Roadha Mihaaru
ދަގަނޑޭ ކޮވިޑަށް ނެގަޓިވް، އަލުން ޓީމާ ގުޅެނީ

ދަގަނޑޭ ކޮވިޑުން ރަނގަޅުވެއްޖެ، އަލުން ޓީމާ ގުޅެނީ

04 ޖޫން 2021

ގައުމީ ޓީމު ޑުބާއީގައި ކުރިއަށް ގެންދިޔަ ޓްރެއިން ކޭމްޕްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑުން ރަނގަޅުވެ، ގައުމީ ޓީމާ އަލުން ގުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ގައުމީ ޓީމު ޑުބާއީގައި ކުރިއަށް ގެންދިޔަ ޓްރެއިން ކޭމްޕްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑުން ރަނގަޅުވެ، ގައުމީ ޓީމާ އަލުން ގުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ދަގަނޑޭ މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ކުރި ޓެސްޓުތަކުން ކޮވިޑަށް ނެގަޓިވްވެފައިވާ ކަމަށެވެ. އަދި މާދަމާ ގައުމީ ޓީމާ އަލުން ގުޅޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސީރިއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދަގަނޑޭ އަށް ނުކުޅެވުނަސް، ކޮލިފައިންގައި ޗައިނާ އާއި ފިލިޕީންސްގައި ކުޅެންޖެހޭ މެޗުގައި ދަގަނޑޭ އަށް މިހާރު ކުޅެވޭނެ އެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ ޑުބާއީގައި ކުރިއަށް ގެންދިޔަ ޓްރެއިން ކޭމްޕަށް ފަހު، ޗައިނާ އަށް ފުރުމުގެ ގޮތުން ހެދި ޓެސްޓްތަކުންނެވެ. ދަގަނޑޭއާއެކު، ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ދަގަނޑޭ ކޮވިޑަށް ނެގަޓިވްވެ، އަލުން ގައުމީ ޓީމާ ގުޅުމުގެ ފުރުސަތު ލިބުމަކީ ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުރިން ޗައިނާގައި ކުޅެން އޮތް ނަމަވެސް، ކޮވިޑަށް ބައެއް ކުޅުންތެރިން ޕޮޒިޓިވްވިމުން ރާއްޖެ އާއި ސީރިއާގެ ޓީމަށް ޗައިނާ އަށް ދަތުރުކުރުމުގެ ހުއްދަ ޗައިނާގެ ސަރުކާރުން ނުދިނެވެ. އެހެންވެ، އޭއެފްސީން ވަނީ ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗުތައް ދުބާއީގައި ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.

ކޮލިފައިންގައި އަންނަ ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

ކޮލިފައިންގައި މިރޭ ރާއްޖެ އާއި ސީރިއާ ބައްދަލުކުރާ މެޗު ފަށާނީ މާލޭ ގަޑިން 21:00ގަ އެވެ. މި މެޗު "ޔެސް ޓީވީ" އިން ލައިވްކުރާނެ އެވެ.