Roadha Mihaaru
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ

އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިން: ރޮނާލްޑޯ އާއި މެސީގެ ފަހަތުން ތިން ވަނައިގައި ދަގަނޑޭ

27 އޯގަސްޓް 2024

ދިވެހި ފުޓްބޯޅައާ ގުޅޭގޮތުން ފަހަކަށް އައިސް އިވެނީ ހުސް ނުރަނގަޅު ވާހަކަތަކެވެ. ފުޓްބޯޅަ އެސޯސިއޭޝަން ވާވެ، މުބާރާތްތައް ހުއްޓި، ކުޅުންތެރިން ތިބީ ގޮތްހުސްވެފަ އެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު ރޭ ދިވެހިން ސޯޝަލް މީޑިއާގައި ޝެއާކުރަމުން ދިޔައީ ދިވެހި ފުޓްބޯޅައާ ގުޅޭ އުފާވެރި ވާހަކަ އެކެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިވެހި ފުޓްބޯޅައާ ގުޅޭގޮތުން ފަހަކަށް އައިސް އިވެނީ ހުސް ނުރަނގަޅު ވާހަކަތަކެވެ. ފުޓްބޯޅަ އެސޯސިއޭޝަން ވާވެ، މުބާރާތްތައް ހުއްޓި، ކުޅުންތެރިން ތިބީ ގޮތްހުސްވެފަ އެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު ރޭ ދިވެހިން ސޯޝަލް މީޑިއާގައި ޝެއާކުރަމުން ދިޔައީ ދިވެހި ފުޓްބޯޅައާ ގުޅޭ އުފާވެރި ވާހަކަ އެކެވެ.

ޕްރޮފެޝަނަލް ފުޓްބޯޅައިގައި މި ގަރުނުގައި މުޅި ދުނިޔެ އިން އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓެއް އިނގިރޭސި ކުޅިވަރު މީޑިއާއެއް ކަމަށްވާ 'ގިވްމީސްޕޯޓްސް' އިން އާއްމުކުރިއިރު އޭގެ ތިން ވަނައިގައި ވަނައިގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އޮތުމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އިޕްސްވިޗް ޓައުން އަތުން 4-1 އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ނޯވޭ ފޯވާޑް އާލިން ހާލާންޑް ހެދި ހެޓްރިކާ އެކު އޭނާގެ ޖުމްލަ 23 އަށް އެރުމުން އެކަން ފާހަގަކޮށް އާއްމުކުރި ލިސްޓުގައި ދަގަނޑޭ އަށް ވުރެ ކުރީގައި އޮތް ހަމައެކަނި ދެ ކުޅުންތެރިންނަކީ 66 ހެޓްރިކް ހެދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި 57 ހެޓްރިކާ އެކު ލިއޮނަލް މެސީ އެވެ.

ދަގަނޑޭއާ އެންމެ ކައިރީގައި އޮތީ 31 ހެޓްރިކް ހަދައިގެން ހަތަރު ވަނައިގައި އޮތް ބާސެލޯނާގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ. ލިސްޓުގެ ފަސް ވަނައިގައި އޮތީ 30 ހެޓްރިކާ އެކު އެލްއޭ ގެލެކްސީގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.

'ގިވްމީސްޕޯޓްސް' އިން އާއްމުކުރި 21 ކުޅުންތެރިންގެ ލިސްޓުގައި ދަގަނޑޭއާ އެކުޔ ހިމެނެނީ އޭޝިއާގެ އެންމެ ތިން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި 22 ހެޓްރިކާ އެކު 11 ވަނައިގައި އޮތް ސިންގަޕޫރުގެ އެލެކްސެންޑާ ޑުރިކް ހިމެނެ އެވެ. ޔޫގޮސްލާވިއާ އަށް އުފަން އެކަމަކު ސިންގަޕޫރު ގައުމީ ޓީމަށް ކުޅެފައިވާ ޑުރިކް ވަނީ އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅެފަ އެވެ. ދެން ހިމެނެނީ 20 ހެޓްރިކް ހަދައިގެން ލިސްޓުގެ 16 ވަނައިގައި އޮތް ސީރިއާގެ ފިރާސް އަލް ޚަތީބް އެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް ކަމަށްވާ ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އަށް ލިބެނީ ލިސްޓުން 18 ވަނަ އެވެ. އޭނާ ހަދާފައިވަނީ 19 ހެޓްރިކެވެ.

