Roadha Mihaaru
ފިރިހެނުން ޑޮކްޓަރަށް ދައްކަން ޖެހިލުންވަނީ ކީއްވެ؟

ފިރިހެނުން ޑޮކްޓަރަށް ދައްކަން ބޭނުން ނުވަނީ ކީއްވެ؟

14 ޖޫން 2016

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން ގިނަ ފިރިހެނުން ކިތަންމެ ބަލިވިޔަސް ޑޮކްޓަރަށް ދައްކަން ބޭނުމެއް ނުވެ އެވެ. މި މީހުން ޑޮކްޓަރަށް ނުދައްކަން ދައްކާނެ ވަރަށް ގިނަ ބަހަނާ ހުންނާނެ އެވެ. އެންމެ އާންމު އުޒުރަކީ ބިޒީވުމެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން ގިނަ ފިރިހެނުން ކިތަންމެ ބަލިވިޔަސް ޑޮކްޓަރަށް ދައްކަން ބޭނުމެއް ނުވެ އެވެ. މި މީހުން ޑޮކްޓަރަށް ނުދައްކަން ދައްކާނެ ވަރަށް ގިނަ ބަހަނާ ހުންނާނެ އެވެ. އެންމެ އާންމު އުޒުރަކީ ބިޒީވުމެވެ.

އެމެރިކާ މީހުންގެ މެދުގައި އޮންލައިންކޮށް މި ސާވޭ ހަދާފައި ވަނީ ސެންޓްރަލް ފްލޮރިޑާގައި ސިއްހީ ޚިދުމަތްދޭ ތަނެއް ކަމަށްވާ އޯލެންޑޯ ހެލްތުން އެދިގެން ހެރިސް ޕޯލް އިން ނެވެ.

އޭޕްރީލް މަހު ކޮށްފައިވާ މި ސާވޭގައި 18 އަހަރުން މަތީގެ 2،042 މީހުން ބައިވެރިވި އެވެ.

މި ސާވޭން ދެއްކި ގޮތުގައި ގޮލްފް ކުޅުމާއި ކުޅިވަރެއް ކުޅޭތަން ބެލުމުގައި ފިރިހެނުން 34 ގަޑިއިރު ވެސް ހޭދަކޮށްފާނެ އެވެ. ނުވަތަ އެކުވެރިންނާ އެކު ދަތުރެއް ގޮސްލަން ވެސް އެމީހުން ވަގުތު ހުސްކޮށްފާނެ އެވެ. ނަމަވެސް ބަލިވެގެން ޑޮކްޓަރަށް ދެއްކުން އެއްކިބައިގައި ބާއްވާފައި، އަހަރަކު އެއްފަހަރު 90 މިނިޓްގެ ސިއްހީ ޗެކްއަޕެއް ހަދާލަން ވެސް ފިރިހެނުންނަށް ވަގުތުވާ ކަމަކަށް ނުވެ އެވެ. މިއީ މިކަން ވާން ޖެހޭނެ ގޮތް ނޫން ނަމަވެސް މިކަން ހިނގަނީ މިގޮތަށް ކަމަށް ފްލޮރިޑާގެ މެންސް ހެލްތު އެކްޓިވިސްޓް ޖެމިން ބްރަމްބަޓް ވިދާޅުވި އެވެ.

ޑްރައިވް ފޯ މެންސް ހެލްތުގެ ނަމުގައި ކެމްޕެއިނެއް ކުރިޔަށް ގެންދިއުމުގައި ވެސް އިސްކޮށް އުޅުއްވާ ބްރަމްބަޓް ފިރިހެނުންނަށް ކުރާ އިލްތިމާސަކީ އެ މީހުންގެ ސިއްހަތަށް މިހާރަށް ވުރެ ބޮޑަށް އިސްކަން ދިނުމެވެ. ސިއްހަތާ މެދު ފަރުވާ ކުޑަ ނުކުރުމަށެވެ.

މި ސާވޭގެ މައުލޫމާތަށް ބަލާއިރު ފިރިހެނުން ޑޮކްޓަރަށް ނުދައްކަން އެންމެ ގިނައިން ބަހަނާ ދައްކާ އެއް ސަބަބަކަށް އެމީހުންގެ ސިއްހީ މައްސަލައެއް ހުރިކަން އެނގިދާނެތީ ގަންނަ ބިރު ހިމެނެ އެވެ. އަދި ސާވޭގައި ބައިވެރިވި ގިނަ ފިރިހެނުން ބުނެފައިވާ ގޮތުގައި ބައްޔެއް ހުރިތޯ ހަށިގަނޑުގެ ބައިތަކުގެ ތެރެއިން ޕްރޮސްޓޭޓް ކަހަލަ ތަންތަން ޗެކްކުރުމަކީ އެމީހުން އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ.

މީހުން މަރުވާ އެވްރެޖް އުމުރު ނިސްބަތުން މިހާރު އަންހެނުންނަށް ވުރެ ފިރިހެނުން އުޅެނީ ފަސް އަހަރު ފަހަތިގަ އެވެ. މީގެ އެންމެ ބޮޑު ސަބަބެއް ކަމަށް ސިއްހީ މާހިރުން ގަބޫލު ކުރަނީ ފިރިހެނުން އެމީހުންގެ ސިއްހަތާ މެދު ފަރުވާ ކުޑަ ކުރާތީ އެވެ. އަންހެނަކު ނަމަ ބައްޔެއް ވާއިރަށް ޑޮކްޓަރަށް ދައްކައިގެން ބޭސް ބޭނުންކޮށް ހަދަ އެވެ. ނަމަވެސް ފިރިހެނުން ބައްޔަށް ވަރަށް ބޮޑުވަރު ވަންދެން ވެސް ކަމަކަށް ނުހަދާ ތިބެ އެވެ.