Roadha Mihaaru
ދަތު ރިހުމަށް ލުއި ހޯދަން ގޭގައި ކުރެވިދާނެ ކަންކަން

ދަތު ރިހުމަށް ލުއި ހޯދަން ގޭގައި ކުރެވިދާނެ ކަންކަން

28 އޮކްޓޯބަރ 2020

ދަތެއްގައި ރިއްސުމަކީ ވޭން ހުރި ކަމެކެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ އަބަދު ވެސް ދަތްތައް ރީތިކޮށް ބެހެއްޓުމެވެ. ދަތް ފަނިކެއުމާއި ކޮބަޑި ޖެހުމާއި ހިރުގަނޑު ހަލާކުވުމަށް މަގުފަހިވާ ކަހަލަ އެއްޗިއްސާ ކަންކަމާ ދުރުވުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަތެއްގައި ރިއްސުމަކީ ވޭން ހުރި ކަމެކެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ އަބަދު ވެސް ދަތްތައް ރީތިކޮށް ބެހެއްޓުމެވެ. ދަތް ފަނިކެއުމާއި ކޮބަޑި ޖެހުމާއި ހިރުގަނޑު ހަލާކުވުމަށް މަގުފަހިވާ ކަހަލަ އެއްޗިއްސާ ކަންކަމާ ދުރުވުމެވެ.

މި ކިޔައިދެނީ ދަތުގައި ރިއްސާ ނަމަ ލުއިކަން ހޯދަން ގޭގައި ކޮށްލެވިދާނެ ބައެއް ކަންކަމެވެ.

* ލޮނުފެން

ފެން ތައްޓެއްގެ ތެރެއަށް ލޮނުކޮޅެއް އަޅައި އަނގަ ދޮންނާށެވެ. އަނގައިގެ ތެރޭގައި ފެން ދައުރުކުރުން ރަނގަޅުވާނެ އެވެ. މިގޮތަށް ތަރާރުކޮށް ހެދުމުން ރިހުން ކުޑަކޮށްދެ އެވެ.

* އައިސް ޕެކް

މި ވެސް ދަތެއްގައި ރިއްސާ ނަމަ ފަސޭހައިން ހައްލަކަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ރިއްސާ ދިމާލުގައި ޕެކް ޖައްސާގައިގެން އިނުމުން ލުއިވާން ފަށާނެ އެވެ. ހަމަ މިގޮތަށް އައިސް ކިއުބް ވެސް ބޭނުންކޮށްލެވިދާނެ އެވެ. އެ އެއްޗެހި ބޭނުން ކުރާ އިރު ކޯމައްޗާއި ދަތްދޮޅި މަސާޖް ވެސް ކޮށްލެވިދާނެ އެވެ. އޭރުން، ދުޅަވެފައި ހުންނަ ތަންތަން ވެސް ރަނގަޅުކޮށްދޭނެ އެވެ.

އެލޯ ވެރާ ޖެލް

އެލޯ ވެރާ ޖެލް އަކީ އެތައް ކަމަކަށް ބޭނުން ކުރެވޭ ވަރަށް ފައިދާ ހުރި އެއްޗެކެވެ. ދަތެއްގައި ރިއްސާ ނަމަ އެކަމަށް ވެސް މި ޖެލް ބޭނުން ކުރެވިދާނެ އެވެ. އެލޯ ވެރާ ޖެލް އިން އަނގަތެރެ ސާފުކޮށްލައި ހިރުގަނޑު ވެސް ވަރުގަދަކޮށްލަން ބޭނުންކުރެވިދާނެ އެއްޗެކެވެ. މީގެ ސަބަބުން ދަތަށް ދިމާވާ މައްސަލަތައް ވެސް ކުޑަކޮށް ދޭނެ އެވެ.

* ކަރަންފޫ ފެން

ދަތެއްގައި ރިއްސާ ނަމަ އަނގަޔަށް ކަރަންފުލެއް ލުމަކީ ހައްލަކަށްވާކަން ގިނަ ބަޔަކަށް އެނގޭނެ އެވެ. ހިރުގަނޑުގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ކަރަންފުލުގެ ސަބަބުން ކުޑަކޮށްދޭނެ އެވެ. ދަތެއްގައި ރިއްސާ ނަމަ ކަރަންފޫ ބޭނުންކުރުމުން، ދަތުގެ ރިހުމުގެ ސަބަބުން އަންނަ އައްސިކަން ވެސް ކަނޑުވައިދޭނެ އެވެ.

* ލޮނުމެދު

ދަތުގައި ރިއްސާ ނަމަ ލޮނުމެދަކީ ވެސް އަވަސް ހައްލަކަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ލޮނުމެދެއް ޗިސްކޮށްފައި ކުޑަކުޑަ ލޮނުކޮޅާ މިކްސްކޮށް، ރިއްސާ ދިމާލުގައި ހާކާލުމުން ވެސް ލުއިވާން ފަށާނެ އެވެ.

މިކަން ކަމަކީ ދަތެއްގައި ރިއްސާ ނަމަ އަމިއްލަ އަށް ކުރެވިދާނެ ކަންކަމެކެވެ. އެހެން ވިޔަސް ޑެންޓިސްޓެއްގެ ލަފަ އާއި އިރުޝާދު ހޯދުމަކީ ވެސް މުހިއްމު ކަމަކަށް ވާނެ އެވެ.