Roadha Mihaaru
ގަދަފަދަ އިންޑިއާ ބަލިކޮށް ބަންގްލަދޭޝް ފައިނަލަށް

ގަދަފަދަ އިންޑިއާ ބަލިކޮށް ބަންގްލަދޭޝް ޔޫތު ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް

27 އޯގަސްޓް 2024

ޕެނަލްޓީ ޖަހައިގެން ގަދަފަދަ އިންޑިއާ 4-3 އިން ބަލިކޮށް ބަންގްލަދޭޝް އިން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން އިއްޔެ ޖާގަ ހޯދައިފި އެވެ.

ޕެނަލްޓީ ޖަހައިގެން ގަދަފަދަ އިންޑިއާ 4-3 އިން ބަލިކޮށް ބަންގްލަދޭޝް އިން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން އިއްޔެ ޖާގަ ހޯދައިފި އެވެ.

ނޭޕާލުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުގައި މާދަމާ ބަންގްލަދޭޝް އިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ ގައުމު ފައިނަލަށް ދިޔައީ ސެމީ ފައިނަލުން ބޫޓާން އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން މޮޅުވެގެންނެވެ.

ނޭޕާލުގެ ލަލިތުޕޫރުގައި އިއްޔެ ކުޅުނު ސެމީގެ މެޗުގެ 36 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ އަސަދުލް އިސްލާމް ޝަކީބް ލީޑު ނެގި އެވެ. އިންޑިއާ އިން އެއްވަރުކުރީ 75 ވަނަ މިނެޓުގައި ކެޕްޓަން ރިކީ މީޓެއީ ހޯބަމް ޖެހި ލަނޑުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި އިންޑިއާގެ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ބަންގްލަދޭޝްގެ ބަދަލު ގޯލްކީޕަރު މުހައްމަދު އާސިފް މަތަކުރި އެވެ. ބަންގްލަދޭޝް އިން ހަތަރު ޕެނަލްޓީ ވެސް ވައްދާލި އެވެ.

އިންޑިއާ އަކީ މި ސަރަހައްދުން އެންމެ ވަރުގަދަ ޔޫތު ސިސްޓަމެއް އޮންނަ ގައުމެވެ. ފީފާގެ ވެސް ވަރަށް ބޮޑު އެހީއާ އެކު ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުން އަންނަ އިންޑިއާ އިން 2017 ވަނަ އަހަރު އެ ގައުމުގައި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބާއްވައި އެ މުބާރާތަށް ވަރުގަދަ ޓީމެއް ވެސް ތައްޔާރުކުރި އެވެ.

އެހެންވެ އިންޑިއާ އަތުން މޮޅުވުމަކީ ބަންގްލަދޭޝް އަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ބަންގްލަދޭޝް އަކީ ދެކުނު އޭޝިއާ ފުޓްބޯޅައިގައި އިންޑިއާ އާއި ރާއްޖެ ނަގާފައި އެންމެ ކާމިޔާބު ގައުމު ވެސް މެ އެވެ. ކުރިން ވަރުގަދަ ލީގެއް އޮތް ބަންގްލަދޭޝްގެ ފުޓްބޯޅަ ވަޅުޖެހިފައި އޮތުމަށް ފަހު އަނެއްކާ ވެސް އަންނަނީ ކުރިއަރަމުންނެވެ.

މި މުބާރާތުގައި ރާއްޖެ ވާދަކުރީ އިންޑިއާ އާއި ބޫޓާންއާ އެކު ގްރޫޕް ބީ ގަ އެވެ. ރާއްޖެ ކެޓީ ބޫޓާން އަތުން 2-1 އިން އަދި އިންޑިއާ އަތުން 1-0 އިން ބަލިވުމުންނެވެ.