Roadha Mihaaru

އިސްލާމީ ލީޑަރުން ތާލިބާނުންނަށް ގާނޫނީ ހައިސިއްޔަތެއް ނުދޭން މަލާލާ ގޮވާލައިފި

އަފްޣާނިސްތާނުގެ ތާލިބާނުންގެ ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ނުދިނުމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ތައުލީމަށް ހުރަސް އެޅުމާ ދެކޮޅު ހަދައި ހަގީގީ ލީޑަޝިޕް ދެއްކުމަށް، ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ މަލާލާ ޔޫސުފްޒާއީ އިސްލާމީ ލީޑަރުންނަށް އިއްޔެ ގޮވާލައިފި އެވެ.

ތާލިބާނުންނަށް ހައިސިއްޔަތެއް ނުދޭން މަލާލާ ގޮވާލައިފި

އަފްޣާނިސްތާނުގެ ތާލިބާނުންގެ ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ނުދިނުމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ތައުލީމަށް ހުރަސް އެޅުމާ ދެކޮޅު ހަދައި ހަގީގީ ލީޑަޝިޕް ދެއްކުމަށް، ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ މަލާލާ ޔޫސުފްޒާއީ އިސްލާމީ ލީޑަރުންނަށް އިއްޔެ ގޮވާލައިފި އެވެ.

"އެ މީހުންނަށް ގާނޫނީ ހައިސިއްޔަތެއް ނުދޭތި،" ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިހާރު ކުރިއަށްދާ، މުސްލިމް ގައުމުތަކުގައި އަންހެން ކުދިންގެ ތައުލީމު ދިނުމާ ބެހޭ ސަމިޓުގައި މަލާލާ ގޮވާލި އެވެ.

"މުސްލިމް ލީޑަރުންގެ ހައިސިއްޔަތުން މިވަގުތަކީ އަޑު އުފުލަންވީ ވަގުތު، ބާރުގެ ބޭނުން ކުރަންވީ ވަގުތު. ހަގީގީ ލީޑާޝިޕް ދައްކާލެވިދާނެ. ހަގީގީ އިސްލާމް ދީން ދައްކައިދެވޭނެ،" އުމުރުން 27 އަހަރުގެ މަލާލާ ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި މުސްލިމް ވޯލްޑް ލީގުގެ ތާއީދާ އެކު އިސްލާމުންގެ އަޣުލަބިއްޔަތު އޮންނަ އެތައް ގައުމެއްގެ ވަޒީރުންނާއި ތައުލީމީ ދާއިރާގެ އޮފިޝަލުން ވަނީ އެއްތަންވެފަ އެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަލުން ވެރިކަމަށް އައުމަށް ފަހު، ތާލިބާނުންގެ ސަރުކާރުން ވަނީ ދެ ޖިންސުގެ މީހުންނާ މެދު އަމަލުކުރާ ގޮތް ވަރަށް ބޮޑަށް ތަފާތުކޮށްފަ އެވެ.

ތާލިބާނުންގެ ފިޔަވަޅުތަކުގެ ސަބަބުން ސެކަންޑަރީ ސްކޫލާއި ޔުނިވާސިޓީގެ ތައުލީމާއި ސަރުކާރުގެ ގިނަ ވަޒީފާތަކުން އަންހެނުންނާއި އަންހެން ކުދިން ވަނީ ބާކީވެފަ އެވެ.

ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރު ޚާލިދު މަގްބޫލް ސިއްދީގީ ހޮނިހިރު ދުވަހު އޭއެފްޕީއަށް ވިދާޅުވީ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ މަންދޫބުންނަށް މި ބައްދަލުވުމަށް ދައުވަތު ދިން ނަމަވެސް ބައިވެރި ނުވި ކަމަށެވެ.

"ސީދާކޮށް ބުނަންޏާ ތާލިބާނުން އަންހެނުން ދެކެނީ އިންސާނުންގެ ގޮތުގައެއް ނޫން،" ކޮންފަރެންސްގައި މަލާލާ ބުންޏެވެ.

"ދީނާއި ސަގާފަތުގެ ނިވަލުގައި އެ މީހުން އަބަދުވެސް ދަނީ އެ މީހުންގެ ކުށްތައް ފޮރުވަމުން."

އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ވަކާލާތުކޮށް ތާލިބާނުންނާ ދެކޮޅަށް އަޑު އުފުލުމުގައި އުޅެނިކޮށް ޕާކިސްތާނުގެ ތާލިބާނުން 2012 ވަނަ އަހަރު އުމުރުން 15 އަހަރުގައި މަލާލާގެ ބޮލަށް ބަޑިޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ. ހަނި ގޮތަކަށް ފުރާނަ ސަލާމަތްވި މަލާލާގެ މަސައްކަތުގެ އަގު ވަޒަންކޮށް 2014 ވަނަ އަހަރު ނޯބެލްގެ ސުލްހައިގެ އިނާމު ވަނީ ދީފަ އެވެ.

"ތާލިބާނުން އެ މީހުން ބޭނުންވާ ކަންތައް ވަރަށް ސާފުކޮށް ބުނަނީ: އެ މީހުން ބޭނުންވަނީ އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކުން ވެސް އަންހެނުންނާއި އަންހެން ކުދިން ބާކީކޮށް މުޖުތަމައުން އެކަހެރިކުރަން،" ކޮންފަރެންސްގައި މަލާލާ ބުންޏެވެ.

އެއްވެސް ގައުމަކުން ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައެއް ނުގަނެ އެވެ. އެކަމަކު ސަރަހައްދީ އެކި ސަރުކާރުތަކުން އެކި ސިފަސިފައިގައި ތާލިބާނުންނާ ގުޅުންތައް ބާއްވައި ވިޔަފާރި އާއި ސަލާމަތީ ކަންކަން ފަދަ އެކި މައްސަލަތަކުގައި ވާހަކަ ދައްކަ އެވެ.