގެ އާ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ. އެކަމަކު އަހަރީ ހިސާބުތަކުގައި، ހެދުން އެޅުމާ ގުޅޭ މައްސަލަތަކުގައި މީހުންނަށް އެޅި ފިޔަވަޅެއް އަދި އެކަމާ ގުޅޭ މައުލޫމާތެއް ވަކިން އެނގޭނެ ގޮތަކަށް ހިމަނާފައެއް ނުވެ އެވެ.

ތާލިބާނުންގެ ސަރުކާރުން ވަނީ އަންހެނުން މޫނު ބުރުގާ ނާޅައި ބޭރަށް ނުކުތުން މަނާކޮށްފަ އެވެ. އަދި މަހްރަމަކާ އެކު ނޫނީ އަންހެނުން ބޭރުގައި އުޅުން ވެސް މަނަލެވެ.

މުޚްލިސް ވިދާޅުވީ އަންހެނުން "ވިއްކާލަން އުޅުމުގެ" 200 އަށްވުރެ ގިނަ މައްސަލަ ބަލައި އެކަން ހުއްޓުވި ކަމަށާއި އަންހެނުންނަށް ކުރާ އަނިޔާގެ 2،600 އަށްވުރެ ގިނަ މައްސަލަ ވެސް ބަލާފައިވާނެ ކަމަށެވެ.