Roadha Mihaaru
"ދަގަނޑޭއާ އެއް ޓީމަކަށް ކުޅޭތީ ތަފާތު ފެންނާނެ"

ދަގަނޑޭއާ އެއް ޓީމަކަށް ކުޅޭތީ ތަފާތު ފެންނާނެ: އަސަދުﷲ

01 ސެޕްޓެމްބަރ 2016

އަލީ އަޝްފާގް (ދަގަނޑޭ) އާ އެއް ކްލަބަކަށް ކުޅޭތީ އެ ތަފާތު ގައުމީ ޓީމުގައި ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް އޭނާއާ އެކު މާޒިޔާގެ ފޯވާޑްލައިން ބަލަހައްޓަމުން އަންނަ އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަލީ އަޝްފާގް (ދަގަނޑޭ) އާ އެއް ކްލަބަކަށް ކުޅޭތީ އެ ތަފާތު ގައުމީ ޓީމުގައި ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް އޭނާއާ އެކު މާޒިޔާގެ ފޯވާޑްލައިން ބަލަހައްޓަމުން އަންނަ އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

ގައުމީ ޓީމުގެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަ ދެ ކުޅުންތެރިން އެ ކްލަބަށް ކުޅެން ފެށީ، މީގެ ދެ މަސް ކުރިން ދަގަނޑޭ، މާޒިޔާއަށް ބަދަލުވި ހިސާބުންނެވެ. އަސަދުﷲ ވެލެންސިއާ އާއި މާޒިޔާ އަށް ކުޅުނުއިރު ދަގަނޑޭ މިދިޔަ ފަސް އަހަރު ފެނުނީ ނިއު ރޭޑިއަންޓުންނާއި މެލޭޝިއާގެ ޕީޑީއާރްއެމް އިންނެވެ.

"ގައުމީ ޓީމުގައި އެއްކޮށް ކުޅޭތާ ހަތަރު އަހަރުވެއްޖެ. ގައުމީ ޓީމުގައި އެއްކޮށް ޕްރެކްޓިސްކޮށް މެޗުތައް ކުޅެމުން މި އަންނަނީ. އެކަމަކު އެއް ކްލަބަކަށް ކުޅެފައި ގައުމީ ޓީމަށް ކުޅޭއިރު ތަފާތު ފެންނާނެ ކަމަށް އުއްމީދުކުރަނީ،" އަސަދުﷲ ބުންޏެވެ.

އެއް ކްލަބަކަށް ކުޅެން ފެށި ފަހުން ދެ ކުޅުންތެރިން އެކުގައި ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަސަދުﷲ ބުނީ މިރޭގެ މެޗަށް ނުކުންނައިރު އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ސީޒަނުގެ މެދުތެރެއަށް ވުމުން ހުރިހާ ކުޅުންތެރިން ފިޒިކަލީ ތިބީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

"ވަރަށް އުއްމީދު އެބައޮތް،" އޭނާ ބުންޏެވެ. "ތަފާތު ފެންނާނެ މިރޭގެ މެޗުގައި. މޮޅު ކުޅުމަކާ އެކު ގޯލް ޖަހައިގެން މޮޅުވާން މަސައްކަތްކުރާނީ."

އަސަދުﷲ ބުނީ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓަކީ ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރާ ކޯޗެއް ކަމަށާއި އެކަމާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަދި ދެ ތިން ޕްރެކްޓިހެއްކޮށްލެވުނީ. އެހެންވެ ޓެކްޓިކްސްއާ ބެހޭގޮތުން އެއްޗެއް ބުނަން އަވަސް. އެކަމަކު ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރާ ކޯޗެއް މިއީ. ވަރަށް ހިތްހަމަޖެހޭ މި ކޯޗާ މެދު،" އަސަދުﷲ ބުންޏެވެ.