ރަސްމީކޮށް ރިޓަޔާކޮށްފައި ނުވީ ނަމަވެސް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އަޝްފާގް ހަދާފައިވާ 35 ހެޓްރިކުގެ ތެރޭގައި ގައުމީ ޓީމަށް ހެދި ހަތަރު ހެޓްރިކް ހިމެނެ އެވެ.

ދަގަނޑޭ (ކ) ގައުމީ ޖާޒީގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

ދަގަނޑޭ (ކ) ގައުމީ ޖާޒީގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

އޭގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ވޯލްޑް ކަޕް ކޮލިފައިންގައި ޑިސެމްބަރު 2003 ގައި މޮންގޯލިއާ އަތުން 12-0 އިން ރާއްޖެ މޮޅުވި މެޗުގައި ހެދި ހެޓްރިކެވެ. އެ މެޗާ އެކު ދަގަނޑޭ ވެގެންދިޔައީ ގައުމީ ޓީމަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. އަދި ގައުމީ ޓީމަށް ލަނޑެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދީ އެ މެޗުގަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި 2012 ވަނަ އަހަރު ކެމްބޯޑިއާ އަތުން 4-0 އިން ރާއްޖެ މޮޅުވި މެޗުގައި ދަގަނޑޭ ހެދި ހެޓްރިކް ވެސް ހިމެނެ އެވެ. ދެން ހިމެނެނީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ހެދި ދެ ހެޓްރިކެވެ. އެއީ ސްރީ ލަންކާ އަތުން 10-0 އިން މޮޅުވި މެޗާއި، ބޫޓާން އަތުން 8-2 އިން މޮޅުވި މެޗެވެ.

އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ފެށި ކެރިއަރުގައި ދަގަނޑޭ ކުޅުނު ބޮޑު ކޮންމެ ޓީމެއްގެ ޖާޒީގައި އޭނާ ހެޓްރިކް ހެދި އެވެ. އޭގެ ތެރޭގައި ވެލެންސިއާ، ނިއު ރޭޑިއަންޓް، އަދި ވީބީ އައްޑޫ އެފްސީ ފާހަގަކުރެވެ އެވެ. ކްލަބް ލެވެލްގައި އެންމެ ފާހަގަކުރެވޭ އެއް ހެޓްރިކަކީ 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އަތުން 3-1 އިން ނިއު މޮޅުވި މެޗުގައި ހެދި ހެޓްރިކެވެ.

ކްލަބް ކެރިއަރުގައި 457 މެޗުން 409 ގޯލް އަދި، ގައުމީ ޓީމުތަކަށް 98 މެޗުން 58 ގޯލް ޖަހާފައިވާ ދަގަނޑޭ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަންބޫޓު ހަތް ފަހަރު އަދިރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދައިފަ އެވެ.

މެލޭޝިއާގެ ޕީޑިއާރްއެމްއާ އެކު 2014 ގެ މެލޭޝިއާ ޕްރިމިއާ ލީގާއި ރާއްޖޭގެ ޕޮމިސް ކަޕް ކާމިޔާބުކޮށްފައިވާ ދަގަނޑޭ ހިމެނެނީ ރާއްޖޭން ބޭރު ޓީމަކާ އެކު ތަށި ކާމިޔާބުކުރި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އަށެވެ.

ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިން:

1- ކްރިސްޓިއާނޯ ރޮނާލްޑޯ: 66 ހެޓްރިކް

2- ލިއޮނަލް މެސީ: 57 ހެޓްރިކް

3- އަލީ އަޝްފާގް: 35 ހެޓްރިކް

4- ރޮބަޓް ލެވޮންޑޮސްކީ: 31 ހެޓްރިކް

5- ލުއިސް ސުއަރޭޒް: 30 ހެޓްރިކް

9- އާލިން ހާލަންޑް: 23 ހެޓްރިކް

10- ހެރީ ކޭން: 22 ހެޓްރިކް

14- ނޭމާ: 21 ހެޓްރިކް

17- ޒަލަޓާން އިބްރަހިމޮވިޗް: 20 ހެޓްރިކް

18- ކީލިއަން އެމްބާޕޭ: 19 ހެޓްރިކް

21- ސާޖިއޯ އަގުއޭރޯ: 18 ހެޓްރިކް